ޚަބަރު

އިންތިހާބުގައި ވާދަކުރުމަށް ދިން ޓިކެޓް އަތުލުމަށްފަހު، ޖާބިރު އެމްޑީޕީން ވަކިކޮށްފި


  • ޖާބިރު ވަކިކުރަން ނިންމީ ފިޔަވަޅު އަޅާ ކޮމިޓީން

  • ވަކިކުރަން ނިންމީ މުޖުތަމައުގެ އާއްމު މިންގަނޑާއި ޚިލާފަށް އަމަލުކުރުމުން

ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އެމްޑީޕީން ވަކިކޮށްފިއެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ޕާޓީން ވަކިކުރުމަށް ނިންމީ، މުޖުތަމައުގެ އާއްމު މިންގަނޑާއި ޚިލާފަށް، ބޭއަދަބީ ބަހުރުވައިން ރައްޔިތުންނާއި މުޢާމަލާތްކޮށް، މަސްލަހަތު ގެއްލޭގޮތަށް ތަކުރާރުކޮށް އަމަލުކުރަމުންދާތީކަމަށެވެ. އަދި އެއީ އެ ޕާޓީއާއި ޕާޓީގެ އާންމު މެންބަރުންގެ މަސްލަޙަތަށް އުނިކަން ލިބޭ ފަދަ ޢަމަލެއްކަމަށްވެސް އެމްޑީޕީން ބުނެއެވެ.

ޕާޓީން ވަކިކުރުމުގެ އިތުުރުން ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވާދަކުރުމަށް އޭނާއަށް ދީފައިވާ އެމްޑީޕީގެ ޓިކެޓް އަތުލުމަށް ނިންމާފައިވާކަމަށްވެސް އެމްޑީޕީގެ ބަޔާނުގައިވެއެވެ. އަދި ޖާބިރު އަލުން އެމްޑީޕީއަށް ގުޅުމަށް އެދުނު ނަމަވެސް އެފުރުސަތު ލިބޭނީ އެ ޕާޓީގެ ޤައުމީ މަޖިލިހަށް ހުށަހަޅާ، އެމަޖިލީހުން ނިންމާގޮތެއްގެ މަތިންކަމަށްވެސް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީން ބުނީ ޕާޓީއާ ގުޅުމުގެ ފުރުސަތު ދިންނަމަވެސް ޕާޓީގެ މެންބަރަކަށްވާ ދުވަހުން ފެށިގެން 5 އަހަރު ދުވަހުގެ މުއްދަތެއް ޕާޓީގެ އެއްވެސް މަޤާމަކަށް އަދި ޕްރައިމަރީއެއްގައި ވާދަކުރުމުގެ ފުރުސަތު ނުދިނުމަށްވެސް ފިޔަވަޅު އަޅާ ކޮމެޓީން ނިންމާފައިވާކަމަށް އެމްޑީޕީން ބުނެއެވެ.