ވިޔަފާރި

"ގެސްޓްހައުސް ވިޔަފާރި" - ހުރާގެ ކުރިމަގު


ފަތުރުވެރިކަމުގެ ސިނާޢަތަކީ ރާއްޖޭގައި އެންމެ ހަލުވިމިނެއްގައި ކުރިއަރަމުންދާ ސިނާޢަތްކަމަށްވީއިރު، މީގެތެރެއިންވެސް ގެސްޓްހައުސްގެ ވިޔަފާރިއަކީ މިހާރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ފުޅާ ދާއިރާއެއްގައި ކުރިއަރަމުން އަންނަ ވިޔަފާރިއެކެވެ.

އެގޮތުން ކ. ހުރާ އަކީވެސް ގެސްޓްހައުސްގެ ވިޔަފާރި ކާމިޔާބުކަމާއެކު ހިންގަމުން އަންނަ އެއް ރަށެވެ. ލޯކަލް ޓޫރިޒަމްގެ ތެރެއިން ގެސްޓްހައުސް ވިޔަފާރި ރާއްޖޭގެ ގިނަ ސަރަހައްދުތަކެއްގައި ފެތުރި  ކުރިއަރަމުން އަންނަ ވިޔަފާރިއަކަށް ވެފައިވާއިރު، ކ. ހުރާގައި ކަމިޔާބު ކަމާއެކު ކުރަމުން އަންނަ ގެސްޓްހައުސްގެ ވިޔަފާރީގައި އިތުރު ދޮރުތަކެއް ހުޅުވުމުގެ ކުލަވަރު ދަނީ ފެންނަމުންނެވެ. 

ހުރާ ކައުންސިލުން މައުލޫމާތު ދެއްވާގޮތުގައި ރަށުން ބިން ދޫކޮށްގެންނާއި، އަމިއްލަ ގޯތިތަކުގައިވެސް ގެސްޓްހައުސް ވިޔަފާރި ކުރަމުންދެއެވެ. ހުރާގައި މިވަގުތު ރަޖިސްޓްރީކޮށްގެން 12 ގެސްޓްހައުސްއެއް ހިންގަމުންދާއިރު، 6 ގެސްޓްހައުސްއެއް އެޅުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށް ހުރާ ކައުންސިލުން ހާމަކުރައްވައެވެ. މި ވިޔަފާރި ރަށުގައި ތަރައްޤީކުރުމަށްޓަކައި ހުރާ ކައުންސިލުން ދަނީ ވިޔަފާރިވެރިންނާއި ގުޅިގެން މިކަމަށް މަސައްކަތްތަކެއް ކުރަމުންނެވެ. img:http://s3.psmnews.mv/images/660x400/14608196562876.jpg|ހުރާގެ ގެސްޓު ހައުސްތަކަށް އަންނަ ފަތުރުވެރިންގެ އަދަދު ދަނީ އިތުރުވަމުން - ފޮޓޯ: ޕީއެސްއެމް ނިއުސް

ހުރާ ކައުންސިލްގެ ރައީސް އީސާ އަޙުމަދު ވިދާޅުވީ، ހުރާއަކީވެސް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރާ ރަށަކަށްވެފައި، ގެސްޓްހައުސް ވިޔަފާރި ފުޅާކުރުމަށްޓަކައި މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ކުރަމުންދާ މަސައްކަތަކީ، ގެސްޓްހައުސް ވިޔަފާރިކުރުމަށް ކައުންސިލުން ދޫކޮށްފައިވާ ބިމުގައި 48 ކޮޓަރީގެ ގެސްޓްހައުސްއެއް އިމާރާތްކުރުމުގެ މަސައްކަތްކަމަށެވެ. އަދިވެސް އެރަށުގައި ގެސްޓްހައުސް ވިޔަފާރިއަށްޓަކައި ބިމެއް ކަނޑައެޅޭނެ ދިމާއެއް އޮތްތޯ  ބަލައި، އެކަމުގެ ސަރވޭ ކުރަމުންދާކަމަށާއި، މިހާރުވެސް ކައުންސިލަށް ފާހަގަކުރެވިފައިވާ 2 ބިމެއް ގެސްޓްހައުސް ވިޔަފާރިއަށް ދޫކުރުމަށްޓަކައި އެކަމުގެ ހުއްދައަށް އެދި ކަމާބެހޭ ފަރާތްތަށް ހުށައެޅުމަށް ތައްޔާރުވަމުންދާކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ. img:http://s1.psmnews.mv/images/660x400/14608196745782.jpg|ހުރާގެ ގެސްޓު ހައުސްތަކަށް އަންނަ ފަތުރުވެރިންގެ އަދަދު ދަނީ އިތުރުވަމުން - ފޮޓޯ: ޕީއެސްއެމް ނިއުސް

ހުރާގައި ގެސްޓްހައުސްގެ ވިޔަފާރި ހަލުވިމިނެއްގައި ކުރިއަރަމުންދާއިރު، އެކަމުގެ ސަބަބުން ރަށުގައި އުފެދިދާނެ އިޖްތިމާޢީ މައްސަލަތައް ހައްލުކުރުމަށްޓަކައިވެސް، ކައުންސިލުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ހުރާ ކައުންސިލްގެ ރައީސް އިސާ އަޙުމަދު ވިދާޅުވީ، ގެސްޓްހައުސްޓްތަކާއެކު ރަށުގެ އިޖްތިމާޢީ ފޭރާން ހަލާކުވެދާނެތީ، ގެސްޓްހައުސްތައް ހިންގާނެގޮތުގެ ޤަވާއިދެއް އެކުލަވާލާ، އަމަލުކުރަމުންދާކަމަށެވެ. އަދި ފަތުރުވެރިން މޫދައެރުމަށް ޚާއްސަކޮންގެން ވަކިން ބީޗެއްވެސް އެރަށުގައި ހަދާފައިވާކަން ފާހަގަކުރެއްވިއެވެ. އެހެންނަމަވެސް، ގެސްޓުންނަށާއި، އަދި ރަށުގެ ރައްޔިތުންނަށްވެސް ބޭނުންވާ ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ފުލުހުންގެ ސްޓޭޝަނެއް އެރަށުގައި ޤާއިމުވެފައިނެތުމަކީ  ކައުންސިލުގެ ވަރަށް ބޮޑު ކަންބޮޑުވުމެއްކަމަށް އީސާ އަޙުމަދު ވިދާޅުވިއެވެ.

ގެސްޓްހައުސް ވިޔަފާރިއަކީވެސް ކާމިޔާބުކަމާއެކު ހިންގިއްޖެނަމަ، އެކަމުގެ ސަބަބުން ރަނގަޅު އާމްދަނީއެއް ލިބި، ރަށަށް ބޮޑެތި ތަރައްޤީތަކެއް ލިބިދާނެ ވިޔަފާރިއެއްކަން ހުރާގައި ގެސްޓްހައުސް ވިޔަފާރި ހިންގަމުންދާ ފަރާތްތަކާއި ވާހަކަދައްކާލުމުން އެނގިގެންދިޔައެވެ.