ޚަބަރު

ކޮރަޕްޝަނާ ދުރުވެވޭނީ އިސްލާމްދީނާ އެއްގޮތަށް ޢަމަލުތައް ބައްޓަން


ކޮރަޕްޝަނާ ދުރުވެވެން އޮތް ހަމައެކަނި މަގަކީ، އިސްލާމްދީނާ އެއްގޮތަށް އެންމެންގެ ޢަމަލުތައް ބައްޓަންކުރުން ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަންގެ ރައީސް ޙަސަން ލުތުފީ ވިދާޅުވެއްޖެއެވެ.

ޙަސަން ލުތުފީ މިހެން ވިދާޅުވީ ޤައުމީ އެންޓިކޮރަޕްޝަން ދުވަސް ފާހަގަކުރުމަށް އެންޓިކޮރަޕްޝަން ފޯވަހީގެ ނަމުގައި ފުވައްމަލަކުގައި ފެށި ޚާއްޞަ ހަރަކާތްތައް އިފްތިތާޙް ކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ. ފުވައްމުލަކުގައި ކުރިއަށްގެންދާ ޙަރަކާތްތަކުގެ ތެރެއިން އިއްޔެ، ޤުރުއާން މުބާރާތަކާއި، ސުވާލު މުބާރާތެއް ފަށާފައިވެއެވެ. އެންޓިކޮރަޕްޝަން ފޯވައްސާއި، ޤުރުއާން މުބާރާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ލުތުފީ ވިދާޅުވީ، ކޮރަޕްޝަނާއި ދުރުވުމަށް އިސްލާމީ އަޚްލާގުގެ ސިފަތައް ގައިގައި ހަރުލައްވަން ޖެހޭ ކަމަށެވެ. އަދި ޚާއްސަކޮށް ޤުރުއާނުގެ އާޔަތްތަކުގައި ކަރަޕްޝަނާއި ފަސާދައާ ގުޅޭގޮތުން ގެނެސްފައިވާ ވާހަކަތަކާމެދު ވިސްނާލުން މުހިންމު ކަމަށް ލުތުފީ ވިދާޅުވިއެވެ.

ޤައުމީ އެންޓިކޮރަޕްޝަން ދުވަސް ފާހަގަކުރުމުގެ ގޮތުން ގިނަ ހަރަކާތްތަކެއް މި ހަފްތާގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް އޭސީސީން މަޢުލޫމާތުދެއެވެ. އެގޮތުން އިއްޔެ ފެށި ޤުރުއާން މުބާރާތާއި، ކުއިޒް މުބާރާތުގައި ފުވައްމުލަކުގެ ސްކޫލްތަކުން ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވެފައިވާކަމަށް އޭ.ސީ.ސީން ބުނެއެވެ. އެންޓިކޮރަޕްޝަން ދުވަހުގެ ރަސްމިއްޔާތަށް ރަށް ޒީނާތްތެރިކުރުމުގެ މަސައްކަތްވެސް މިވަގުތު ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ. މި ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 21 ވަނަ ދުވަހުއެވެ.