ޚަބަރު

2018 ނިމުމުގެ ކުރިން 50 ރަށުގެ ފެނާއި ނަރުދަމާ ޤާއިމްކުރުން


ސަރުކާރުގެ ޢަމާޒަކީ، 2018 ވަނަ އަހަރު ނިމުމުގެ ކުރިން 50 ރަށުގެ ނަރުދަމާއާއި 50 ރަށުގައި ފެނުގެ ނިޒާމް ޤާއިމް ކުރެއްވުން ކަމަށް އެންވަޔަރަމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރޭ ބޭއްވި އެމް.ޑަބްލިއު.އެސް.ސީގެ 21 ވަނަ އަހަރީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ވަނީ ރާއްޖޭގައި ޔުޓިލިޓީ ޚިދުމަތްތައް ތަރައްޤީ ކުރުމަށް ސަރުކާރުން ދެއްވާ އިސްކަން ފާހަގަ ކުރައްވާ ވާހަކަފުޅު ދައްކަވާފައިވެއެވެ. މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ އުފެދުނުތާ 21 އަހަރު ފުރުމުގެ މުނާސަބަތުގައި ބޭއްވި ރަސްމިއްޔާތުގައި، ފެނާއި ނަރުދަމާއިން އުންމީދީ ދިރިއުޅުމެއް ރައްޔިތުންނަށް ހޯއްދަވައިދެއްވުމަށް ސަރުކާރުން ކުރައްވަމުންދާ ބުރަ މަސައްކަތްތަކުގެ ތަފްޞީލް އެންވަޔަރމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ޙިއްސާ ކުރައްވާފައިވެއެވެ. މީގެތެރެއިން ރައްކާތެރި ބޯފެނާއި، ނަރުދަމާ ނިޒާމަކީ ސަރުކާރުގެ އެންމެ އަސާސީ އެއް ވަޢުދުކަން ފާހަގަކުރެއްވިއެވެ. ފާއިތުވި 2 އަހަރުގެ ތެރޭގައި 10 ރަށުގެ ނަރުދަމާއާއި، 10 ރަށުގެ ފެނުގެ ނިޒާމްގެ މަސައްކަތް ނިމިފައިވާއިރު، 2018 އަށް ކަނޑައަޅާފައިވާ ޓާގެޓްތައް ޙާސިލް ކުރެވޭނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސަރުކާރުން މިއަހަރާއި ކުރިއަށް އޮތް އަހަރުވެސް ނަރުދަމާ އަދި ފެނުގެ އެތައް މަޝްރޫއެއް ފައްޓަވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި ދާއިރާ ތަރައްޤީވާއިރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދާއިރާއިން ޚާއްސަ މީހުން ނެތުންކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެހެންކަމުން އެމް.ޑަބްލިއު.އެސް.ސީ ފަދަ ކުންފުނިތަކުން މި ދާއިރާ ކުރިއަރުވަން އިންސާނީ ވަސީލާތް ތަރައްޤީކުރަން ޖެހިފައިވާ ކަމަށް މިނިސްޓަރ ތާރިޤް ވިދާޅުވިއެވެ.

މިހާރު ކުރިއަށްދާ މަޝްރޫޢުތަކަށް ސަރުކާރުން އިސްކަންދެއްވާއިރު، މީގެ 30 އަހަރު ކުރިން މާލޭގައި ހަދާފައިވާ ނަރުދަމާ ނިޒާމް ބަލިކަށިވެ، މާލޭގެ ނަރުދަމާ ނިޒާމް ރަގަޅު ކުރަންޖެހޭކަމަށް ފާހަގަ ކުރައްވައި މިނިސްޓަރ ވިދާޅުވީ، 30 އަހަރު ކުރިން މާލޭގައި ނަރުދަމާ އޭރު ޤާއިމް ކުރީ 30،000 މީހުންގެ އާބާދީއަކަށް ފަރުމާ ކުރައްވައިގެންކަމަށެވެ.

މިކަމާ ގުޅިގެން ނަރުދަމާ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެންނަށް ޖެހޭ ކަމަށާއި، އެ ކަމުގައި އެމް.ޑަބް.ލިއު.އެސް.ސީއަށް ދޭންޖެހޭ އެއްބާރުލުން ސަރުކާރުން ދެއްވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ޢާބާދީއާއި އެކަށީގެންވާ މިންވަރަށް ފެނުގެ ކެޕޭސިޓީ އިތުރުކުރަން ޖެހިފައިވާ ކަމަށާއި، މާލޭގެ ބޮޑެތި ޢިމާރާތްތަކުގެ އަޑީގައި ފެން ރައްކާކުރާނެ ތާނގީތައް ބެހެއްޓެވުމަށް ސަރުކާރުން ވިސްނާފައިވާ ކަމަށް ވިދާޅުވިއެވެ. މިނިސްޓަރ އިތުރަށް ވިދާޅުވިގޮތުގައި ފިނޭންސް މިނިސްޓްރީ ހުރި ތަނުގައި އަލަށް ހަދާ 25 ބުރީގެ އިމާރާތުގެ ބިމުގެ އަޑީގައިވެސް ފެން ތާނގީ ހެދުމަށް ހަމަޖެހިފައިވާކަމުގެ މަޢުލޫމާތު ލިބިފައިވާ ކަމަށާއި މިއީ މާލެއަށް ދުވާލަކަށް ބޭނުންވާ މިންވަރަށް ފެން ރައްކާކުރެވޭނެ ތާނގީއެއް ކަމަށެވެ. އަދި މިފަދަ ގިނަ ޢިމާރާތްތަކެއް ހުރުން މުހިންމުކަން ފާހަގަކުރައްވާ، މިފަދަ ތާނގީތައް އިތުރުކުރެއްވުމަށް އެމް.ޑަބްލިއު.އެސް.ސީއަށް އަންގަވާފައިވާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެމް.ޑަބްލިއު.އެސް.ސީ އަކީ ސަރުކާރުން ކުރިއަށްގެންދާ ފެނާއި ނަރުދަމާގެ މަޝްރޫޢުތަކުގައި އެންމެ އިސް ދައުރެއް އަދާކުރަމުންދާ އެއް ކުންފުނިކަން ފާހަގަކުރައްވާ މި ދާއިރާގެ ތަރައްޤީއަށް އެމް.ޑަބްލިއު.އެސް.ސީން ކުރަމުންދާ މަސައްކަތްތައްވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ. ޚާއްސަކޮށް ނަރުދަމާ އަދި ފެނުގެ ނިޒާމް ހެދުމަށް ބޭނުންކުރާ ހޮޅި ނުވަތަ ޕައިޕްލައިން އުފެއްދުމަށް އެކުންފުނިން ނިންމަވާފައިވާތީ އެކަމަށް މިނިސްޓަރ މަރުޙަބާ ވިދާޅުވެފައިވެއެވެ.