ޚަބަރު

ދަ ޑިމޮކްރެޓްސްގެ މަޖިލިސް ޕްރައިމަރީ ވޯޓުލުން ފަށައިފި


  • 2 ދާއިރާއެއްގެ ވޯޓުލުން ވަނީ ފަށާފައިި

  • ވޯޓުލުން ކުރިއަށްދާނީ ހަވީރު 4:00 އާ ހަމައަށް

  • ޕްރައިމަރީއަކާ ނުލައި 39 ދާއިރާއެއްގެ ޓިކެޓް ވަނީ ކަށަވަރުވެފައި

ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީގެ ވޯޓުލުން ފަށައިފިއެވެ.

އެ ޕާޓީގެ ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާނީ 09:00 އިން ހަވީރު 4:00 އާ ހަމައަށެވެ.

ޑިމޮކްރެޓްސް އިން ޕްރައިމަރީ ބާއްވަނީ ދެ ދާއިރާއެއްގެއެވެ. އެއީ ހުޅުމާލެ ދެކުނު ދާއިރާ އަދި ހެންވޭރު ދެކުނު ދާއރާގެއެވެ. ހުޅުމާލެ ދެކުނު ދާއިރާގެ ވޯޓު ފޮށި ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލުގައި ބަހައްޓާފައިވާއިރު ހެންވޭރު ދެކުނު ދާއިރާގެ ވޯޓު ފޮށި ބަހައްޓާފައިވަނީ އެ ޕާޓީގެ ހަރުގެ، ހައުސް އޮފް ޑިމޮކްރެޓްސްގައެވެ.

އަންނަ މާޗު މަހުގެ 17 ވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިޚާބުގައި 93 ދާއިރާއަށް ވާދަކުރަން ޑިމޮކްރެޓްސް އިން ނިންމާފައިވާއިރު މިހާތަނަށް ކެންޑިޑޭޓުން ކުރިމަތިލާފައިވަނީ 41 ދާއިރާއަށެވެ. އޭގެތެރެއިން 39 ދާއިރާއަކަށް އެއް ކެންޑިޑޭޓަކު ކުރިމަތިލާފައިވާތީ އެ ފަރާތްތަކަށް ވަނީ ޕްރައިމަރިއަކާ ނުލައި ޓިކެޓް ކަށަވަރުވެފައެވެ.

މަޖިލިސް އިންތިޚާބުގައި މިހާތަނަށް ކެންޑިޑޭޓުން ނުލިބޭ ދާއިރާތަކަށް ކުރިމަތިލުމުގެ އިތުރު ފުރުސަތެއް ޑިމޮކްރެޓްސް އިން ވަނީ ހުޅުވާލާފައެވެ. ނަމަވެސް އިތުރު ޕްރައިމަރީއެއް ބާއްވަން ވަގުތު ނެތުމުން ޕްރައިމަރީއެއް ނުބާއްވާނެ ކަމަށާއި ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޕާޓިން ނިންމާ މީހުންނަށް ޓިކެޓް ލިބޭނެ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.