ޚަބަރު

ޒުވާން ޚަޠީބުން އިސްލާމީ ކަންކަމުގައި ލީޑަރުންނަށް ވާނެކަމަށް އުއްމީދުކުރަން: ޑރ.ޝަހީމް


  • ޒުވާން ޚަޠީބު ޕްރޮގްރާމްގައި 160 ދަރިވަރުން ބައިވެރިވޭ

  • މިއީ އިމާމުން ލިބުމުގެ ދަތިތަކަށް ހައްލު ހޯދަން ކުރިއަށްގެންދާ ޕްރޮގްރާމެއް

  • އާ އިމާމުންނަށް ޚުޠުބާ ކިޔުމާ ގުޅޭގޮތުން ޚާއްޞަ ތަމްރީނު ދޭނެ

ޒުވާން ޚަތީބުންގެ ޕްރޮގްރާމުން ތަމްރީންވެގެން ނުކުންނަ ދަރިވަރުން ކުރިމަގުގައި ޤައުމުގެ އިސްލާމީ ކަންކަމުގައި ލީޑަރުންނަށް ވުމަކީ ކުރެވޭ އުއްމީދެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

ޒުވާން ޚަޠީބު ޕްރޮގްރާމުގައި ބައިވެރިވުމަށް ހުޅުވާލި ފުރުޞަތުގައި ބައިވެރިވި 160 ކުދިންނާއި އިންޓަވިއުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

ޒުވާން ޚަޠީބު ޕްރޮގްރާމާ ގުޅޭގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ ޒުވާން ޚަތީބުން ތަމްރީން ކުރުމުގެ މަޝްރޫޢުއަކީ ވަރަށް މާތް މަގުޞަދެއްގައި ކުރިއަށްގެންދާ ޕްރޮގްރާމެއްކަމަށެވެ. އެގޮތުން ރަށްރަށުގެ ކައުންސިލްތަކުން އެންމެބޮޑަށް ފާހަގަކޮށްފައިވާ އެއްކަމަކީ ރަށްރަށުގައި ޚަތީބުން މަދުވުންކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މި ޕްރޮގްރާމްއަކީ މިފަދަ މައްސަލަތަކަށް ހައްލު ހޯދުމަށްޓަކައި ކުރިއަށް ގެންދާ ޕްރޮގްރާމެއްކަމަށެވެ.

ސްކޫލްތަކުގައި ކިޔަވައިދޭ އިސްލާމް މާއްދާގެ މުގައްރަރު ރަނގަޅުކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ސްކޫލް މަދަރުސާތަކުން ކިޔަވައިގެން ނުކުންނަ ދަރިވަރުންނަކީ އިސްލާމް މާއްދާ ރަނގަޅަށް ކިޔަވާފައިތިބި ދަރިވަރުންނަށް ވަނީނަމަ އިމާމުކަމުގެ ސެޓްފިކެޓް ކޯސް ހަދާފައި ތިބި މީހުންނަށް ވުރެ އެކުދިންގެ ދީނީ މަޢޫލޫމާތު މުއްސަނދިވާނެކަމަށެވެ.

"އެހެންވީމާ އޯލެވެލް އަދި އޭލެވެލް ނުވަތަ ޝަހާދާ ސާނަވީ ނިންމާފައި ތިބޭ ކުދިންނަކީ އިމާމްކަން ކުރުމަށް ތައްޔާރުވެފައިވާ ކުއްޖެއް. ދެން މިޖެހެނީ އެ ކުއްޖާއަށް އިތުރު ތަމްރީން ދީ ހުނަރުވެރިކަން ދަސްކޮށްދިނުމަށް. އަޅުގަނޑުމެން މިބަލަނީ އެފަދަ ހުނަރުވެރި ޖީލެއް ބިނާ ކުރެވޭތޯ." ޑރ.މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ސްކޫލްތަކުން ނުކުންނަ ދަރިވަރުންނަކީ ކީރިތި ޤުރުއާން ރީއްޗަށް ކިޔެވުމުގެ ހުނަރު ލިބިފައިތިބި ކުދިންނަށް ވީނަމަވެސް އެކުދިންގެ ހުނަރުތައް ދައްކާލުމުގެ މާ ގިނަ ފުރުޞަތުތަކެއް ނުލިބޭކަމަށެވެ. ނަމަވެސް ހުކުރު ޚުތުބާ ކިޔުމާއި އިމާމްވެ ނަމާދު ކުރުމުގެ ހުއްދަ ލިބުމާއެކު ކޮންމެ ދާއިރާއަކުން ކުރިއަށް ދިޔަނަމަވެސް އެކުދިންގެ ސަޚުސިއްޔަތަށް އިތުރު ފުރިހަމަކަމެއް އަންނާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. ވަޒީރުވަނީ ޒުވާން ޚަތީބުންގެ ޕްރޮގްރާމުން ތަމްރީންވެގެން ނުކުންނަ ދަރިވަރުން ކުރިމަގުގައި ޤައުމުގެ އިސްލާމީ ކަންކަމުގައި ލީޑަރުންނަށް ވުމަކީ ކުރެވޭ އުއްމީދެއްކަން ފާހަގަކުރައްވާފައެވެ.

ޒުވާން ޚަޠީބު ޕްރޮގްރާމުގައި އިންޓަރވިއުކުރުމަށްފަހު، އިމާމްކަންކުރުމާއި ޚުޠުބާ ކިޔުމާ ގުޅޭގޮތުން ޚާއްޞަ ތަމްރީނެއް ދޭނެއެވެ. އަދި ތަމްރީނު ފުރިހަމަކުރުމަށްފަހު ބައިވެރިންނަށް ހުކުރުކުރުމުގެ ހުއްދަ ދޫކުރާނެކަމަށްވެސް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ޒުވާން ޚަޠީބު ޕްރޮގްރާމަކީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އިސްނެންގެވުމުގެ މަތިން، ގްރޭޑް 10، 11 އަދި 12 ގައި އުޅޭ ދަރިވަރުންނަށާއި ސްކޫލް ނިމިފައިވާ ދަރިވަރުންނަށް ހުކުރުކުރުމުގެ ހުއްދަ ދިނުމަށްޓަކައި އިންތިޒާމުކުރެވިފައިވާ ޕްރޮގްރާމެކެވެ.