ކުޅިވަރު

ވޮލީގެ ފިރިހެން ޓީމަށް މި އަހަރު ބައިނަލްއަގުވާމީ ފުރުސަތުތަކެއް


ފިރިހެނުންގެ ގައުމީ ވޮލީބޯޅަ ޓީމަށް މި އަހަރު ބައިނަލްއަގުވާމީ ގިނަ ފުރުސަތުތަކެއް ލިބޭގޮތަށް ސަރަހައްދީ މުބާރާތްތައް ތާވަލުކޮށްފިއެވެ.

ޕީއެސްއެމުން ގެނެސްދިން "ކުޅިވަރު ވިންދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންސް (ކާވާ) ގެ ރައީސް މުޙައްމަދު ލަތީފް ވިދާޅުވީ މި އަހަރު ސްރީ ލަންކާގައި އޮންނަ 20 އަހަރުން ދަށުގައި ވޮލީ މުބާރާތުގައި ރާއްޖެއިން ވާދަކުރާނެ ކަމަށެވެ. އަދި މީގެ އިތުރުން އުޒްބެކިސްތާންގައި އޮންނަ 18 އަހަރުން ދަށުގެ ވޮލީ މުބާރާތުގައި ރާއްޖެއިން އަންހެން އަދި ފިރިހެން ޓީމެއްވެސް ބައިވެރިވާނެ ކަމަށް ވިދާޅުވިއެވެ.

ހުސްވި ހަފުތާގައި ކާވާގެ ދެވަނަ ދައުރަކަށް ރައީސްގެ މަގާމަށް އިންތިޚާބުވި ލަތީފް ވިދާޅުވީ މި އަހަރު އެންމެ ބޮޑު ފޯކަސްއެއް ދެވޭނީ އޮކްޓޯބަރު މަހު ބަންގަލަދޭޝްގައި އޮންނަ ކާވާ ޗެލެންޖް ކަޕް މުބާރާތަށް ކަމަށާއި، އެ މުބާރާތަށް ގައުމީ ޓިމުން ވަރަށް ރަނގަޅަށް ތައްޔާރުވާނެ ކަމަށެވެ. އަދި އެއްމީދަކީ ރަނގަޅު ޕްލޭނެއްގެ ދަށުން ރާއްޖޭގެ ފިރިހެން ޓީމަށް މުބާރާތުން މެޑެއްޔެއް ހޯދުން ކަމަށްވެސް ވިދާޅުވިއެވެ.

"
ވަރަށް ފޯކަސްކޮށްގެން މިފަހަރު އަޅުގަނޑުމެން ބޭނުން އެކްޓޯބަރު މަހު ބަންގަލަދޭޝްގައި އޮންނަ ކާވާ ޗެލެންޖް ކަޕް އިނގޭތޯ، ޗެލެންޖް ކަޕުގައި ދިވެހި ފރިހެން ޓީމު މެޑަލް ހޯދުމަށްޓަކައި މަސައްކަތްކުރާތަން ބަލަން ބޭނުން. އެހެންވީމަ އަޅުގަނޑަށް ޔަގީން ރަނގަޅު ޕްލޭނަކާއެކު މަސައްކަތްކޮށްފި ކަމަށްވާނަމަ އިރާދަކުރެވިއްޔާ އޮކްޓޯބަރު މަހު ބަންގްލަދޭޝްގައި އޮންނަ މުބާރާތުގައި އަޅުގަނޑުމެން އަންނާނީ މެޑަލް އަޅުވައިގެން.
މުޙައްމަދު ލަތީފް - ކާވާގެ ރައީސް

ލަތީފް ވިދާޅުވީ އޭނާގެ ފުރަތަމަ ދައުރުގައި ހޯދުނު އެންމެ ބޮޑު ކާމިޔާބީއަކީ ކާވާގެ އިދާރީ ހިންގުން ހަރުދަނާ ކުރަމަށް ކުރެވުނު މަސައްކަތްތައް ކަމަށެވެ. އެގޮތުން އަސާސީ ގަވާއިދެއް އެކުލަވާލެވި، ކާވާގެ ޖެނެރަލް ރެގިއުލޭޝަނެއް ހެދި، އެފްއައިވީބީ ރެކޮގްނިޝަން ލިބުން ވެގެންދިޔައީ ހޯދުނު ވަރަށް ބޮޑު ކާމިޔާބެއް ކަމަށްވެސް ވިދާޅުވިއެވެ.

އޭގެ ނަތީޖާއެއް ގޮތުން ކާވާގެ ރައީސްކަމުގެ ފުރަތަމަ ދައުރުގެ ތެރޭގައި މެދުކެނޑުމެއް ނެތި އެ ޖަމުއިއްޔާގެ މުބާރާތްތައް ބޭއްވުމުގެ އިތުރުން، މެންބަރު ހުރިހާ ގައުމެއްގެ ނެޝަނަލް ފެޑެރޭޝަންތަކުގެ މެނޭޖުމެންޓް ހިންގުން ރަނގަޅު ކުރުމަށްޓަކައި ތަމްރީން ޕްރޮގްރާމުތައް ހިންގިފައިވާކަންވެސް ފާހާގަކުރެއްވިއެވެ.

މިހާރު ކާވާގެ މުބާރާތްތައް ޒޯނުން ބޭރު ޓެކްނިކަލް އޮފިޝަލުންތަކެއް ގެންނަ ނުޖެހުމަކީ ހޯދުނު އެންމެ ބޮޑު ކުރިއެރުން ކަމަށްވެސް ލަތީފް ވިދާޅުވިއެވެ.