ޚަބަރު

ރާއްޖޭގައި ކުރިން ނެހެދޭ ތެލަސީމިއާ ޓެސްޓެއް މިމަހު ފަށަނީ


  • ޓީޓޫ ޓެސްޓަކީ ތެލަސީމިއާ ކުދިންގެ ފުރަމެއާއި ހިތުގެ ދުޅަހެޔޮކަން ދެނެގަތުމަށް ހަދާ ޓެސްޓެއް

  • ހުޅުމާލޭ ހޮސްޕިޓަލުގައި މިޓެސްޓް ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށްދަނީ މަސައްކަތްކުރަމުން

  • ބޯންމެރޯގެ ކުރިން ހަދާ އެޗްއެލްއޭ ޓެސްޓު ހެދޭނެ އިންތިޒާމުވެސްދަނީ ހަމަޖައްސަމުން

ތެލަސީމިއާ ކުދިންގެ ދުޅަހެޔޮކަމަށް ހެދުން މުހިއްމު ޓެސްޓެއްކަމަށްވާ "ޓީޓޫ ސްޓަރ" ޓެސްޓް މިމަހުގެ ނިޔަލަށް ފުރަތަމަ ފަހަރަށް ރާއްޖޭގައި ޤާއިމުވެގެންދާނެކަމަށް މިނިސްޓްރީ އޮފް ހެލްތުގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރ ފައިޞަލް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ އިސްނެންގެވުމަކަށް ރާއްޖޭގައި ތެލަސީމިއާއާއި ދެކޮޅަށް ގިނަ މަސައްކަތްތަކެއް ކުރެވެމުންދާކަން ފާހަގަކުރައްވަމުން ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މިނިސްޓްރީ އޮފް ހެލްތުގެ ޕަބްލިކް ހެލްތު ކޯޑިނޭޓަރ ފައިޞަލް އިބްރާހީމް ވިދާޅުވީ، ތެލަސީމިއާ ކުދިންނަށް ބޭނުންވާ މުހިއްމު ބައެއް ޓެސްޓު ރާއްޖެއިން ހެދެން އަދި ނެތްކަމަށެވެ. ތެލަސީމިއާ ކުދިންގެ ދުޅަހެޔޮކަމަށް އެކުދިންގެ ފުރަމެއާއި ހިތުގެ ދުޅަހެޔޮކަން ދެނެގަތުމަށް ހަދަންޖެހޭ "ޓީޓޫ ސްޓަރ" ޓެސްޓު ރާއްޖޭގައި ހެދެން ނެތްކަމުގެ ކަންބޮޑުވުން އޮތްކަން ފާހަގަކުރައްވާ ފައިޞަލް ވިދާޅުވީ އެކަމަށް ވަރަށް އަވަހަށް ޙައްލެއް ލިބިގެންދާނެކަމަށެވެ.

"އަޅުގަނޑު ޤަބޫލުކުރާ ހިތްއޮތީ، މިހާރު ކުރެވެމުންދާ މަސައްކަތްތަކާއެކު މިފެބްރުއަރީ މަސް ނިމިގެންދާއިރު ހުޅުމާލޭ ހޮސްޕިޓަލްގައި ޓީޓޫ ސްޓާރ ޓެސްޓް ހެދޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށް." ފައިޞަލް ވިދާޅުވިއެވެ.

މިޓެސްޓު ހެދުމަށް ތަމްރީންކުރަންޖެހޭ މުވައްޒަފުން ތަމްރީންކުރުމުގެ މަސައްކަތް ކުރައްވަމުންދާކަން ފައިޞަލް ފާހަގަކުރެއްވިއެވެ. މީގެއިތުރުން ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ކުރިން ހަދަންޖެހޭ އެޗްއެލްއޭ ޓެސްޓުތައް ހެދުމުގެ ޚިދުމަތްވެސް ރާއްޖެއިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާކަމަށް ފައިޞަލް ވިދާޅުވިއެވެ.

"ކުރިންވެސް މިޚިދުމަތް ޝީ މެދުވެރިވެގެން ލިބުނު. އެހެންނަމަވެސް އެއީ ވަރަށް ދަތިކޮށް ދެމުންދިޔަ ޚިދުމަތެއް. ސަރުކާރުގެ ސިޔާސަތާއެކު ކުދިން މާލޭގައި ތިބެގެން އެޗްއެލްއޭ ޓެސްޓު ހެދޭނެ އިންތިޒާމު ހަމަޖެހިގެންދާނެ." ފައިޞަލް ވިދާޅުވިއެވެ.

އެޗްއެލްއޭ ޓެސްޓު ހެދުމަށް ވާންޖެހޭ ތައްޔާރީތައްވުމަށްޓަކައި ކަމާގުޅޭ އިދާރާތަކާއި މޯލްޑިވިއަން ބްލަޑް ސަރވިސްއާއި ދެމެދު މިހާރުވަނީ އެއްބަސްވުމެއް ޤާއިމުކޮށްފައެވެ. މީގެދަށުން ފުރިހަމަކުރަންޖެހޭ ކަންކަމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭރުގެ ވަފުދެއް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ރާއްޖެއަށް އައުމަށް ހަމަޖެހިފައިވާކަމަށް ހެލްތު މިނިސްޓްރީން ވިދާޅުވެއެވެ.

ތެލެސީމިއާއިން ރައްކާތެރި މުޖުތަމަޢެއް ބިނާކުރުމަށް ކުރިއަށްވުރެ ބޮޑަށް މިދާއިރާއަށް ސަމާލުކަން ދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުންވަނީ ޚާއްސަ މާސްޓަރ ޕްލޭނަކާއެކު މަސައްކަތް ފައްޓަވާފައެވެ. މީގެދަށުން ތެލެސީމިއާއަށް ޚާއްސަ ހޮސްޕިޓަލެއް ތަރައްޤީކުރުމާއި، މީގެކުރިން ނުހެދޭ އެކި ޓެސްޓުތައް ހެދުމާއި، ބޯންމެރޯއަށް ދިވެހި ސަރުކާރުގެ އެހީގައި ފޮނުވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތްވަނީ ފައްޓަވާފައެވެ.