ޚަބަރު

ތުޅާދޫގެ 10 ދަނޑުވެރިއަކަށް ފެނުގައި ގަސް އިންދޭނެ އިންތިޒާމް ހަމަޖައްސައިދެނީ


  • ޕްރޮގްރާމްގެ މަޤްސަދަކީ ހުސްބިންކޮޅުގައި ދަނޑުވެރިކަން ކުރުމަށް މަގުފަހިކުރުން

  • 10 ދަނޑުވެރިއަކަށް ސިސްޓަމް ހަދިޔާކުރާނެ

  • ފަތްޕިލާވެލި އިންދުމާއި މެލަން ކިއުކަންބާ އިންދޭ ނިޒާމް ހިމެނޭ

ބ.ތުޅާދޫގައި ފެނުގައި ގަސް އިންދުން ނުވަތަ "ހައިޑްރޮޕޯނިކްސް" ނިޒާމް ޤާއިމްކޮށް 10 ދަނޑުވެރިއަކަށް ދަނޑުވެރިކަން ކުރެވޭނެ އިންތިޒާމްތައް ހަމަޖައްސައިދިނުމަށް ނިންމައިފިއެވެ. ހައިޑްރޮޕޯނިކްސް ސިސްޓަމުން ދަނޑުވެރިކަން ކުރަން ދަސްކޮށްދިނުމަށް އެރަށުގައި ވަނީ ތަމްރީން ޕްރޮގްރާމެއްވެސް ކުރިއަށްގެންގޮސްފައެވެ.

ބ. ތުޅާދޫގައި ކުރިއަށްދިޔަ ހައިޑްރޮޕޯނިކްސް ސިސްޓަމާ ގުޅޭ ތަމްރީން ޕްރޮގްރާމް ފަށްޓަވާދެއްވީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޙުސައިން އިސްމާޢީލްއެވެ.

ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިޕްރޮގްރާމްގެ މަޤްސަދަކީ ގޯތި ތެރޭގައި ހުރި ހުސްބިންކޮޅުގައި ދަނޑުވެރިކަމުގެ މަސައްކަތްކޮށްގެން އެދެވޭ މަންފާއެއް ހޯދުމުގެ މަގު ފަހިކޮށްދިނުންކަމަށެވެ. އެވުޒާރާއިން ވިދާޅުވީ ދަނޑުބިމުގެ ގޮތުގައި ބޭނުންކުރުމަށް އެކަށީގެންވާ ބިން ލިބެންނެތް ރަށްރަށުގައިވެސް ހައިޑްރޮޕޯނިކްސް ސިސްޓަމް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ.

ތުޅާދޫގައި ކުރިއަށް ގެންދިޔަ ތަމްރީން ޕްރޮގްރާމްގެ ދަށުން ބ.ތުޅާދޫގެ 10 ދަނޑުވެރިއަކަށް ދަނޑުވެރިކަމާ ބެހޭ ވުޒާރާގެ އެހީތެރިކަމާއެކު ހައިޑްރޮޕޯނިކްސް ސިސްޓަމް ޤާއިމްކޮށްދޭނެއެވެ. އެގޮތުން ކޮންމެ ދަނޑުވެރިއަކަށް ލެޓިއުސްފަދަ ފަތްޕިލާވެލި ހައްދާ ސިސްޓަމަކާއި ކިއުކަންބާ އާއި މެލަންގެ ބާވަތްތައް ހެއްދުމަށް ޚާއްސަ ސިސްޓަމެއް ޤާއިމްކޮށްދޭނެއެވެ.

ފަތްޕިލާވެލި އިންދުމަށް ޚާއްސަ ސިސްޓަމްތަކުން ކޮންމެ ސިސްޓަމަކުން 12 ކިލޯ އަދި ކިއުކަންބާއާއި މެލަން ހެއްދުމަށް ޚާއްސަ ސިސްޓަމްތަކުން ކޮންމެ ސިސްޓަމަކުން 65 ކިލޯ އުފެއްދޭނެ ކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.