މޭމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިޔުމަށް އެޤައުމުން އެއްބަސްވެއްޖެއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. އަދި އިންޑިއާ ސިފައިން މާޗް މަހުގެ 15 ވަނަ ދުވަހުގެ ކުރިން އަނބުރާ ޤައުމަށް ގެންދިޔުމަށް ދިވެހި ސަރުކާރުން ވަނީ ރަސްމީކޮށް މިދިޔަ ޖެނުއަރީމަހު އިންޑިއާ ސަރުކާރަށް އަންގާފައެވެ.
ފޮރިންގ މިނިސްޓްރީއިން ވިދާޅުވީ އިންޑިއާ ސިފައިން ގެންދިޔުމާއި ގުޅިގެން ދެޤައުމުގެ ދެމެދުގައި ކުރިއަށްގެންދާ ހައި ލެވެލް ކޯރ ގްރޫޕްގެ ބައްދަލުވުމުގެ ތެރެއިން މިއަދު އިންޑިއާގެ ނިއުދިއްލީގައި ކުރިއަށްގެންދިޔަ ބައްދަލުވުމުގައި ރާއްޖޭގެ 3 ސަރަޙައްދެއްގައި ތިބި އިންޑިއާ ސިފައިންގެ ތެރެއިން އެއްބަޔަކު މާޗް މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އަނބުރާ ގެންދިޔުމަށް އެއްބަސްވެފައިވާކަމަށެވެ. އަދި ބާކީ ތިބި ސިފައިން މެއި މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް އަނބުރާ ގެންދިޔުމަށް އިންޑިއާ ސަރުކާރުން މިއަދުގެ ބައްދަލުވުމުގައި އެއްބަސްވެފައިވާކަމަށް ފޮރިންގ މިނިސްޓްރީން ނެރުއްވި ބަޔާނުގައި ވިދާޅުވެއެވެ.
މިބައްދަލުވުގައި އިންޑިއާ ސިފައިން އަނބުރާ ގެންދިޔުމުގެ އިތުރުން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ގުޅޭގޮތުންވެސް ވަނީ މަޝްވަރާކުރައްވާފައެވެ. މިގޮތުން ދިފާޢީ ދާއިރާއާއި އިޤްތިޞާދާއި ޢުމްރާނީ ތަރައްޤީގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމާއި ގުޅޭގޮތުންވަނީ މަޝްވަރާކުރައްވާފައެވެ.