ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތް ފެށުމަށް ބޭނުންވާ ފުރަތަމަ ޕްލެޓްފޯމްގެ މަސައްކަތް މިއަދު ނިންމާލައިފިއެވެ. ހައުސިން މިނިސްޓްރީން ވިދާޅުވީ، ބްރިޖްގެ ތަނބުތައް ޖެހުމަށްޓަކައި ވަގުތީގޮތުން 4 ޕްލެޓްފޯމެއް ހެއްދެވުމަށް ހަމަޖެހިފައިވާ ކަމަށެވެ. މި ޕްލެޓްފޯމްތައް އެންމެ ފުރަތަމަ ބޭނުން ކުރެވޭނީ، ބްރިޖްގެ ތަނބުތައް ޖެހުމަށް ކަނޑުއަޑީގައި ކުރިއަށްގެންދާ ކޮންކްރީޓްގެ މަސައްކަތްތަކަށް ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ. img:http://s1.psmnews.mv/images/660x400/14608216351572.jpg|ބްރިޖުގެ ފުރަތަމަ ޕްލެޓްފޯމް - ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ
ހައުސިން މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ޕްލެޓްފޯމްތައް ހެދެމުންދާ ވަރަކަށް ތަނބުތަކުގެ މަސައްކަތްވެސް ފެށިގެންދާނެ ކަމަށެވެ. އެހެންކަމުން ފުރަތަމަ ޕްލެޓްފޯމްގެ މަސައްކަތް މިއަދު ނިމިފައިވާތީ، ފުރަތަމަ ތަނބުގެ މަސައްކަތް މި މަހުގެ ތެރޭގައި ފެށިގެންދާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. ތަނބުތަކުގެ މަސައްކަތް ކުރިއަށް ގެންގޮސް، ސެޕްޓެމްބަރު މަހުގެ ތެރޭގައި ތަނބުތަކުގެ ކޮޅުތައް ކަނޑުން މައްޗަށް އަރައިގެންދާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. img:http://s2.psmnews.mv/images/660x400/14608216658248.jpg|ބްރިޖުގެ ފުރަތަމަ ޕްލެޓްފޯމް - ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ
ބްރިޖްގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދަވަނީ ޓައިމް ލައިނެއް އެކުލަވާލައްވައިގެންނެވެ. އެގޮތުން މިހާރު ކުރިއަށްދާ ޕްލެޓްފޯމާއި، ތަނބުޖެހުމުގެ މަސައްކަތްތަކަކީ އެންމެ ޗެލެންޖިން އެއް މަސައްކަތެކެވެ. ތަނބުތައް ޖެހުމަށްފަހު 2017 ވަނަ އަހަރުގެ ތެރޭގައި ކުރިއަށްދާނީ ބްރިޖްގެ މައިގަނޑުގެ މަސައްކަތެވެ. އަދި ބްރިޖް ނިންމުމަށް ކަނޑައަޅުއްވާފައިވަނީ 2018 ވަނަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށެވެ. img:http://s1.psmnews.mv/images/660x400/14608216947033.jpg|ބްރިޖުގެ ފުރަތަމަ ޕްލެޓްފޯމް - ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