ޚަބަރު

އެމް.ޑަބްލިއު.އެސް.ސީއަށް އާމްދަނީގެ ގޮތުގައި 963 މިލިއަން ރުފިޔާ


ފާއިތުވި 2015 އަހަރަކީ މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމް.ޑަބްލިއު.އެސް.ސީގެ ތާރީޚްގައި އެންމެ ބޮޑު އާމްދަނީއެއް ލިބިގެންދިޔަ އަހަރުކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.

މިދިޔަ އަހަރު އެ ކުންފުންޏަށް އާމްދަނީގެ ގޮތުގައި 963 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އެމް.ޑަބް.ލިއު.އެސް.ސީގެ 21 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ކުންފުނީގެ އާމްދަނީގެ ތަފްޞީލް ދެއްވީ، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ފަޒުލު ރަޝީދުއެވެ. ފަޒްލު ވިދާޅުވީ، 2015 ވަނަ އަހަރު ލިބުނު އާމްދަނީއަކީ ރެކޯޑް މިންވަރެއް ކަމަށެވެ.

2014 ވަނަ އަހަރު ފައިދާގެ ގޮތުގައި 711 މިލިއަން ރުފިޔާ ލިބުނުއިރު 2015 ވަނަ އަހަރު ފައިދާގެ މިންވަރު 35 އިންސައްތަ އިތުރުވެ، 963 މިލިއަން ރުފިޔާ، ފައިދާގެ ގޮތުގައި ލިބުނު ކަމަށް ފަޒްލު ވިދާޅުވިއެވެ. އަދި ސާފު ފައިދާވެސް 139 އިންސައްތަ އިތުރުވިކަމަށް އޭނާ ވިދާޅުވިއެވެ. މިދިޔަ އަހަރުގެ ފައިދާގެ ތަފްޞީލް ދެއްވަމުން ފަޒުލް ވިދާޅުވީ، އިންޖިނިއަރިންގެ މަސައްކަތުން އެކަނިވެސް 337.76 މިލިއަން ރުފިޔާ ފައިދާވި ކަމަށެވެ. އަދި މެނުފެކްޗަރިން ނުވަތަ އުފެއްދުންތެރިކަމުގެ ދާއިރާއިން 82.8 މިލިއަން ރުފިޔާގެ ފައިދާ ލިބިފައިވާކަމަށް ވިދާޅުވިއެވެ. ކުންފުންޏަށް ލިބެމުންދާ ފައިދާއާއެކު ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ކުރިއަށްދާކަންވެސް ފަޒްލު ފާހަގަކުރިއެވެ. އެެގޮތުން މާލޭގެ 3 ސަރަޙައްދެއްގައި ޑީސެންޓްރަލައިޒްކޮށް ފެނުގެ ޚިދުމަތް ދިނުމަށް ބޮޑު މަޝްރޫޢެއް ކުރިއަށްދާއިރު، އުންމީދީ އެތައް މަޝްރޫއެއް ކުރިއަށްދާކަމަށް ވިދާޅުވިއެވެ.

އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ އެމް.ޑަބްލިއު.އެސް.ސީގެ ފަރާތުން ދަނީ ފެނުގެ އުފެއްދުންތަކަށް ހަލާލު ސެޓްފިކެޓް ހޯދުމަށް މަސައްކަތް ކުރަމުން ކަމަށެވެ. އަދި ޚާއްސަގޮތެއްގައި ފާހަގަކުރެވޭ ބަރިޖް މަޝްރޫއުން މާލެއާއި ހުޅުމާލޭގެ ފެނުގެ މަޝްރޫޢު ގުޅާލުމަށް ކުރިއަށްގެންދާ މަޝްރޫޢެއް ކަމަށެވެ. އެކަމުގެ ޑިޒައިން މަސައްކަތް މިހާރު ވަނީ ފެށިގެން ގޮސްފައިވާ ކަމަށްވެސް ފަޒުލް ވިދާޅުވިއެވެ. އަދި ވަރުގަދަ ސެކިއުރިޓީ ނިޒާމަކާއެކު ޕެނަލް ބޯޑްތަަކަށް ޚާއްސަ ތަނެއްވެސް ހެދުމަށް ހަމަޖެހިފައިވެއެވެ. އަދި އިންޖީނުގެ ކެޕޭސިޓީތައް އިތުރުކުރުމަށްވެސް މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެމް.ޑަބް.ލިއުއެސް.ސީގެ އަހަރީ ދުވަހުގެ ޖަލްސާގައި އެ ކުންފުނީގެ އާ ވެބްސައިޓްވެސް އިފްތިތާޙު ކޮށްފައިވެއެވެ. އައު ވެބްސައިޓުން ގިނަ ޚިދުމަތްތަކެއް އޮންލައިންކޮށް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. މީގެ އިތުރުން، ކުންފުނީގެ ޚަރަދުގައި ޙައްޖަށް ދިއުމުގެ ފުރުޞަތު ދެ ފަރާތަކަށް ލިބިގެން ދިިޔައިރު، އެންމެ ރަގަޅު މުވައްޒަފުން ހޮވުމަށްފަހު އެ ފަރާތްތަކަށް ވަނީ ހަނދާނީ ފިލާ ހަވާލުކޮށްދެއްވާފައެވެ. އަދި މުނިފޫހި ފިލުވުމުގެ ހަރަކާތްތަކެއްވެސް ކުރިއަށްގެންގޮސްފައިވެއެވެ.