ރާއްޖޭގެ ކުޅިވަރުގެ ބޮޑު ކޮމިއުނިޓީއެއް އޮންނަ އަތޮޅުތަކުގެ ރައްޔަތުންނާއި ކުޅިވަރު އިދާރާއާ ގުޅެމެއް ނެތް ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމުން ގެނެސްދިން "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަދައްކަވަމުން ރާފިޢު ވިދާޅުވީ ކުޅިވަރު އިދާރާއިން ބާއްވަންޖެހޭ ވަރަށް ރައްޔިތުންނާ ގުޅުން ބޭއްވިފައިނުވާ ކަމަށެވެ. އެގޮތުން މަގާމާ ހަވާލުވެ އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުގައި އެންމެ ބޮޑު މައްސަލައެއް ގޮތުގައި ފާހަގަކުރެވުނީ ފޯނަށް ޖަވާބު ނިދުމާއި، ފޮނުވާފައި ހުރި މެއިލްތަކުގެ ޖަވާބު ނުލިބުން ކަމަށްވެސް ވިދާޅުވިއެވެ.
ރާފިޢު ވިދާޅުވީ ހީނަރުވެފައި އޮތް ގުޅުން ރަނގަޅު ކުރުމަށްޓަކައި މިހާރު ވުޒާރާގެ ސްޓްރަކްޗާއަށް ބަދަލުގެނެސް، އެކަންކަން އިސްލާހުކުރުމުގެ މަސައްކަތް ފެށިފައވާ ކަމަށެވެ. އަދި އެންމެ މުހުންމު ކަމަކީ ގުޅުން ރަނގަޅުކުރުން ކަމަށްވެސް ވިދާޅުވިއެވެ.
މިހާތަނަށް ރައްޔަތުންގެ ފަރާތުން އައި އެންމެ ބޮޑު އެއް ޝަކުވާއަކީވެސް ގުޅުން ގާއިމުވެފައި ނެތުން ކަމަށާއި، މިކަމަށް އަވަސް ހައްލެއް ގެނައުމަށްޓަކައި އިތުރު ތަމްރީން ޕްރޮގްރާމުތައް ވުޒާރާގެ ތެރޭގައި މިހާރު ފެށިފައިވާ ކަމަށް ރާފިޢު ވިދާޅުވިއެވެ.
"ކަމެއް ސަކްސަސްވެގެން ދިޔުމުގެ އެންމެ މުހިންމު ކަމަކަށް ވެގެން މިދަނީ ކޮމިއުނިކޭޝަން. ކޮމިއުނިކޭޝަން އެއީ ނަންބަރ ވަން. ކޮމިއުނިކޭޝަން ރަނގަޅުނުކޮށް އެއްވެސް ކަމެއް ސަކްސަސްވާނެ ކަމަކަށް އަޅުގަނޑު ނުދެކެން.ޢަބްދުﷲ ރާފިޢު - ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު
ރާފިޢު ވިދާޅުވީ ދެން އެންމެ ބޮޑަށް ފާހަގަކުރެވުނު ކަމަކީ ފެށިފައިހުރި މަޝްރޫއުތައް ނުނިމި، ކުރިއަށް ނުގޮސް ހުރުން ކަމަށެވެ. އެގޮތުން މިހާތަނަށް ބެލިބެލުމުން ބައެއް މަޝަރޫތައް ފައިސާ ނެތި ހުއްޓިފައި އެބަހުރި ކަމަށާއި، ދެންހުރި މަޝްރޫތައް ފައިސާ ލިބިފަހުރި ނަމަވެސް، ކުރިއަށްނުދާކަން ފާހަގަވެފައިވާ ކަމަށްވެސް ވިދާޅުވިއެވެ. އަދި އަތޮޅުތަކުގެ ހާލަތު އޮތްގޮތުން މީހުން ބިނާކުރުމަށް ތަމްރީން ޕްރޮގްރާމުތައް ބޭއްވުމަށް ރަށްރަށުން އެދެމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.
ރާފިޢު ވިދާޅުވީ މިކަހަލަ ކަންކަމަކީ ވަރަށް ކުޑަ ނަމަވެސް، ކުޅިވަރުގެ އާއިލާއަށް ވަރަށް ބޮޑެތި ކަންކަން ކަމަށެވެ. އެހެންކަމުން މުސްތަގުބަލުގައި އެކި ކުޅިވަރަތަކަށް ރެފުރީން ތަމްރީންކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑު ދިޔަ އެއް ރަށެއްގައި މީހުން ބުނެފައި އެބަހުރި މުބާރާތް ނުބޭއްވިފައި މިތިބީ ރެފުރީއެއް ނެތިގެންނޭ. އެހެންވީ ރެފުރީއެއް ހޯދާނެ ދިމާލެއް ނޭގި މުބާރާތް ކުރިއަށް ނުގެންދެވިފައި ހުރީ.ޢަބްދުﷲ ރާފިޢު - ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު
ވަޒީރު ވަނީ މުޅި ރާއްޖޭގައި ވަށާޖެހޭ ނިޒާމެއްގެ ދަށުން ރެފުރީން ތަމްރީން ޕްރޮގްރާމުތައް ގެންދެވުމަކީ އަމާޒެއް ކަމަށް ވިދާޅުވެފައެވެ. އަދި ކުޅިވަރު ކުރިއަރައިގެންދާނީ އިންސާނުންވެސް ކުރިއަރައިގެންކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.