ކެރަމްގެ އޭޝިއަން ޗެމްޕިއަންޝިޕް އަންނަ އޭޕްރީލް މަހު ރާއްޖޭގެ ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.
އޭޝިއާގެ ބޮޑެތި ގައުމުތައް ބައިވެރިވާ މި މުބާރާތާ ގުޅޭގޮތުން ޕީއެސްއެމުން ގެނެސްދިން "ކުޅިވަރު ވިންދު" ޕްރޮގްރާމުގައި ވާހަކަދައްކަމުން ރާއްޖޭގެ ކެރަމް އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ރައުޝަން ވިދާޅުވީ އިންޓަނޭޝަނަލް ކެރަމް ފެޑަރޭޝަނާ ގުޅިގެން އޭޝިއަން ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށާއި، އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި މުބާރާތުގައި ބައިވެރިވުމަށް މިހާރު ގައުމުތަކަށް ދައުވަތު ފޮނުވަމުންދާ ކަމަށެވެ.
މި ވަގުތުގައި ރާއްޖޭގައި ކުރިއަށްދާ މަސައްކަތަށް ބަލާއިރު އެސޯސިއޭޝަނުގެ މެންބަރުން ހިމެނޭގޮތަށް މުބާރާތަށް ވަކި ޚާއްސަ ޓާސްކްފޯހެއް އެކުލަވާލެވި، ބާރަށް މަސައްކަތް ކުރިއަށްދާ ކަމަށްވެސް ވިދާޅުވިއެވެ. އަދި މި މުބާރާތް ބޭއްވުމުގައި ސަރުކާރުގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުންދާކަން ރައުޝަން ވަނީ ފާހަގަކުރައްވާފައެވެ. މި މުބާރާތް ރާއްޖޭގައި ބާއްވާނެ ތަނަކާ މެދު މަޝްވަރާކުރަމުން އަންނައިރު، މުބާރާތް އޮންނާނީ ގްރޭޓާ މާލޭ އޭރިއާގައި ކަމަށް ކެރަމް އެސޯސިއޭޝަނުން ވަނީ މައުލޫމާތުދީފައެވެ.
ރައުޝަން ވިދާޅުވީ މި ވަގުތު މިކާމާ ގުޅިގެން ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކާ މަޝްވަރާކުރަމުންދާ ކަމަށާއި، މި މުބާރާތަށް އަމާޒުކޮށް ރާއްޖޭގެ ގައުމީ ޓީމު ވަރަށް ފުރިހަމައަށް ތައްޔާރުވަމުން އަންނަ ކަމަށެވެ.
"ބާކީ ތިން މަސް އޮތްއިރު އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި، މި ތިން މަސް ވެގެންދާނީ ގައުމީ ޓީމުގެ ފަރިތަކުރުންތައް ވަރަށް ބާރަށް ގެންގޮސް، މުބާރާތުގައި ރާއްޖެއަށް ރަނގަޅު މެޑެއްޔެއް ގެނެވޭނެ މުބާރާތަކަށް ހެދުމަށް.ހުސެއިން ރައުޝަން - ކެރަމް އެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީ
މީގެ ކުރިންވެސް ރާއްޖޭގައި ކެރަމްގެ ބައިނަލްއަގުމީ މުބާރާތްތައް ބާއްވާފައިވާއިރު، 2014 ވަނަ އަހަރު ވަނީ ސަން އައިލެންޑް ރިސޯޓުގައި ކެރަމް ވޯލްޑް ކަޕުވެސް ބާއްވާފައެވެ.