ކުޅިވަރު

ބޮޑު ތާއީދަކާއެކު ކާވާގެ ރައީސްކަމުގެ ދެވަނަ ދައުރަކަށް ލަތީފް


ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަންސް (ކާވާ) ގެ ރައީސްކަމުގެ ދެވަނަ ދައުރަކަށް މެންބަރު ގައުމުތަކުގެ އިއްތިފާގުން ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަނުގެ ކުރީގެ ރައީސް މުޙައްމަދު ލަތީފް އިންތިޚާބުކުރައްވައިފިއެވެ.

ތައިލެންޑުގެ ވެރިރަށް ބެންކޮކުގެ އެލެގްޒެންޑަރ ހޮޓަލުގައި ކުރިއަށްދިޔަ ކާވާގެ އަހަރީ އާންމު ޖަލްސާގައި މި މަގާމުގެ ދެވަނަ ދައުރަކަށް ލަތީފް އިންތިޚާބުކުރެއްވިއިރު، ޖުމްލަ 14 ގައުމު ހިމެނޭ އެ ޖަމުއިއްޔާގެ ވޯޓުގައި އިންޑިއާ ފިޔަވާ ހުރިހާ ގައުމުތަކަކުން ވަނީ ބައިވެރިވެފައެވެ. އިންޑިއާ ބައިވެރިވެފައިނުވަނީ އެފްއައިވީބީގެ ޝަސްޕެންޝަނެއްގައި އެ ގައުމުގެ ފެޑަރޭޝަން އޮތުމުންނެވެ.

އިއްޔެ ބޭއްވި އިންތިޚާބީ ކޮންގްރެސްގައި ކާވާގެ މެންބަރު ގައުމުތަކުގެ އިތުރުން ދުނިޔޭގެ ވޮލީބޯޅައިގެ މައި ޖަމުއިއްޔާ އެފްއައިވީބީގެ އިސްވެރިން ކަމަށްވާ ޖެނެރަލް ޑިރެކްޓަރ ފަބިއޯ އަޒެވޭޑޯ އާއި، ޑިރެކްޓަރ އޭޝިއާ އެންޑް އޯޝޭނިޔާ ލުއިސް އެލެގްޒެންޑަރ އާއި، ޓެކްނިކަލް އެންޑް ޑިވެލޮޕްމަންޓް ހިޓޭޝް މަލްހޯތުރާ އަދި އޭޝިއާގެ ވޮލީބޯޅައިގެ މައި ޖަމުއިއްޔާ އޭވީސީގެ ރައީސްް ޑރ. ރީތާ ޝުބޯވޯ އާއި، އޭވީސީގެ ސެކްރެޓަރީ ޖެނަރަލް ކިޔެތަޕޯން އާއި، އޭވީސީގެ އެގްޒެކްޓިވް ޑިރެކްޓަރ ސަންރިތު ވަނީ ބައިވެރިވެވަޑައިގެންފައެވެ.

އިއްޔެގެ އިންތިޚާބުގައި ފަސްޓް ވައިސް ޕްރެޒިޑެންޓުގެ މަގާމަށް އިރާނުގެ ވޮލީބޯޅަ ފެޑެރޭޝަންގެ ސީނިއާ އެޑްވައިޒަރ ޑރ. ޑަވަރުޒާން ހޮވިވަޑައިގެންނެވީ ކަޒަކިސްތާން ވޮލީބޯޅަ ފެޑެރޭޝަނުގެ ސެކްރެޓަރީ ޖެނެރަލް ޔަރަމެކް ވާދަކޮށްގެންނެވެ. ވައިސް ޕްރެޒިޑެންޓް ސެންޓްރަލް އޭޝިއާގެ މަގާމަށް އުޒްބަކިސްތާންގެ ސެކްރެޓަރީ ޖެނެރަލް ފަރުހޫދް އަލިމޯވް އިންތިޚާބުކުރެއްވިއިރު، ވައިސް ޕްރެޒިޑެންޓް ސައުތު އޭޝިއާގެ މަގާމަށް ނޭޕާލް ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސް ޖީތެންދުރާ ވަނީ އިންތިޚާބުކުރައްވާފައެވެ.

