މިހާރު ކުރިއަށްދާ އޭއެފްސީ އޭޝިއަން ކަޕުގެ ސެމީ ފައިނަލް ފަހު ޖާގަތައް އިރާނާއި މުބާރަތް ބާއްވާ ގައުމު ކަމަށްވާ ގަތަރުން ހޯދައިފިއެވެ.
ސެމީގެ ޖާގައެއް އިރާނުން ހޯދީ އިއްޔެ ކުޅުނު ކުއާޓާ ފައިނަލް މެޗުގައި ޖަޕާން އަތުން ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.
އޭޝިއާގެ ގަދަ ދެ ބާރުގެ ކުރިމަތިލުމުގައި އިރާނުން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުނުއިރު، މެޗުގައި ގިނަ ހަމަލާތައްވެސް ފޮނުވާލާފައިވަނީ އެ ޓީމުންނެވެ. އެކަމަކު މި މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ޖަޕާނުންނެވެ. މެޗުގެ 28 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހިޑަމާސާ މޮރީޓާއެވެ. އެކަމަކު މެޗުގެ 55 ވަނަ މިނެޓުގައި ސަރްދާރް އަޒްމޫން ދިން ބޯޅައަކުން މުހައްމަދު މޮހެބީ ވަނީ ލަނޑެއް ޖަހައި، އިރާނަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
މި ލަނޑަށްފަހު އިރާނުން ޖަޕާނުގެ ގޯލަށް ނުރައްކާކުރިއިރު، އެ ޓީމުން ލީޑު ނެގީ މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް އިރާން ސެމީ ފައިނަލަށް ގެންގޮސްދިނީ އަލީރެޒާ ޖަޚަންބަކްޝްއެވެ.
މީގެ އިތުރުން މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ގަތަރުން ސެމީގެ ޖާގައެއް ކަށަވަރުކުރީ ރޭ ކުޅުނު ކުއާޓާ ފައިނަލް މެޗުގައި އުޒްބެކިސްތާނާ ދެކޮޅަށް ކުޅެ ފުރިހަމަ ވަގުތު ހަމަވިއރު 1-1 ގެ ނަތީޖާއަކުން އެއްވަރުވުމުން، ޕެނަލްޓީގައި 3-2 ގެ ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.
މި މެޗުގެ 27 ވަނަ މިނެޓުގައި ހަސަން އަލް ހައިދޯސް ނަގައިދިން ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި އުޒްބެކިސްތާނުގެ ގޯލްކީޕަރު ޔުކިރް ޔުސެޕޯވް އަތުން ބައިކޮޅަށް ވަން ލަނޑުން ގަތަރުން ވަނީ ލީޑު ނަގާފައެވެ. އެކަމަކު މެޗުގެ 58 ވަނަ މިނެޓުގައި އޮޑިލްޖަން ކަމަރްބެކޯފް ވަނީ އުޒްބެކިސްތާނަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން، ނަތީޖާ ނެރުމަށް ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގައިވެސް ދެ ޓީމުން ކުރެ ޓީމަށް ލަނޑެއް ޖެހިފައެއް ނުވެއެވެ. އެއާއެކު ޕެނަލްޓީ ޖެހިއިރު، ގަތަރުގެ ގޯލްކީޕަރު މިޝާލް ބަރްޝަމް ވަނީ ތިން ޕެނަލްޓީއެއް ދިފާއުކޮށްފައެވެ. އަދި ސެމީ ފައިނަލަށް ގަތަރު ގެންގޮސްދިން ޕެނެލްޓީ އެ ޓީމަށް ކާމިޔާބުކޮށްދިނީ އަބްދުލް އަޒީޒް ހަތަމްއެވެ.
މި ނަތީޖާއާއެކު މުބާރާތުގެ ސެމީގައި ގަތަރު ވާދަކުރާނީ އިރާނާއެވެ. އަނެއް ސެމީގައި ވާދަކުރާނީ ދެކުނު ކޮރެއާ އާއި ޖޯޑަންއެވެ.