ޚަބަރު

އެމްޑީޕީއާއި ޑިމޮކްރެޓްސްގެ ޕްރައިމަރީ މާދަމާ


  • ދެ ޕާޓީގެ ޕްރައިމަރީ ވޯޓުލުން ފަށާނީ ހެނދުނު 9:00 ގައި

  • އެމްޑީޕީން 40 ދާއިރާގެ ޕްރައިމަރީ ބާއްވާ

  • ޑިމޮކްރެޓްސް އިން 2 ދާއިރާާއެއްގެ ޕްރައިމަރީ ބާއްވާ

އެމްޑީޕީއާއި ދަ ޑިމޮކްރެޓްސްގެ ޓިކެޓުގައި މަޖިލިސް އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީ މާދަމާ ބާއްވަން ތައްޔާރުވެއްޖެއެވެ.

ދެ ޕާޓީގެ ޕްރައިމަރީ ވޯޓުލުން ވެސް ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 9:00ގައެވެ. ޕްރައިމަރީގެ ވޯޓުލެވޭ މީހުންގެ ލިސްޓާއި ވޯޓުފޮށިތައް ބަހައްޓާ ތަންތަން މިހާރު ވަނީ އިއުލާން ކޮށްފައެވެ.

އެމްޑީޕީ މަޖިލިސް ޕްރައިމަރީ ބޭއްވުމަށް ނިންމާފައިވަނީ މާދަމާ ހެނދުނު 9:00ން ހަވީރު 5:00އަށެވެ. އެ ޕާޓީގެ ޕްރައިމަރީގައި 40 ދާއިރާއަކަށް 149 ކެންޑިޑޭޓަކު ވާދަކުރެއެވެ.

މި ޕްރައިމަރީގައި ޖުމްލަ 25،325 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ. އަދި 95 ރަށެއްގައި ވޯޓު ފޮށިތައް ބަހައްޓާއިރު މާލެ ސަރަހައްދުގައި 27 ވޯޓު ފޮށި ބެހެއްޓުމަށް އެ ޕާޓީން ވަނީ ނިންމާފައެވެ.

މާލޭގައި ވޯޓުފޮށި ބަހައްޓަނީ މަޖީދިއްޔާ ސްކޫލާއި ޖަމާލުއްދީން ސްކޫލުގައެވެ. އަދި ހުޅުމާލޭގެ ކާމިލް ދީދީ ޕްރީ ސްކޫލާއި މުޙައްމަދު ޤާސިމް ޕްރީސްކޫލުގައި ހުޅުމާލެ ދާއިރާތަކުގެ ވޯޓު ފޮށި ބެހެއްޓުމަށް އެމްޑީޕީން ވަނީ ނިންމާފައެވެ.

އެމްޑީޕީން ވަނީ ޕްރައިމަރީއަކާ ނުލައި 49 ދާއިރާއެއްގެ ޓިކެޓު ހަވާލުކޮށްފައެވެ. ޕްރައިމަރީއަކާ ނުލައި ޓިކެޓް ދީފައިވަނީ އެ ޕާޓީން ހުޅުވާލި ފުރުސަތުގައި އެންމެ ކެންޑިޑޭޓަކު ކުރިމަތިލާފައިވާ ދާއިރާތަކަށެވެ.

20 ރައްޔިތުންގެ މަޖިލީހުގެ 93 ދާއިރާއަށް ވެސް ވާދަކުރާނެ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. ނަމަވެސް މިހާތަނަށް އެ ޕާޓީގެ ފަރާތުން ވާދަކުރާނެކަން އިއުލާން ކޮށްފައިވަނީ 89 ދާއިރާއަކަށެވެ. އެއްވެސް މީހަކު ކުރިމަތިނުލާ ދާއިރާތަކަށް ކެންޑިޑޭޓުން ހޯދާނެ ކަމަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީން ވަނީ ބުނެފައެވެ.

ދަ ޑިމޮކްރެޓްސް އިން ޕްރައިމަރީ ބާއްވަން ނިންމާފައިވަނީ ދެ ދާއިރާއެއްގެއެވެ. އެއީ ހުޅުމާލެ ދެކުނު ދާއިރާ އާއި ހެންވޭރު ދެކުނު ދާއިރާގެއެވެ. އެ ދެ ދާއިރާގެ ވޯޓުލުން ކުރިއަށްދާނީ މާދަމާ ހެނދުނު 9:00ން ހަވީރު 4:00އަށް ކަމަށް އެ ޕާޓީން މައުލޫމާތުދެއެވެ.

ޑިމޮކްރެޓްސް އިން ވޯޓު ފޮށިތައް ބެހެއްޓުމަށް ނިންމާފައިވަނީ މާލެ އާއި ހުޅުމާލޭގައެވެ. އެގޮތުން، ހެންވޭރު ދެކުނު ދާއިރާގެ ފޮށި ހައުސް އޮފް ޑިމޮކްރެޓްސް ގައި ބަހައްޓާއިރު ހުޅުމާލެ ދެކުނު ދާއިރާގެ ފޮށި ބަހައްޓަން ނިންމާފައވަނީ ބްރައިޓްވޭ އިންޓަނޭޝަނަލް ސްކޫލުގައެވެ.

އެޕާޓީން ވެސް ވަނީ މަޖިލީހުގެ 93 ދާއިރާއަށް ވާދަކުރުމަށް ނިންމާފައެވެ. ނަމަވެސް މިހާތަނަށް އެ ޕާޓީން ވާދަކުރާނެ ކަމަށް އިއުލާން ކޮށްފައިވަނީ 41 ދާއިރާއަކަށެވެ. މީގެ ތެރެއިން 39 ދާއިރާއެއްގެ ޓިކެޓް މިހާރު ވަނީ ކަށަވަރުވެފައެވެ. އެއީ އެ ދާއިރާތަކުގެ ތެރެއިން ކޮންމެ ދާއިރާއަކަށް ވެސް އެންމެ ކެންޑިޑޭޓަކު ކުރިމަތިލާފައިވާތީއެވެ.

ޕާޓީގެ ޓިކެޓަށް މިހާތަނަށް އެދިފައިނުވާ 52 ދާއިރާއަށް މީހުން ހޯދަން ޑިމޮކްރެޓްސް އިން ވެސް ވަނީ އިއުލާންކޮށްފައެވެ. އެ ދާއިރާތަކަށް އެކަކަށްވުރެ ގިނަ މީހުން ކުރިމަތިލާނަމަ ޕާޓިން ބޭނުންވާ މީހަކަށް ޕްރައިމަރީއަކާ ނުލައި ޓިކެޓް ދޭނެ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

ރައްޔިތުންގެ މަޖިލިސް އިންތިޚާބު އަންނަ މާޗު މަހުގެ 17 ވަނަ ދުވަހު ބާއްވަން ނިންމާފައިވާއިރު އެ އިންތިޚާބަށް ތައްޔާރުވުމަށް ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީތަކުން ވެސް އަންނަނީ ތައްޔާރުވަމުންނެވެ. އެގޮތުން، ޕީޕިއެމް/ޕީއެންސީ ޕްރައިމަރި މިދިޔަ ހަފުތަގެ ހޮނިހިރު ދުވަހު ބާއްވާފައިވެއެވެ. އަދި ބައެއް ޕާޓީތަކުން ޕްރައިމަރީއަކާ ނުލައި ޓިކެޓުތައް މިހާރު ވަނީ ދީފައެވެ.