މީގެއިތުރުން ބޯޑު މެންބަރުގެ ގޮތުގައި އަފްޣާނިސްތާންގެ ސެކްރެޓަރީ ޖެނެރަލް ކުޝާލް މަލިކު ޒައި އާއި، ބަންގްލަދޭޝްގެ ރައީސް އާތިކް އިސްލާމާއި، ބޫޓާނުގެ ސެކްރެޓަރީ ޖެނެރަލް ކިންޒޭންގ އާއި، އިންޑިއާގެ ވޮލީބޯޅަ ފެޑެރޭޝަންގެ ފަރާތުން ރޯހިތު ރާޖްޕާލް އާއި، އިރާން ވޮލީބޯޅަ ފެޑަރޭޝަނުން ލަވަރު ޒާން އާއި، ވޮލީބޯޅަ ފެޑަރޭޝަން އޮފް ކަޒަކިސްތާންގެ ސެކްރެޓަރީ ޖެނެރަލް ޔަރުމިކާއި، ކިރްގިސްތާން ވޮލީބޯޅަ ފެޑަރޭޝަންގެ ސެކްރެޓަރީ ޖެނެރަލް ކްލިޗާއި، ރާއްޖޭގެ ވޮލީބޯޅަ އެސޯސިއޭޝަންގެ ހަޒާންދާރު މުޙައްމަދު ރާމިޒާއި، ކަޒަކިސްތާން ވޮލީބޯޅަ ފެޑެރޭޝަންގެ ސެކްރެޓަރީ ޖެނަރަލް ލަޓިޕޯވާއި، ނޭޕާލް ވޮލީބޯޅަ އެސޯސިއޭޝަންގެ ރައީސް ޖިތެންދުރާއި، ޕާކިސްތާން ވޮލީބޯޅަ ފެޑަރޭޝަންގެ ޗެއާމަން ޗައުދަރީ މުޙައްމަދު ޔައުގޫބާއި، ސްރީ ލަންކާ ވޮލީބޯޅަ ފެޑަރޭޝަންގެ ޖެނަރަލް ސެކްރެޓަރީ ނާލަކަ އާއި، ވޮލީބޯޅަ ފެޑަރޭޝަން އޮފް ތުރުކުމެނިސްތާނުގެ ސެކްރެޓަރީ ޖެނަރަލް އަޓަގެލްޑީ ހަނޯވް އާއި، އުޒުބަކިސްތާން ވޮލީބޯޅަ ފެޑަރޭޝަންގެ ސެކްރެޓަރީ ޖެނަރަލް ފަރުހޫދު އަލިމޯވް ވަނީ އިންތިޚާބުކުރައްވާފައެވެ.

މީގެ އިތުރުން ކާވާގެ ރައީސް ލަތީފް ވަނީ އެ ޖަމުއިއްޔާގެ އެގްޒެކްޓިވް ޑިރެކްޓަރަކަށް ކްލިޗް އާއި ސެކްރެޓަރީ ޖެނަރަލަކަށް ނާލަކަ އައްޔަންކުރައްވާފައެވެ.

ރައީސްކަމުގެ މަގާމަށް އިންތިޚާބުވެވަޑައިގަތުމަށްފަހު ކާވާ އަކީ ޒޯނަލް އެސޯސިއޭޝަންތަކުގެ ތެރެއިން އެންމެ ހަރަކާތްތެރި އެސޯސިއޭޝަނަކަށް ހައްދަވާނެ ކަމަށާއި، ކާވާގެ މުބާރާތްތަކަށް ފައިސާ ހޯދުމަށް އިތުރު މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ލަތީފް ވިދާޅުވިއެވެ. ކާވާގެ ހަގީގީ ހިންގުންތެރިންނަކީ މެންބަރު އެސޯސިއޭޝަންތައް ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް މެންބަރުން އެކަތިގަނޑެއްގެ ގޮތުގައި މަސައްކަތްކޮށްދިނުމަށް ރައީސް ވަނީ ހުރިހާ މެންބަރު އެސޯސިއޭޝަންތަކަށް ގޮވާލާފައެވެ.

ދެ ދުވަހަށް ދިގު ދެމިގެންދިޔަ ކާވާގެ އަހަރީ ޖަލްސާގެ ފުރަތަމަ ދުވަހު ވަނީ އަހަރީ ކަލަންޑަރު އަދި ބަޖެޓާއި ގުޅޭގޮތުން މަޝްވަރާކޮށް ފާސްކޮށްފައެވެ. ކާވާގެ އަހަރީ ޖަލްސާއަށް ފަހު އެފްއައިވީބީގެ އިސްވެރިން ވަނީ ވަކިވަކިން ގައުމުތަކުގެ އެެސޯސިއޭޝަންތަކާ ބައްްދަލުކޮށް އެ ގައުމުތަކުގެ ކަންބޮޑުވުންތަކާއި އެހިތެރިވާނެ ދާއިރާތަކާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ.

ކާވާގެ ދެވަނަ ދައުރަކަށް ލަތީފް އިންތިޚާބުވެވަޑައިގެންނެވިއިރު، އޭޝިއަން ވޮލީބޯލް ކޮންފަޑެރޭޝަން (އޭވީސީ) ގެ އެގްޒެކުޓިވް ޒޯނަލް ނައިބު ރައީސްކަމުގެ މަގާމު އަދާކުރައްވަނީވެސް ލަތީފެވެ. ވޮލީގައި ރާއްޖެ ހިމެނޭ ސަރަހައްދުގެ އެންމެ އިސްފަރާތަކީ އޭވީސީއެވެ. އޭވީސީން ވަނީ އެ ޖަމުއިއްޔާގެ ކަންތައްތައް ކުރިއަށްގެންދިއުމަށް ފަސް ޒޯނަކަށް ބަހާލާފައެވެ.

ސެންޓްރަލް އޭޝިއާގެ ޒޯނަލްއަކީ ދެކުނު އޭޝިއާގެ ހަރަކާތްތައް ކުރިއަށްގެންދާނެ އެންމެ އިސްފަރާތެވެ. މި ހުރިހާ ޒޯންތައް އޭވީސީގެ ބެލުމުގެ ދަށުން ހަރަކާތްތެރިވާއިރު، ވޮލީގެ މައި އިދާރާއަކީ އެފްއައިވީބީއެވެ. ލަތީފް ވަނީ 2017 ވަނަ އަހަރުވެސް އޭވީސީގެ ބޯޑަށް އިންތިޙާބުވެވަޑައިގެންފައެވެ.