ޚަބަރު

އެމްޓީސީސީއަށް މިދިޔަ އަހަރު 3.24 ބިލިއަން ރުފިޔާގެ އާމްދަނީއެއް


  • މިއީ 31 އިންސައްތަ އިތުރު އަދަދެއް

  • މިދިޔަ އަހަރު ނިމުނު އިރު ކުންފުނި ހިންގައިގެން 336.77 މިލިއަން ރުފިޔާ ލިބިފައިވޭ

  • ފަހު ކުއާޓަރުގައި އެމްޓީސީސީއިން 201 ޕްރޮޖެކްޓެއްގެ މަސައްކަތްކުރިއަށްގެންގޮސްފައިވޭ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮންޕެނީ، އެމްޓީސީސީއަށް މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި 3.24 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް އެކުންފުނީގެ މާލީ ހިސާބުތަކުން ދައްކައިފިއެވެ. މިއީ 2022ވަނަ އަހަރު ލިބުނު އާމްދަނީގެ އަދަދާއި އަޅާ ބަލާއިރު 31 އިންސައްތަ އިތުރު އަދަދެކެވެ.

އެމްޓީސީސީއިން އާއްމުކޮށްފައިވާ މިދިޔަ އަހަރުގެ ފަހު ކުއާޓަރުގެ މާލީ ރިޕޯޓުގައިވާ ގޮތުން މިދިޔަ އަހަރު ނިމުނު އިރު ކުންފުނި ހިންގައިގެން ވަނި 336.77 މިލިއަން ރުފިޔާ ލިބިފައެވެ. މިއީ 2022ވަނަ އަހަރު ކުންފުނި ހިނގުމުގެ ފައިދާގެގޮތުގައި ލިބުނު ޢަދަދަށްވުރެ 4 އިންސައްތަ އިތުރު އަދަދެކެވެ.

އަހަރު ނިމުނު އިރު އެމްޓީސީސީއަށް ލިބުނު އާމްދަނީގެ އަދަދަށް ބޮޑު ކުރިއެރުމެއް ލިބިފައިވީ ނަމަވެސް، މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި ލިބުނު އާމްދަނީގެ އަދަދާއި ފައިދާވި މިންވަރު ވަނީ ދަށަށްގޮސްފައެވެ.

މާލީ ރިޕޯޓުގައިވާގޮތުން މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެމްޓީސީސީއަށް ފަހު ކުއާޓަރުގައި ލިބިފައިވަނީ 782.82 މިލިއަން ރުފިޔާގެ އާމްދަނީއެކެވެ. މިއީ މިދިޔަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ލިބުނު 979.33 މިލިއަން ރުފިޔާ އާއި އަޅާ ބަލާއިރު 25 އިންސައްތަ ދަށް އަދަދެކެވެ.

ހަތަރުވަނަ ކުއާޓަރުގައި އެމްޓީސީސީއަށް ކުންފުނި ހިންގައިގެން ލިބިފައިވަނީ 43.23 މިލިއަން ރުފިޔާއެވެ. މިއީ ތިންވަނަ ކުއާޓަރުގައި ލިބުނު 103.74 މިލިއަން ރުފިޔާ އާއި އަޅާ ބަލާއިރު، 58 އިންސައްތަ ދަށް އަދަދެކެވެ.

އާމްދަނީ ދަށްވުމާއި އެކު، މިދިޔަ އަހަރުގެ ފަހު ކުއާޓަރުގައި އެމްޓީސީސީއަށް ސާފު ފައިދާގެ ގޮތުގައި ލިބިފައިވަނީ 13.31 މިލިއަން ރުފިޔާއެވެ. ދެވަނަ ކުއާޓަރުގައި އެކުންފުންޏަށްވަނީ ސާފު ފައިދާގެ ގޮތުގައި 43.3 މިލިއަން ރުފިޔާ ލިބިފައެވެ.

އެމްޓީސީސީން ވިދާޅުވީ މިދިޔަ އަހަރު ފަހު ކުއާޓަރުގައި ކުންފުންޏަށް ލިބުނު ފައިދާގެ އަދަދު ތިންވަނަ ކުއާޓަރާއި އަޅާއިރު ދަށްވެފައިވަނީ ކޭޝްފްލޯ މެނޭޖްކުރުމުގައި ކުންފުންޏަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން ކަމަށެވެ. އަދި ކަމަށް ހައްލުހޯދުމަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަމަށާއި، ހެޔޮ ބަދަލުތަކެއް ކުރިމަގުގައި ފެނިގެންދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

ހަތަރުވަނަ ކުއާޓަރުގައި ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް ކާމިޔާބުކަމާއެކު އެމްޓީސީސީން ވަނީ ހިންގާފައެވެ. އެގޮތުން އެކުއާޓަރުގައި އެމްޓީސީސީއިންވަނީ 201 ޕްރޮޖެކްޓެއްގެ މަސައްކަތްކުރިއަށްގެންގޮސްފައެވެ. އަދި 4 މަޝްރޫއެއްގެ މަސައްކަތް ވަނީ ކާމިޔާބުކަމާއެކު ނިންމާލެވިފައެވެ. އަދި އަލަށް 3 މަޝްރޫޢުގެ މަސައްކަތް އެ ކުއަރޓަރުގައި ފަށާފައިވާކަމަށް އެމްޓީސީސީން ބުނެއެވެ.