ޚަބަރު

މާލޭގައި ހަދާ އެންމެ ބޮޑު ޑީސެލިނޭޝަން ޕްލާންޓް މިއަހަރު ނިމޭނެ


މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ، އެމް.ޑަބްލިޔު.އެސް.ސީން މާލޭގައި ހަދާ އެންމެ ބޮޑު ޑީސެލިނޭޝަން ޕްލާންޓްގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ. 

މާލޭގެ ފެނުގެ ޚިދުމަތް ފުޅާކޮށް، ފެނުގެ ޚިދުމަތް ޑީސެންޓްރަލައިޒް ކުރުމަށް މިހާރު ކުރިއަށްގެންދާ ޕްރޮޖެކްޓްގެ ދަށުން، މާލޭގެ ތިން ސަރަޙައްދެއްގައި ފެން ޕްލާންޓް ބެހެއްޓުމުގެ މަސައްކަތް އެމް.ޑަބްލިޔު.އެސް.ސީން ކުރިއަށްގެންދެއެވެ. މީގެ ތެރެއިން އެންމެ ބޮޑު މަޝްރޫޢަކީ، ކުރީގެ އެއް ނަންބަރު ކުނި ކޮށްޓާއި ދިމާލުގައި ހަދަމުންދާ ޕްލާންޓްގެ މަސައްކަތެވެ. 

ފަސް ހާސް ޓަނުގެ މީރުފެން އުފައްދާ މި ޕްލާންޓަކީ އެމް.ޑަބްލިޔު.އެސް.ސީން މިހާތަނަށް ބަހައްޓާ އެންމެ ބޮޑު ޕްލާންޓެވެ. އެމް.ޑަބްލިއު.އެސް.ސީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދު ވިދާޅުވީ، އެއް ނަންބަރު ކުނިކޮށި ސަރަޙައްދުގައި ހަދަމުންދާ ޕްލާންޓްގެ ޢަމަލީ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި، މިއަހަރުގެ ނިޔަލަށް މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

އެއް ނަންބަރު ކުނި ކޮށި ސަރަޙައްދުގެ އިތުރުން، ކަލާފާނު ސްކޫލް ސަރަޙައްދާއި، ހަވީރީ ހިނގުމުގައިވެސް ޕްލާންޓްތައް ބެހެއްޓުމަށް އެމް.ޑަބް.ލިއު.އެސް.ސީން ވަނީ ނިންމާފައެވެ.

މާލޭގައި މިވަގުތު ފެން އުފައްދަމުންދަނީ ހަމައެކަނި ފެން ބިލްޑިންގގައެވެ. ނަމަވެސް އެކި ސަރަޙައްދުތަކުގައި ޕްލާންޓްތައް ގާއިމް ކުރެވި، ފެނުގެ ނިޒާމް ޑީސެންޓްރަލައިޒް ނުވަތަ ލާމަރުކަޒީ ކުރެވިގެންދިއުމަކީ ފެނުގެ ކާރިސާތައް މަދުކޮށް، ދެމެހެއްޓެނެވި ގޮތަކަށް ޚިދުމަތް ފޯރުކޮށްދިނުމުގެ މަގްސަދުގައި ކުރިއަށްގެންދަވާ މަޝްރޫޢެކެވެ.