ޚަބަރު

އިންތިޚާބަށް ކެންޑިޑޭޓުން ހުށައަޅާ ފޯމުގެ ޖަވާބު ދުވަހުން ދުވަހަށް ލިބޭނެ އިންތިޒާމު ހަމަޖައްސައިފި


  • މިހާތަނަށް ފޯމު ހުށައެޅީ 3 މީހުން

  • ފޯމު ހުށައެޅުމުގެ ސުންގަޑިއަކީ 14 ފެބްރުއަރީ، 14:00

  • ފޯމަށް ޖަވާބުދޭ ވަގުުތު ހަތަރު ގުނަ ވަނީ އަވަސްކޮށްފައި

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވުމަށް އިލެކްޝަންސް ކޮމިޝަނަށް ހުށައަޅުއްވާ ފޯމުތަކަށް ދުވަހުން ދުވަހަށް ޖަވާބު ދެއްވުމުގެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާކަމަށް އެކޮމިޝަނުން ވިދާޅުވެއްޖެއެވެ. އެގޮތުން ފޯމު ހުށައަޅާ ދުވަހު، ރޭގަނޑު 8 ޖެހުމުގެ ކުރިން ކެންޑިޑެންސީ ބަލައިގެންފިކަން ނުވަތަ ނޫންކަން ފޯމު ހުށައެޅި ފަރާތައް އަންގަވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.

އިންތިޚާބާ ބެހޭ ޢާންމު ޤާނޫނާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ޤާނޫނުތައް ބުނާގޮތުން، އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓު ފޯމު ހުށައަޅާތާ 48 ގަޑިއިރުތެރޭ، އެ ކެންޑިޑޭޓަކަށް އިންތިޚާބުގައި ވާދަކުރެވޭކަން ނުވަތަ ނޫންކަން އިލެކްޝަންސް ކޮމިޝަނުން އަންގަންޖެހެއެވެ. އެ މުއްދަތުގައި ޖަވާބެއް ނުދީފިނަމަ، އޮޓަމެޓިކުން އެމީހަކު ކެންޑިޑޭޓެއްގެ ގޮތުގައި ކަނޑައެޅޭނެއެވެ.

މަޖިލިސް އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ ޖެނުއަރީ 30 އިން ފެބުރުއަރީ 14 ވަނަ ދުވަހުގެ ނިޔަލަށެވެ. ފޯމު ހުށައެޅެނީ ހެނދުނު 09:00އިން މެންދުފަހު 02:00އަށެވެ. ހުކުރު ދުވަހު 02:00 އިން ހަވީރު 04:00އަށެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައަކަވަމުން އިލެކްޝަން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޙަސަން ޒަކަރިއްޔާ ވިދާޅުވީ، އިންތިޚާބާއި ބެހޭ މަރުކަޒުގައި މިފަހަރު އިންތިޒާމްތައް ހަމަޖައްސާފައިވާގޮތުން، ފޯމު ހުށައަޅާ ކެންޑިޑޭޓުންނަށް ދުވަހުން ދުވަހަށް ޖަވާބުދޭނެކަމަށެވެ. ޤާނޫނުގައި ކަނޑައާޅާ މުއްދަތަށްވުރެ ހަތަރުގުނަ އަވަސް ޚިދުމަތެއް ދޭނެކަމަށް ސެކްރެޓަރީ ޖެނެރަލް ވިދާޅުވިއެވެ.

"މިހާރުގެ ތައްޔާރީތައް މިހުރީ އެދުވަހު ހުށައަޅާ ފޯމުތަކަށް އެރޭގެ 8 ޖަހާއިރު ޖާވާބު ދެވޭގޮތަށް. ފޯމު ހުށައެޅީމަ ޖަވާބު ބަލާ އަންނަން ޖެހޭ ގަޑިއަކަށް ދޭނީ ރޭގަނޑު 8 ޖަހާއިރު. އިދާރީގޮތުން ވަރަށް ބޮޑަށް ތައްޔާރުވެފައި ވަނީ." އިލެކްޝަން ކޮމިޝަންގެ ސެކްރެޓާރީ ޖެނެރަލް ޙަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.

ޙަސަން ޒަކަރިއްރިއްޔާ ވިދާޅުވީ އިންތިޚާބާ ބެހޭ މަސައްކަތުގައި އިދާރީގޮތުން އިލެކްޝަން ކޮމިޝަން ވަރަށް ބޮޑަށް ތައްޔާރުވެފައިވާކަމަށެވެ. އިންތިޚާބަށް ކުރިމަތިލުމަށް ހުލުވާލި މުއްދަތު ހަމަވާން ދިހަ ދުވަހަށް ވެފައިވާއިރު މިހާތަނަށް ފޯމު ހުށައެޅީ 3 މީހުން ކަމަށް ޙަސަން ޒަކަރިއްޔާ ވިދާޅުވިއެވެ.

20ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް 400-600 މީހުން ފޯމު ހުށައަޅާނެކަމަށް އިލެކްޝަން ކޮމިޝާނުން ވަނީ ލަފާކޮށްފައެވެ. އިލެކްޝަން ކޮމިޝަނުން ދަނީ، ފޯމު ހުށައެޅުމުގެ ކަންކަން ވަގުތު އޮއްވާ ވީހާވެސް އަވަހަށް ކުރިއަށްގެންދިއުމަށް އިލްތިމާސްކުރަމުންނެވެ.

ފޯމު ހުށައެޅުމުގެ ސުންގަނޑިއަކީ އަންނަ ހަފްތާގެ ބުދަ ދުވަހުގެ 02:00އެވެ. ފޯމު ސެޓު އިލެކްޝަން ކޮމިޝަންގެ ވެބްސައިޓް އަދި ދަރުބާރުގޭގައި ހުންނަ މަރުކަޒުން ލިބޭނެއެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލާ ކޮންމެ މީހަކު 5000 ރުފިޔާގެ އިދާރީ ފީއެއްވެސް ދައްކަންޖެހެއެވެ.