ޚަބަރު

ޓެރެސްޓީރިއަލް ބްރޯޑްކާސްޓިންގެ ޚިދުމަތާއެކު ކާރިސާގެ އެލަރޓް ޓީވީތަކަށް ވަގުތުން


  • މިއީ ޖަޕާނުގެ ހިލޭ އެހީގައި ޤާއިމުކުރާ އަރލީ ވަރނިން ސިސްޓަމެއް

  • ކާރިސާގެ އެލަރޓާއި މުހިންމު އާއްމު މަޢުލޫމާތު ޓީވީތަކަށް ވަގުތުން ދާނެ

  • މިނިޒާމު ޤާއިމުކޮށް މުޅިން ނިމޭނީ 2025ގައި

ކާރިސާގެ މަޢުލޫމާތާއި ޢާއްމު މަޢުލޫމާތު ވަގުތުން ވަގުތަށް ފޯރުކޮށްދިނުމަށް ޖަޕާނުގެ އެހީގައި ރާއްޖޭގައި ޤާއިމުކުރާ ޓެރެސްޓީރިއަލް ބްރޯޑްކާސްޓިންގެ ޚިދުމަތް މިއަހަރުގެ ތެރޭގައި ޓެސްޓުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޕީއެސްއެމުން ބުނެފިއެވެ. މިނިޒާމު ރާއްޖޭގެ 20 އަތޮޅުގައި ޤާއިމުކުރާނެއެވެ.

ރާއްޖޭގައި ޑިޖިޓަލް ޓެރެސްޓީރިއަލް ޚިދުމަތް ފުޅާކުރުމުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ 2022ވަނަ އަހަރުއެވެ. މިނިޒާމަކީ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް، އާއްމުންނާއި ހަމައަށް އަވަހަށް މަޢުލޫމާތު ފޯރުކޮށްދިނުމަށް ޤާއިމުކުރާ ނިޒާމެކެވެ.

ޖަޕާނުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ "ޑިޖިޓަލް ޓެރެސްޓީރިއަލް ޓެލެވިޜަން ބްރޯޑްކާސްޓިން އޮޕަރޭޝަން ކެޕޭސިޓީ އިމްޕްރޫވްމަންޓް ޕްރޮޖެކްޓް"ގެ ޢަމަލީ މަސައްކަތް ސަރުކާރުން ހަވާލުކުރައްވާފައިވަނީ ޕަބްލިކް ސަރވިސް މީޑިއާ ޕީއެސްއެމްއާއެވެ. މި ޕްރޮޖެކްޓަކީ ފޮރިން މިނިސްޓްރީ، ފިނޭންސް މިނިސްޓްރީ، ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރ، ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް، ބްރޯޑްކާސްޓިން ކޮމިޝަން އަދި ޕީއެސްއެމް ގުޅިގެން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.

މިޕްރޮޖެކްޓްގެ ބޭނުމަކީ ކުއްލި ޙާލަތްތަކުގައި އެކަމާ ގުޅޭ މަޢުލޫމާތު އެލަރޓްގެ ގޮތުގައި ޓީވީއާއި ޑިޖިޓަލް ވަސީލަތްތަކަށް ފޮނުވުމާއި، އަދި މުހިންމު ޢާއްމު މަޢުލޫމާތު ރައްޔިތުންނާ ހަމައަށް ވަގުތުން ވަގުތަށް ފޮނުވޭނެ ނިޒާމެއް މުޅި ރާއްޖޭގައި ޤާއިމުކުރުމެވެ. މިޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ 20 އަތޮޅުގައި ޓްރާންސްމިޓިން ސްޓޭޝަންތައް ޤާއިމުކުރުމުގެ މަސައްކަތް ޕީއެސްއެމުން ވަނީ ފަށާފައެވެ. މިނިޒާމުގެ ތެރެއިން ރާއްޖޭގެ މީހުން ދިރިއުޅޭ އާބާދީގެ %92 ކަވަރުކުރާނެއެވެ.

