"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ފުރަތަމަ ދޫކުރަން ނިންމާފައިވާ 4000 ފްލެޓު ލިބުނު މީހުންގެ ތެރެއިން ގިނަ މީހުންނަކީ ޝަރުތު ފުރިހަމަނުވާ މީހުން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީން ވިދާޅުވެއްޖެއެވެ.
އޭސީސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މިހާތަނަށް ހިންގި ތަހުގީގުން މައްސަލަ ނެތް ފޯމުގެ ގޮތުގައި ފާހަގަކުރެވިފައިވަނީ %20.7 ފޯމުވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ކުރީ ސަރުކާރުން ފުރަތަމަ ދޭން ނިންމި 4000 ފްލެޓު ލިބޭ މީހުންގެ ލިސްޓު އާއްމު ކުރުމުން ގިނަ ޝަކުވާތަކެއް ހައުސިންގ މިނިސްޓްރީ އާއި އޭސީސީއަށް ވެސް ވަނީ ހުށަހަޅާފައެވެ. އޭސީސީއަށް ހުށަހެޅި މައްސަލަތަކާ ގުޅިގެން އެ ކޮމިޝަނުން ވަނީ ފްލެޓުތައް ހަވާލުކުރުމުގެ މަސައްކަތް މަޑުޖައްސާލަން އަންގާފައެވެ. ނަމަވެސް މިހާރު އެ އެންގުން ވަނީ ނިމުމަކަށް ގެނެސްފައެވެ.
އޭސީސީން ކުރިއަށްގެންދިޔަ ތަހުގީގާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން އޭސީސީން ވިދާޅުވީ މި މައްސަލަ ބެލުމަށް 4،048 ފޯމުގެ މައުލޫމާތު ބަލާފައިވާނެ ކަމަށެވެ. އެ ފޯމުތައް ބަލައިގެން ހިންގި ތަހުގީގުން އޭގެ ތެރެއިން %59.6 ފޯމަކީ ޝަރުތު ހަމަނުވި ނަމަވެސް ޝަރުތުހަމަވާ ކަމަށް އޭރުގެ ހައުސިންގ މިނިސްޓްރީން ނިންމަވާފައިވާ ފޯމުތައް ކަމަށް ފާހަގަކުރެވިފައިވާ ކަމަށް އޭސީސީން ވިދާޅުވިއެވެ. އަދި %19.7 ފޯމަކީ ޝަރުތު ހަމަވި ނަމަވެސް ބައެއް އެހެން މައްސަލަތައް ހުރި ފޯމުތައް ކަމަށާއި ޝަރުތުހަމަވާ ފޯމުގެ ގޮތުގައި ފާހަގަކުރެވުނީ %20.7 ފޯމު ކަމަށް އެކޮމިޝަނުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ތަހުގީގަށް ފާހަގަކުރެވުނު ކަންކަމުގެ ތެރޭގައި ޕޮއިންޓް ދިނުމުގައި އިތުރަށް ޕޮއިންޓް ދީފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި ގިނަ ފަރާތްތަކުން ހުށަހަޅާފައިވާ ފޯމުތަކުގައި މައުލޫމާތު ފުށުއަރާ ކަމަށް އޭސީސީން ވިދާޅުވިއެވެ. އެގޮތުން، ބައެއް ފަރާތްތަކުން މާލޭގައި ދިރިއުޅޭތާ 15 އަހަރުވެފައިވާކަން ސާބިތުވާ ވަރަށް ލިޔެކިޔުން ހުށަހަޅާފައި ނުވާކަން ވެސް އެ ކޮމިޝަނުން ފާހަގަކުރެއްވިއެވެ.
ޝަރުތު ފުރިހަމަ ނުވާ ކަމަށް ކަޑައެޅުމުގައާއި ޕޮއިންޓް ދިނުމުގައި އެއް ހަމައަކުން އަމަލުކޮށްފައި ނުވާކަންވެސް އޭސީސީން ފާހަގަކުރައްވައެވެ. އެގޮތުން، ދައުލަތުގެ އިދާރާތަކުންނާއި ހުށަހަޅާފައިވާ މައުލޫމާތުން ވެސް ބައެއް ކެޓަގަރީތަކުން ޕޮއިންޓް ނުލިބޭއިރުވެސް އެ ކެޓަގަރީތަކުން ޕޮއިންޓް ދީފައިވާކަން ވަނީ ފާހަގަކުރައްވާފައެވެ.
ތަހުގީގަށް ފާހަގަކުރެވުނު ކަންކަމާ ގުޅިގެން ގިނަ ފަރާތްތަކުގެ ޙައްގު ގެއްލުމުގެ އިހުތިމާލު އޮތްކަން ފާހަގަކުރެވިފައިވާ ކަމަށް އޭސީސީން ވިދާޅުވިއެވެ.
ފްލެޓުތައް ހަވާލުކުރުމުގެ ކަންކަން މަޑުޖައްސާލުމަށް އޭސީސީން ގެދޮރުވެރިކަމާއި ބިމާއީ އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއަށް އަންގަވާފައިވާ އެންގުން ބާތިލުކުރައްވާފައިވާއިރު ފްލެޓު ދޫކުރުމުގައި ފަސް ކަމަކަށް ރިއާޔަތް ކުރުމަށް ލަފާ ދެއްވާފައިވާނެ ކަމަށް އޭސީސީން ވިދާޅުވިއެވެ. އަދި އެކަމުގައި އެ ވުޒާރާއަށް އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ އެ އެހީތެރިކަން އޭސީސީން ފޯރުކޮށްދެއްވާނެ ކަމަށްވެސް އެ ކޮމިޝަނުން ވަނީ ވިދާޅުވެފައެވެ.