ސިޔާސީ

ރައީސް އިއްވެވީ އުއްމީދުން ފުރިގެންވާ، ފުރިހަމަ ރިޔާސީ ބަޔާނެއް: ގާސިމް


  • ހޯއްދަވާނޭ ހައްލުތައް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެދެއްވީ ނުހަނު އުއްމީދުން ފުރިގެންވާ ގޮތުގައި

  • އިދިކޮޅު މެމްބަރުން ޖަލްސާ ބޮއިކޮޓްކުރެއްވުމުން ގާސިމް ފާޑު ވިދާޅުވި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ރައްޔިތުންގެ މަޖިލީހަށް އިއްވެވި ރިޔާސީ ބަޔާނަކީ ރައްޔިތުންގެ މަޖިލީހަށް މިހާތަނަށް އިއްވެވި އެންމެ ފުރިހަމަ އަދި އެންމެ ތަފްސީލީ ރިޔާސީ ބަޔާންކަމަށް މާމިގިލި ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުމާއި ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ގާސިމް ވަނީ އެމަނިކުފާނަށް ތަޙްނިޔާއާއި މުބާރަކް ބާދު އަރިސްކޮށް، މާމިގިލި ދާއިރާގެ މެންބަރުގެ ހައިސިއްޔަތުން ޝުކުރު ދަންނަވާފައެވެ.

ގާސިމް ވިދާޅުވީ މިހާތަނަށް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާއަކު، ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ރައްޔިތުންނަށް އިއްވެވި އެންމެ ތަފްޞީލީ އެންމެ ފުރިހަމަ ރިޔާސީ ބަޔާނަކީ، މިއަދު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޢިއްޒު އިއްވެވި ރިޔާސީ ބަޔާންކަމަށެވެ.

ގާސިމް ވިދާޅުވީ ދިވެހި ޤައުމުގެ އިއްޔެއާއި މިއަދުގެ ހާލަތާއެކު، މާދަމާއަށް ކުރާ އުންމީދުތަކާއި، ހޯއްދަވާނޭ ހައްލުތައް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެދެއްވީ ނުހަނު އުއްމީދުން ފުރިގެންވާ ގޮތުގައިކަމަށެވެ.

"ދިވެހި ޤައުމު ހިންގުމުގެ އެންމެހާ ކަންކަން ޝާމިލްވާނޭހެން ތަފާސް ހިސާބާއި ދިރާސާއެކު ޤާަނޫނު އަސާސީގެ 84 ވަނަ މާއްދާގައި ބަޔާންކުރާ ރިޔާސީ ބަޔާން ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްވަވައިދެއްވި" ގާސިމް ވިދާޅުވިއެވެ.

ގާސިމްގެ ޓްވީޓްގައި ވަނީ އިދިކޮޅު މެމްބަރުން ރިޔާސީ ބަޔާން އިއްވެވި ޖަލްސާ ބޮއިކޮޓްކުރުމުން އެކަމަށް ފާޑު ވިދާޅުވެފައެވެ އެގޮތުން މަޖިލީހުގެ ޖަލްސާ ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި މަޖިލީހުގައި ހިމެނިވަޑައިގަންނަވާ މެންބަރުންތަކެއް ޖަލްސާއަށް ހާޒިރުނުވުމަކީ ރައްޔިތުންނަށް ކުރި ފުރައްސާރައަކަަށް ނުވޭތޯ ވިދާޅުވެ، ގާސިމް ވަނީ ސުވާލު އުފައްދާފައެވެ.