ކުޅިވަރު

ފޮރެސްޓް ބަލިކޮށް އާސެނަލް ދެވަނައަށް


އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ނޮޓިންހަމް ފޮރެސްޓް ބަލިކޮށް، ތާވަލުގެ ދެވަނައަށް އާސެނަލް ޖެހިލައިފިއެވެ.

ފޮރސްޓުގެ ދަނޑުގައި ކުޅުނު މި މެޗުން އާސެނަލް މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.

ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ފެނިފައެއް ނުވެއެވެ. މި މެޗުގައި އާސެނަލުން ލީޑު ނެގީ މެޗުގެ 65 ވަނަ މިނެޓުގައި ގަބްރިއެލް ޖީސޫސް ކާމިޔާބުކޮށްދިން ލަނޑުންނެވެ. އަދި އޭގެ ހަތް މިނެޓު ފަހުން ފޮރެސްޓުގެ ގޮންޒާލޯ މޮންޓިއެލް ހެދި ގޯހެއްގެ ފައިދާނަގައި ޖީސޫސް ދިން ބޯޅައަކުން ބުކާޔޯ ސަކާ ވަނީ އާސެނަލުގެ ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގައި ފޮރެސްޓުން ފަރަގު ކުޑަކޮށްފައިވަނީ މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށެވެ. މޮންޓިއެލް ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޓައިވޯ އަވޮނިޔީއެވެ.

މި މޮޅާއެކު ތާވަލުގެ ދެވަނައަށް އާސެނަލް ޖެހިލީ ކުޅުނު 22 މެޗުން ލިބުނު 46 ޕޮއިންޓާއެކުއެވެ. އެއްވަނައިގައި ލިވަޕޫލަށް 21 މެޗުން 48 ޕޮއިންޓް ލިބިފައިވާއިރު، ތިންވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއަށް 20 މެޗުން ވަނީ 43 ޕޮއިންޓް ލިބިފައެވެ.

މީގެ އިތުރުން ހަތަރުވަނައިގައި އޮތް އެސްޓަން ވިލާއަށް 22 މެޗުން ލިބިފައިވަނީ 43 ޕޮއިންޓެވެ. ލީގުގައި ރޭ ވިލާ ވަނީ އަމިއްލަ ދަނޑުގައި ނިއުކާސަލް ޔުނައިޓެޑް އަތުން 3-1 ގެ ނަތީޖާއަކުން ބަލިވެފައެވެ. އަދި ފުލަމް އާއި އެވަޓަން ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވިއިރު، ލޫޓަންއިން ވަނީ އަމިއްލަ ދަނޑުގައި 4-0 ގެ ނަތީޖާއަކުން ބްރައިޓަން ބަލިކޮށްފައެވެ. އަދި ކްރިސްޓަލް ޕެލަސްއިން ވަނީ އަމިއްލަ ދަނޑުގައި 3-2 ގެ ނަތީޖާއަކުން ޝެފީލްޑް ޔުނައިޓެޑް ބަލިކޮށްފައެވެ.