ޚަބަރު

ރައީސަށް އެންމެ ގިނަ އިންސައްތަ ވޯޓު ލިބުނު ރަށުން ހޫނު މަރުޙަބާއެއް


  • ރައީސަށް މަރުހަބާ ދެންނެވުމަށް ގިނަބަޔަކުވަނީ ބަނދަރު ސަރަހައްދަށް އެއްވެފައި

  • ރަށުގެ ރައްޔިތުންނާ ކައުންސިލާއި އތމކ އާވެސް ބައްދަލުކުރައްވާނެ

  • ގުރައިދޫގެ އިތުރުން އިތުރު 3 ރަށަކަށް މިއަދު ވަޑައިގަންނަވާނެ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ތ. ގުރައިދޫއަށް ވަޑައިގަތުމުން އެރަށުން އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ތ. ގުރައިދޫއަށް ވަޑައިގެންފައި މިވަނީ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު އަތޮޅުތަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގެ ފުރަތަމަ މަންޒިލެއްގެ ގޮތުގައެވެ. ރައީސް ގުރައިދޫއަށް ވަޑައިގަތުމުން އެރަށުގެ ގިނަ އަދަދެއްގެ ބަޔަކު ބަނދަރު ސަރަޙައްދަށް ނުކުމެ ރައީސަށް ވަނީ ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. އެގޮތުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ރަށުގެ ބަނދަރުން ފެށިގެން ރަށުތެރެއާ ހަމައަށް ރައްޔިތުންވަނީ ކިއު ހަދާފައެވެ. ގާތްގަޑަކަށް 30 މިނެޓް ވަންދެން ރައީސް ގެންދެވީ ރައްޔިތުންނާ ސަލާން ކުރައްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ތ.އަތޮޅަށް ރަށްރަށަށް ކުރައްވާ ދަތުރުފުޅުގައި އެރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމުގެ އިތުރުން ރަށުގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީއާ ބައްދަލުކުރައްވާނެއެވެ. އަދި ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު މަޝްރޫޢުތަކާއި، ރައްޔިތުންނަށް އެންމެ ބޭނުންވެފައިވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.

ރައީސް ތ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި އެންމެ ފުރަތަމަ މަންޒިލެއްގެ ގޮތުގައި ގުރައިދޫއަށް ވަޑައިގަތީ ރިޔާސީ އިންތިޚާބުގައި އެއްރަށަކުން އެންމެ މަތީ އިންސައްތައެއްގެ ވޯޓް އެމަނިކުފާނަށް ލިބިވަޑައިގެންނެވި ރަށް ކަމަށްވުމުންނެވެ.

ތ.އަތޮޅުގެ 10 ރަށަކަށް ކުރައްވާ މި ދަތުރުފުޅަކީ 3 ދުވަހުގެ ދަތުރުފުޅެކެވެ. އެގޮތުން މިއަދު އެމަނިކުފާނު ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ގުރައިދޫގެ އިތުރުން ދިޔަމިގިއްޔާއި ގާދިއްފުށްޓާއި ވޭމަންޑޫއަށެވެ.

ރައީސުލްޖުމްހޫރިއްޔާ ތ އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި ސަރުކާރުގެ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.