މިހާރު ކުރިއަށްދާ އެފްރިކާ ކަޕް އޮފް ނޭޝަންސްގެ ސެމީ ފައިނަލުގެ ފަހު ޖާގަތައް ދެކުނު އެފްރިކާ އާއި މުބާރާތް ބާއްވާ ގައުމު ކަމަށްވާ އައިވަރީ ކޯސްޓުން ހޯދައިފިއެވެ.
ދެކުނު އެފްރިކާއިން ސެމީގެ ޖާގައެއް ހޯދީ ރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުގައި ކޭޕް ވާޑްއާ ވާދަކޮށް ފުރިހަމަ ވަގުތު ހަމަވިއިރު ލަނޑެއް ނުޖެހި އެއްވަރުވުމުން, ޕެނެލްޓީގައި 2-1 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީގައި ދެކުނު އެފްރިކާގެ ގޯލްކީޕަރު ރޮންވެން ވިލިއަމްސް ވަނީ ކޭޕް ވާޑުން ފޮނުވާލި ހަތަރު ޕެނަލްޓީއެއް މަތަކޮށްފައެވެ.
މި މޮޅާއެކު މުބާރާތުގެ ސެމީގައި ދެކުނު އެފްރިކާ ނުކުންނާނީ ނައިޖީރިއާއާ ދެކޮޅަށެވެ. ސެމީއަށް ނައިޖީރިއާ ދަތުރުކޮށްފައިވަނީ ކުއާޓާ ފައިނަލުގައި 1-0 ގެ ނަތީޖާއަކުން އެންގޯލާ ބަލިކޮށްގެންނެވެ.
މީގެ އިތުރުން ތިން ރަތް ކާޑު ދެއްކި ކުއާޓާ ފައިނަލް މެޗުން އައިވަރީ ކޯސްޓް މޮޅުވެ ސެމީއަށް ދިޔައީ މެޗު 122 ވަނަ މިނިޓުގައި އޮމަރް ޑިއަކެޓް ކާމިޔާބުކުރި ލަނޑާއެކު ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން މާލީ ބަލިކުރުމަށްފަހުއެވެ.
މި މެޗުގެ ފުރަތަ މަހާފުގެ 43 ވަނަ މިނިޓުގައި އައިވަރީ ކޯސްޓުގެ އޮޑިލަން ކޮސޫނޫއަށް ސީދާ ރަތް ކާޑެއް ދެއްކިއިރު، މެޗު ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ މާލީންނެވެ. މެޗުގެ 71 ވަނަ މިނެޓުގައި މި ލަނޑު ކާމިޔާބުކޮށްދިނީ ނެނޭ ޑޯގްލަސްއެވެ. މި މެޗުގައި އައިވަރީ ކޯސްޓުން ނަތީޖާ ހަމަހަމަކުރި ލަނޑު 90 ވަނަ މިނިޓުގައި ޖަހައިދިނީ ސިމޮން އަޑިންގްރާއެވެ.
އެއާއެކު ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ދެވަނަ ހާފުގެ އެންމެ ފަހު މިނެޓުގައި ޑައިކެޓްގެ ލަނޑުން އިއިވަރީ ކޯސްޓް ސެމީއަށް ދަތުރުކުރިއިރު، ލަނޑު ޖެހުމުގެ ތެރޭގައި ޖާޒީ ބޭލުމުން އޭނާއަށް ވަނީ ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑެއް ދައްކާފައެވެ. އަދި ރެފުރީ މެޗު ނިންމާލުމާއެކު މާލީ ކުޅުންތެރިން ވަށައިގެން ހަމަނުޖެހުން އުފައްދަން މަސައްކަތްކުރުމުން، ރެފުރީ ވަނީ މާލީގެ ހަމަރީ ޓްރައޯރޭއަށް ރަތް ކާޑެއް ދައްކާފައެވެ.
މި މޮޅާއެކު މުބާރާތުގެ ސެމީގައި އައިވަރީ ކޯސްޓް ނުކުންނާނީ ކޮންގޯއާ ދެކޮޅަށެވެ. ސެމީއަށް ކޮންގޯ ދަތުރުކޮށްފައިވަނީ ކުއާޓާ ފައިނަލުގައި ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުން ގިނީ ބަލިކުރުމަށްފަހުއެވެ.