ޚަބަރު

ނާކާމިޔާބުވި ކެންޑިޑޭޓުން، ކާމިޔާބުވި ކެންޑިޑޭޓުންނާ ގުޅިގެން މަސައްކަތްކުރުމަށް އެދިވަޑައިގެންފި


  • ޕްރައިމަރީ ކުރިއަށްދަނީ ވަރަށް ސުލްހަވެރިކަމާއެކު

  • އެމްޑީޕީ ކުރިއަށްދާނީ އެކަތިގަނޑެއްގެ ގޮތުގައި

  • އެމްޑީޕީ ޕްރައިމަރީގައި 40 ދާއިރާއަކަށް 140 ކެންޑިޑޭޓުން ވާދަކުރޭ

އެމްޑީޕީން ކުރިއަށްގެންދިޔަ އެޕާޓީގެ މަޖިލިސް ޕްރައިމަރީން ނާކަމިޔާބީއާ ކުރިމަތިވި ކެންޑިޑޭޓުން، އިންތިޚާބު ކާމިޔާބުކުރި ކެންޑިޑޭޓުންނާ ގުޅިގެން ކުރިއަށް ދިއުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް އެދިވަޑައިގެންފިއެވެ.

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާނެ ކެންޑިޑޭޓުން ކަނޑައެޅުމަށް އެމްޑީޕީން މިއަދު ކުރިއަށްގެންދިޔަ ޕްރައިމަރީގެ ކަންކަން ބައްލަވާލެއްވުމަށް މަޖީދިއްޔާ ސްކޫލަށް ވަޑައިގެންނެވުމަށްފަހު ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިޙް ވިދާޅުވީ، މީގެ ކުރީ ޕްރައިމަރީތަކުގައި ބައެއް ނޭދެވޭ ކަންކަން ހިނގާފައިވީ ނަމަވެސް، މިފަހަރުގެ ޕްރައިމަރީ ކުރިއަށް ދަނީ ވަރަށް ސުލްހަވެރިކަމާއެކުކަމަށެވެ.

ރައީސް ޞާލިހު ވިދާޅުވީ ސިޔާސީ ކަންކަމުގައި ނާކާމިޔާބީއާ ކުރިމަތިލާންޖެހޭ ވަގުތުވެސް އަންނާނެކަމަށާއި، އެހެންނަމަވެސް ޕްރައިމަރީގައި ބަލިވާ ކެންޑިޑޭޓުން، މޮޅުވާ ކެންޑިޑޭޓާއެކު ކުރިއަށް ވަޑައިގަތުމަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އެމްޑީޕީ އަބަދުވެސް ކުރިއަށްދާނީ އެންމެން ގުޅިގެން އެކަތިގަނޑެއްގެ ގޮތުގައިކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ.

"މި ޕްރައިމަރީ ނިމުމަށްފަހުގައިވެސް އަޅުގަނޑުގެ އެދުމަކީ ބަލިވާ ކެންޑިޑޭޓުން މޮޅުވާ ކެންޑިޑޭޓާއިއެކު ކުރިއަށް ދިޔުން. ސިޔާސީ ކަންކަމުގައި ބަލިވާ ފަހަރުވެސް އަންނާނެ." ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް ޞާލިހު ވިދާޅުވިއެވެ.

އެމްޑީޕީން ނިންމާފައިވަނީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބުައި ހުރިހާ ދާއިރާއަކަށް ވާދަކުރުމަށެވެ. މިގޮތުން މަޖިލިސް ޕްރައިމަރީ ބާއްވާފައިވަނީ 40 ދާއިރާއެއްގައެވެ. އަދި 49 ދާއިރާއެއްގެ ކެންޑިޑޭޓުން ވަނީ ޕްރައިމަރީއަކާ ނުލައި ކަށަވަރުވެފައެވެ. މީގެ އިތުރުން އަދި 4 ދާއިރާއަކަށް އެއްވެސް ކެންޑިޑޭޓަކު ކުރިމަތިލާފައި ނުވާތީ، ޕްރައިމަރީއަށްފަހު އެ ދާއިރާތަކާއިމެދު ގޮތެއް ނިންމާނެކަމަށް އެމްޑީޕީން ބުނެއެވެ.