ޚަބަރު

ސްކޫލްތަކުގެ ދަރިވަރުން ތެލެސީމިއާއަށް ސްކްރީން ކުރަން ފަށައިފި


  • ސްކްރީނިން ކުރިއަށް ގެންދަނީ ގްރޭޑް 10ގެ ދަރިވަރުންނަށް

  • މިޕްރޮގްރާމް ފުރަތަމަ ފެށީ އަރަބިއްޔާ ސްކޫލްގެ ދަރިވަރުންނަށް

ތެލަސީމިއާއަށް ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕޭންގެ ދަށުން ސްކޫލްތަކުގެ ދަރިވަރުން ތެލެސީމިއާ ސްކްރީން ކުރަން ފަށައިފިއެވެ.

މިދިޔަ ބުރާސްފަތި ދުވަހު ސްކޫލްތަކުގައި ފެށި ތެލެސީމިއާ ސްކްރީން ކުރުމުގެ ޕްރޮގްރާމަކީ ތެލެސީމިއާ ހުންނަ ކުދިން އުފަންވާ ނިސްބަތް ދަށްކުރުމަށް ކުރިއަށް ގެންދާ ހޭލުންތެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން ފެށި ހަރަކާތެކެވެ.

ސްކޫލްތަކުގެ ތެރެއިން މި ޕްރޮގްރާމް ފުރަތަމަ ފެށީ ޢަރަބިއްޔާ ސްކޫލްގެ ދަރިވަރުންނަށެވެ. މި ޕްރޮގްރާމް ކުރިއަށް ގެންދަނީ ގްރޭޑް 10ގެ ދަރިވަރުންނަށް ޚާއްސަކޮށްގެންނެވެ. މީގެ އިތުރަށް ބެލެނިވެރިން ތެލަސީމިއާއަށް ހޭލުންތެރިކުރުވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ތެލަސީމިއާއަށް ހޭލުންތެރިކުރުމުގެ ޕްރޮގްރާމްގައި ތެލަސީމިއާއާބެހޭ މައުލޫމާތު ފޯރުކޮށްދެވޭނެ ނިޒާމެއް ގާއިމުކޮށް، އެ ނިޒާމުގެ ދަށުން ތެލަސީމިއާއާބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ. ތެލަސީމިއާއަށް ހޭލުންތެރިކުރުމުގެ ޤައުމީ ކެމްޕޭންގެ ދަށުން ސަރުކާރުގެ ހުރިހާ ވުޒާރާތަކާއި އޮފީސްތަކުގައިވެސް ހޭލުންތެރިކުރުމުގެ ސެޝަންތައް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.