ޕީއެސްމްގެ ޑިރެކްޓަރ އޮފް ޕްރޮޖެކްޓްސް އިބްރާޙިމް ރަމީޒް ވިދާޅުވީ، މިނިޒާމު ޤާއިމުކުރާ ހުރިހާ ރަށަކުން އެކަމަށް ބޭނުންވާ ބިން މިހާރު ހަމަޖެހިފައިވާކަމަށެވެ. އަދި 12 ރަށެއްގައި ޢަމަލީ މަސައްކަތް ފަށާފައިވާއިރު، މާލެއަތޮޅުން ވިލިމާލެއާއި މާފުށީގައި ޓްރާންސްމިޓިން ސްޓޭޝަންގެ މަސައްކަތްތައް މިހާރު ނިމުމަކާ ގާތްވެފައިވާ ކަމަށް ރަމީޒް ވިދާޅުވިއެވެ. އިބްރާޙިމް ރަމީޒް ވިދާޅުވީ ޕްރޮޖެކްޓަށް ބޭނުންވާ މުވައްޒަފުން ތަމްރީންކުރުމާއި، ވަސީލަތްތައް ހޯދުމާއި ޑިޖިޓަލް ސައިނޭޖްތައް އިންސްޓޯލްކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މިޕްރޮޖެކްޓް ކުރިއަށްދާގޮތުގެ މަޢުލޫމާތު ޙިއްސާކުރުމަށް ކަމާގުޅުން ހުރި އިދާރާތަކުގެ މެދުގައި ކޮންމެ 6 މަހަކުން އަންނަނީ ބައްދަލުވުން ބާއްވަމުންނެވެ. މިއަދު ބޭއްވި "ޓެންތް ޖޮއިންޓް ކޯޑިނޭޝަން މީޓިން އޮފް ޑީ.ޓީ.ޓީ.ބީ އޮޕަރޭޝަން ކެޕޭސިޓީ އިމްޕްރޫވްމަންޓް ޕްރޮޖެކްޓް"ގެ ބައްދަލުވުމުގައި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޓަކިއުޗީ މިޑޯރީ އާއި ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ޒީނާ ޒާހިރާއި ސްޓޭކްހޯލްޑަރުން ބައިވެރިވެވަޑައިގެންނެވިއެވެ. ބައްދަލުވުމުގެ މައިގަނޑު މަޤުޞަދަކީ ޕްރޮޖެކްޓް ކުރިއަށްދާގޮތް ދެނެގަތުމާއި ކުރިއަށްގެންދިއުމުގައި ހުރި ގޮންޖެހުންތައް ދެނެގަނެ ގުޅުންހުރި އިދާރާތަކުގެ މަޝްވަރާއާއެކު މައްސަލަތައް ޙައްލުކުރުމެވެ.

ޕީއެސްއެމްގެ ޑިރެކްޓަރ އޮފް ޕްރޮޖެކްޓްސް އިބްރާޙިމް ރަމީޒް ވިދާޅުވީ، މިނިޒާމު މެދުވެރިކޮށް ސުނާމީފަދަ ކާރިސާގެ އެލަރޓް ވަގުތުން ފޮނުވުމާއި، އަދި ޑާޓާ ބްރޯޑްކާސްޓެގެ ތެރެއިން މޫސުމާއި އެކިއެކި ޚިދުމަތްތަކާ ގުޅޭ ޢާއްމު މަޢުލޫމާތުތައް ވަގުތުން ވަގުތަށް ބަލާލެވޭނެކަމަށެވެ.

މިއަހަރުތެރޭގައި މިނިޒާމު ޓެސްޓުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ޕީއެސްއެމުން ބުނެއެވެ. އަދި 2025ވަނަ އަހަރުގެ ޖޫންގެ ނިޔަލަށް މިނިޒާމު ޤާއިމުކުރުމުގެ މަސައްކަތް މުޅިން ނިންމާލުމަށް ދަނީ މަސައްކަތްކުރަމުންނެވެ.

ޖަޕާންގެ ގްރާންޓް ޕްރޮޖެކްޓްގައި މިޚިދުމަތް ނުލިބޭ ސަރަޙައްދުތަކަށް، ސަރުކާރުގެ އެހީގައި މިނިޒާމު ޤާއިމުކުރުމަށްވެސް މަސައްކަތްކުރަމުންދާ ކަމަށް ޕީއެސްއެމުން ވަނީ ބުނެފައެވެ.