ޚަބަރު

6.7 މިލިއަން ރުފިޔާގެ ތެލުގެ ވަގުވިޔަފާރިއެއް، 5 މީހަކަށް ދަޢުވާކުރަން ފޮނުވައިފި


  • މިއީ 2020ވަނަ އަހަރުގެ މައްސަލައެއް

  • ހިމެނެނީ 4 ދިވެހިންނާއި 1 ބިދޭސީ

  • މައްސަލައިގައި ދަޢުވާ ކުރަން ވަނީ ފޮނުވާފައި

ތެލުގެ ވަގު ވިޔަފާރި ކޮށްގެން އެމްޕީއެލްއާއި އެފްއެސްއެމްގެ 5 މުވައްޒަފަކު 6.7 މިލިއަން ރުފިޔާގެ މަންފާއެއް ހޯދާފައިވާ މައްސަލައެއް ފުލުހުން ތަޙުޤީޤުކޮށް، ޕްރޮސެކިއުޓަރޖެނެރަލްއަށް ދަޢުވާކޮށްދިނުމަށް އެދި ހުށައަޅަފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕަރޓްމަންޓުން ތަޙުޤީޤުކުރަމުންދާ މައްސަލަތަކާއި ގުޅޭ މަޢުލޫމާތު ޙިއްސާކުރައްވަމުން ފުލުހުން ހެޑް އޮފް ފައިނޭންޝަލް ކްރައިމް އިންވެސްޓިގޭޝަން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޔޫސުފް ލޫޠު ވިދާޅުވީ، މި މައްސަލައަކީ ފިއުލް ސަޕްލައި މޯލްޑިވްސް، އެފްއެސްއެމް މެދުވެރިކޮށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލަށް ތެޔޮ ފޯރުކޮށްދިންކަމަށް ބުނެ ހިންގާފައިވާ ވިޔަފާރީގެ މުޢާމަލާތެއްކަމަށެވެ. އެގޮތުން އެފްއެސްއެމްއިން އެމްޕީއެލްއަށް 119 ފަހަރު ތެޔޮ ފޯރުކޮށްދީފައިވާކަމަށް ބުނެ ލިޔެކިޔުންތަކެއް ތައްޔާރުކޮށްފައިވާކަމަށާއި، ނަމަވެސް އެއްވެސް ފަހަރު ތެޔޮ އެމްޕީއެލްއާއި ހަމައަށް ފޯރުކޮށްފައި ނުވާކަމުގެ ހެކި އެބަހުރިކަމަށް ލޫޠު ވިދާޅުވިއެވެ. އަދި އެ މުޢާމަލާތްތަކަށް ފައިސާވެސް ދައްކާފައިވާކަން ދެއްކުމަށް ލިޔެކިޔުން ތައްޔާރުކޮށްފައިވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލައިގައި ހިމެނެނީ 1 ބިދޭސީއަކާއި 4 ދިވެހިންކަމަށް ފުލުހުން ވިދާޅުވިއެވެ.

"މިކަމުގައި ހިމެނެނީ އެފްއެސްއެމްގެ 3 މުވައްޒަފުންނާއި، އެމްޕީއެލްގެ 2 މުވައްޒަފުން. މީގައި ހިމެނޭ ބިދޭސީ މީހާގެ އެކައުންޓަށް 2018-2022ގެ ނިޔަލަށް 3 މިލިއަން ރުފިޔާ ޖަމާވި. ޖުމްލަ 6.7 މިލިއަން ރުފިޔާ މި 5 މުވައްޒަފުން ނަގާފައިވޭ." ފުލުހުން ހެޑް އޮފް ފައިނޭންޝަލް ކްރައިމް އިންވެސްޓިގޭޝަން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޔޫސުފް ލޫތް ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ އެއީ 2020ވަނަ އަހަރުގެ ޖެނުއަރީ 1އިން، އެ އަހަރުގެ އޮކްޓޯބަރުގެ ނިޔަލަން ހިންގާފައިވާ މުޢާމަލާތްތަކެއްކަމަށެވެ.

ފުލުހުން ވިދާޅުވީ މި މައްސަލައިގައި ހިމެނޭ 5 މީހުންނަށް ދަޢުވާކުރުމަށް މިހާރު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާކަމަށެވެ. މި މައްސަލާގަިއ ތުހުމަތުވާ 5 މީހުންނަކީވެސް ދެ ކުންފުނީގައި ތެލުގެ މުއާމަލާތްތައް ކުރުމުގެ އިސް މުވައްޒަފުންތަކެއްކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.