ރާއްޖެއަށް ޓެރަރިޒަމްގެ ޙަމަލާއެއް އަތުވެދާނެ އެއްވެސް ނިޝާނެއް މިވަގުތު ނެތްކަމަށް މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ، އާދަމް ޝަރީފް ޢުމަރު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރާއްޖޭގައި ޤާއިމްކުރެއްވި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާ ގުޅޭގޮތުން ފުރަތަމަ ފަހަރަށް މީޑިއާށް މަޢުލޫމާތު ދެއްވަމުންނެވެ. މިއަހަރުގެ ފެބުރުއަރީ މަހުގެ 25 ވަނަ ދުވަހު އުފައްދަވާފައިވާ ނޭޝަނަލް ކައުންޓަރ ޓެރަރިޒަމްގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު މީޑިޔާއަށް ޙިއްޞާކުރައްވަމުން މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ ރާއްޖެއަށް ޓެރަރިޒަމްގެ ޙަމަލާއެއް އަތުވެދާނެ އެއްވެސް ނިޝާނެއް ނެތްކަމަށާއި އަދި މިފަދަ ކަމަކަށް މަގުފަހިވާ އެއްވެސް ކަމެއް ރާއްޖެއިން ބޭރުގެ އެއްވެސް ޤައުމަކުން ފެންނަން ނެތްކަމަށެވެ. ޓެރަރިޒަމްގެ އުދުވާނުން ދިވެހި ޤައުމު ސަލާމަތްކުރައްވައި، ރައްކާތެރިކަން ޤާއިމުކޮށްދެއްވުމުގެ ގޮތުން ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށްވެސް އާދަމް ޝަރީފް ޢުމަރު ވިދާޅުވިއެވެ.
މީގެ އިތުރުން އާދަމް ޝަރީފް ޢުމަރު ވިދާޅުވީ ރާއްޖޭގައި އުފެދޭ ތަފާތު ޚިޔާލުތަކާއި ހިންގޭ ނޭއްގާނީ ޢަމަލުތަކުގެ ކިބައިން ޤައުމު ސަލާމަތްކުރައްވައި މުދަލާއި ތަކެތި ޙިމާޔަތްކުރެއްވުމަށްޓަކައި އެމްއެންޑީއެފާއި މޯލްޑިވްސް ޕޮލިސް ސާރވިސްއިން ކުރިއެކޭ އެއްގޮތަށް މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. ރާއްޖެއިން ބޭރުގައި ކުރަމުންދާ ހަނގުރާމަތަކަށް ދިވެހިންދާ މައްސަލައާ ގުޅޭ ގޮތުން މިނިސްޓަރ ވިދާޅުވީ މިހާތަނަށް އެއްކުރެވުނު މަޢުލޫމާތުތަކަށް ބަލާއިރު ރާއްޖެއިން ބޭރުގައި ކުރާ ހަނގުރާމަތަކުގައި ބައިވެރިވެފައިވަނީ މަދު ބައެއްކަމަށެވެ. އަދި މި އަދަދު މަތިވެގެން ނުދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސެންޓަރގެ ޑިރެކްޓަރ ޖެނެރަލް ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންސޫރު ވިދާޅުވީ މި ސެންޓަރުން މައިގަނޑު 21 ކަމެއް ކުރަން ޖެހޭކަމަށެވެ. އަދި ޤާނޫނުން މިކަން ކުރުމުގެ ބާރު އެ ސެންޓަރަށް ދެއްވާފައިވާ ކަމަށެވެ. އަދި އެ ސެންޓަރުން 4 ޑިޕާރޓްމެންޓެއް އުފައްދަވަން ނިންމަވާފައިވާ ކަމަށެވެ. އަދި މި ސެންޓަރުގެ މަސައްކަތްތައް ކުރުމަށް މިހާރު ދެ ކޮމެޓީއެއް އެކުލަވާލާފައިވާ ކަމަށްވެސް ޒަކަރިއްޔާ ވިދާޅުވިއެވެ.
ނޭޝަނަލް ކައުންޓަރ ޓެރަރިޒަމްގެ ކޮމެޓީއަކީ ފެބްރުއަރީ މަހުގައި އުފެއްދެވި ކޮމެޓީއެކެވެ. މި ސެންޓަރގެ ބޭނުމަކީ ޓެރަރިޒަމާ ދެކޮޅަށް ރާއްޖެއިން އިސްނަގައިގެން މަސައްކަތްކުރާ ޤައުމެއްގެ ގޮތުގައި ބޭއްވެވުންކަމަށް ޑިފެންސް މިނިސްޓްރީން ހާމަކުރައްވައެވެ. މި ސެންޓަރގައި މަސައްކަތް ކުރާނީ މޯލްޑިވްސް ޕޮލިސް ސާރވިސްއާއި އެމްއެންޑީއެފާއި އިމިގްރޭޝަނާއި އޭވިއޭޝަން ސެކިއުރިޓީ ފަދަ ޤައުމީ ސަލާމަތާ ގުޅުން ހުރި މުއައްސަސާތަކާ ގުޅިގެންކަމަށްވެސް އެފަރާތުން މަޢުލޫމާތުދެއްވައެވެ.