ޚަބަރު

ރައީސްގެ ވައުދުގެ ދަށުން ޙައްޖަށް ގެންދާ މީހުންގެ ލިސްޓު މިމަހު ޢާއްމުކުރަނީ


  • މާލީ ޤާބިލުކަން ނެތް 1000 މީހަކު މިދައުރުގައި ހައްޖަށް ފޮނުވާނެ

  • މިއަހަރު 50 މީހުން ޙައްޖަށް ފޮނުވާނެ

ދައުލަތުގެ ޚަރަދުގައި ޙައްޖަށް ގެންދާ މީހުން މިމަހު ކަނޑައެޅުމަށް މަސައްކަތްކުރަމުންދާކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ޙައްޖަށް ދިޔުމުގެ މާލީ ޤާބިލުކަން ނެތް 1000 މީހަކު ވެރިކަމުގެ 5 އަހަރުގެ ތެރޭގައި ޙައްޖަށް ފޮނުއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. މިގޮތުން ފޮނުވާ ފުރަތަމަ 50 މީހުން މިއަހަރު ޙައްޖަށް ފޮނުއްވާނެކަމަށް އެމަނިކުފާނު ވަނީ ޢިއުލާންކުރައްވާފައެވެ.

ޕީއެސްއެމް ނިއުސް ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ދައުލަތުގެ ޚަރަދުގައި ޙައްޖަށް މީހުން ގެންދިޔުމުގެ އުސޫލު މިހާރު ޢާއްމުކުރައްވާފައިވާކަމަށެވެ. އަދި އެކަމަށްޓަކައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގައި ޤާއިމުކުރެވިފައިވާ ޚާއްސަ ކޮމިޓީއަކުން އެމަސައްކަތް ކުރިއަށްއޮތް 2 ހަފްތާއެއްގެ ތެރޭގައި ނިންމެވުމުގެ މަސައްކަތް ކުރައްވަމުންދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މިބަލަނީ މިމަސްތެރޭގައި އެ 50 މީހުން ސެލެކްޓްކުރެވޭތޯ. އެކަމަށްޓަކައި އެކުލަވާލާފައިވާ އުސޫލުގެ ދަށުން އަޅުގަނޑުމެން އެފަރާތްތަކަށް އަންގާ ލިޔުން ޙަވާލުކުރުމުގެ މަސައްކަތް ކުރަމުންދާނަން." ވަޒީރު ވިދާޅުވިއެވެ.

ދައުލަތުގެ ޚަރަދުގައި ޙައްޖަށް މީހުން ގެންދިޔުމާބެހޭ އުސޫލުގެ ދަށުން ފަޤީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން ޙައްޖަށް މީހުން ގެންދިޔުމަށް ހޮވާއިރު، ޢުމުރުން 69 އަހަރު ނުފުރޭ ސިއްޙަތު ރަނގަޅު ކޮންމެ މީހަކަށް ފުރުސަތު އޮންނާނެއެވެ.

މިއުސޫލުގެ ދަށުން ޙައްޖަށް ދިޔުމަށް އަތޮޅުތަކުން އަންނަ ފަރާތްތަކުގެ ދަތުރުގެ ޚަރަދު ހަމަޖައްސާނީ ދައުލަތުންނެވެ. އަދި ޙައްޖުގެ އަޅުކަމުގައި ޝާމިލުވެ އުޅުމުގައި ކުރިމަތިވާ ސިއްޙީ ޙާލަތްތަކަށް ހިނގާ ޚަރަދުވެސް ދައުލަތުން ހަމަޖައްސައިދެއްވާނެއެވެ. މި އުސޫލުގެ ދަށުން ހައްޖަށް މީހުން ގެންދިއުމުގެ ކަންކަން އިންތިޒާމުކުރާނީ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނުންނެވެ.