ޚަބަރު

ހުކުރު ޚުޠުބާތައް އިނގިރޭސި ބަހަށް ތަރުޖަމާކޮށް ބިދޭސީންނަށް ލިބޭނެގޮތް ހަދައިފި


  • އިސްލާމްދީނަކީ ޢާލަމީ ރިސާލަތެއްކަމަށް ވަޒީރު ވިދާޅުވި

  • ޚުޠުބާ ތަރުޖަމާކުރާނީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގެ ވާޢިޒުން

  • އިނގިރޭސި ތަރުޖަމާ އޮންލައިންކޮށް ލިބޭނެގޮތްވެސް ހަދާނެ

ހުކުރު ޚުޠުބާތައް އިނގިރޭސި ބަހަށް ތަރުޖަމާކޮށް ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ލިބޭނެ އިންތިޒާމް ހަމަޖައްސައިފިއެވެ.

މިކަމާގުޅިގެން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ހުކުރު ޚުޠުބާތައް އިނގިރޭސި ބަހަށް ތަރުޖަމާކޮށް، ޗާޕުކޮށް ރާއްޖޭގައި ދިރިއުޅޭ ބޭރު ޤައުމުތަކުގެ މުސްލިމު އަޚުންނާއި އުޚުތުންނަށް ލިބޭނެ ގޮތް މިހާރު ހަމަޖއްސާފައިވާކަމަށެވެ.

އިސްލާމްދީނަކީ ޢާލަމީ ރިސާލަތެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، އިސްލާމީ މެދުމިންކަމުގެ މަންހަޖާއި ޞައްޙަ މައުލޫމާތު މުސްލިމުންނަށް ފޯރުކޮށްދިނުމަކީ ނުހަނު ބޭނުންތެރިކަމެއްކަމަށެވެ.

ހުކުރު ޚުޠުބާ އިނގިރޭސި ބަހަށް ތަޖުރަމާކުރަމުންދާނީ ބޭރުން ބަޔަކާ ޙަވާލުކޮށްގެން ނޫންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ. އަދި މިކަން ކުރާނީ އެ ވުޒާރާގެ ވާޢިޒުން މެދުވެރިކޮށްކަމަށްވެސް ވިދާޅުވިއެވެ.

ހުކުރު ޚުޠުބާތައް އިނގިރޭސި ބަހަށް ތަރުޖަމާކޮށް، ޗާޕުކޮށްގެން ނެރެވޭނެ އިންތިޒާމް މިހާރު ހަމަޖައްސާފައިވާއިރު، ކުރިއަށްއޮތްތާނގައި އޮންލައިންކޮށްވެސް އިނގިރޭސި ތަރުޖަމާ ލިބޭނެ ގޮތް ހަދާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.