ޚަބަރު

ނެމީބިއާ ސަރުކާރަށާއި ރައްޔިތުންނަށް ރައީސް ތަޢުޒިޔާ ފޮނުއްވައިފި


  • ހާގޭއަކީ އެޤައުމުގެ އިޤްތިޞާދީ ތަރައްޤީއަށް ނުހަނު މަސައްކަތް ކޮށްދެއްވި ބޭފުޅެއް

  • ރާއްޖެއިން އެޤައުމާއެކު ސިޔާސީ ގުޅުން ގާއިމު ކޮށްފައިވަނީ 26 ޖުލައި 1990 ގައި

ނެމީބިއާގެ ރައީސް، ހާގޭ ގެންގޮބް އަވަހާރަވުމާ ގުޅިގެން އެޤައުމުގެ ވަގުތީ ރައީސް ނޭންގަލޯ އެމްބުމްބާއަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ނެމީބިއާގެ ރައީސް އަވަހާރަވި ޚަބަރު އަޑުއެއްސެވީ ފުން ހިތާމައާ އެކުގައި ކަމަށް ވިދާޅުވެފައިވެއެވެ. އަދި މި ހިތާމަވެރި ދަނޑިވަޅުގައި ދިވެހި ސަރުކާރާއި ރައްޔިތުންނާއި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ނެމީބިއާގެ ސަރުކާރާއި ރައްޔިތުންނާއި އަދި ނެމީބިއާގެ ރައީސް ހާގޭ ގެންގޮބްގެ ޢާއިލާއަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން އެމަނިކުފާނުގެ މެސެޖުގައި، ނެމީބިއާގެ ރައީސަކީ އެ ޤައުމުގައި ޑިމޮކްރަސީގެ އުސޫލުތައް ކުރިއެރުވުމަށާއި، އެޤައުމުގެ ހިންގުން ހަރުދަނާކުރެއްވުމަށާއި، އެޤައުމުގެ އިޤްތިޞާދީ ތަރައްޤީއަށް ނުހަނު މަސައްކަތް ކޮށްދެއްވި ބޭފުޅެއްކަން ފާހަގަކުރައްވާފައިވެއެވެ. އަދި ނެމީބިއާގެ ރައީސްގެ އެ ޚިދުމަތްތަކަކީ އެޤައުމުގެ އަންނަން އޮތް ޖީލުތަކާ ހަމައަށްވެސް ދެމިގެންދާނެ ޚިދުމަތްތަކެއްކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

ނެމީބިޔާގެ ރައީސް އަވަހާރަވީ ކެންސަރު ބަލީގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އުމުރުފުޅުން 82 އަހަރުގައެވެ. ނަމަވެސް, ގެންގޮބް އަވަހާރަވެފައި ވަނީ އެ ބަލީގައި ކަން އޭނާގެ އޮފީހުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.

ހާގޭ ގެންގޮބް އަވަހާރަވުމާ ގުޅިގެން, ނައިބު ރައީސް ނަންގޯލުން ބުމްބާ ވަނީ ވަގުތީ ގޮތުން ރިޔާސަތާ ހަވާލުވެ ވަޑައިގަންނަވާފައެވެ. މި އަހަރުގެ ފަހުކޮޅު ބާއްވާ ރިޔާސީ އަދި ޢާންމު އިންތިޙާބާ ޖެހެންދެން ބުމްބާ ރިޔާސަތުގައި އިންނަވާނެއެވެ.

ދިވެހިރާއްޖެއާއި ނެމީބިއާއާ ދެޤައުމުގެ ދެމެދު ސިޔާސީ ގުޅުން ގާއިމު ކޮށްފައިވަނީ 26 ޖުލައި 1990 ގައެވެ.