ކުޅިވަރު

ބިސް ބުރު ހާޒިރެއްނުވި، ވިކްޓަރީއަށް ގުރޫޕުގެ އެއްވަނަ


އެމްޕީއެލް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި މިއަދު ހަވީރު ކުޅެން އޮތް މެޗަށް ބިސް ބުރު ސްޕޯޓްސް ކުލަބު ހާޒިރުނުވުމުން، ވިކްޓަރީ ސްޕޯޓްސް ކުލަބަށް މެޗު ލިބިއްޖެއެވެ.

މި މެޗަށް ވިކްޓަރީ ހާޒިރުވި ނަމަވެސް، ބިސް ބުރަށް މެޗު ފަށަން އޮތް ގަޑިއަށް ޓީމު ހަމަކުރެވިފައެއް ނުވެއެވެ. އެގޮތުން އެ ޓީމުން ދަނޑަށް ހާޒިރުވީ 10 ކުޅުންތެރިން ކަމަށް މައުލޫމާތު ލިބެއެވެ. އެހެންކަމުން މެޗު ކޮމިޝަނަރު ވަނީ ބިސް ބުރު ދަނޑަށް ހާޒިރުނުވާ ކަމަށް ނިންމައި، މި މެޗުން ވިކްޓަރީ މޮޅުވީ ކަމަށް ނިންމާފައެވެ. އެހެންކަމުން އެ ޓީމަށް ތިން ޕޮއިންޓާއި ފައިދާ ދެ ލަނޑު ވަނީ ލިބިފައެވެ.

މުބާރާތުގެ ގަވާއިދުގައިވާ ގޮތުން މެޗެއް ކުޅުމަށް ހަމަޖެހިފައިވާ ދުވަހު އެ މެޗުގައި ކުޅެން ހަމަޖެހިފައިވާ ޓީމެއް ދަނޑަށް ހާޒިރުނުވެއްޖެނަމަ ނުވަތަ ހާޒިރުވެ މެޗު ނުކުޅެފިނަމަ، އަދި އެއްވެސް ސަބަބަކާ ހުރެ މެޗެއްގެ ފުރިހަމަ ވަގުތު ހަމަނުވަނީސް މެޗުގެ ބާކީ އޮތް ބައި ފުރިހަމަ ނުކޮށް ދެ ޓީމުން ކުރެ ޓީމެއްގެ އިހުމާލުން މެޗު ހުއްޓާލަން ޖެހިއްޖެނަމަ، އެ އަމަލެއް ހިންގި ޓީމެއް ތިރީސްހާސް ރުފިޔާ އާއި ފަންސާސްހާސް ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އަދި އެފަދަ ބައެއް ހާލަތްތަކުގައި އެ ޓީމެއް މުބާރާތުން ވަކިކުރުމާއި ނުވަތަ ކުރިއަށްހުރި މެޗުތަކާއި މުބާރާތްތަކުގައި ބައިވެރިނުކުރާ ގޮތަށް ނިންމުމުގެ އިޚުތިޔާރު ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އަށް ލިބެއެވެ.

މިއީ މި ފަހަރުގެ ދެވަނަ ޑިވިޝަނުގައި ޓީމެއް މެޗަށް ހާޒިރުނުވި ދެވަނަ ފަހަރެވެ. އެގޮތުން މީގެ ކުރިން މި މަހުގެ 13 ވަނަ ދުވަހު ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅެން އޮތް މެޗަށް ކުލަބު ޓީނޭޖް ހާޒިރުނުވުމުން، އެފްއޭއެމުން ވަނީ އެ ކުލަބު ތިރީސްހާސް ރުފިޔާއިން ޖޫރިމަނާކޮށްފައެވެ.

މިއަދު ކުޅެން އޮތް މެޗަށް ބިސް ބުރު ހާޒިރުނުވުމުން ވިކްޓަރީއަށް މެޗު ލިބުނުއިރު، އެ ޓީމަށް ވަނީ ގުރޫޕު ސީގެ އެއްވަނަ ކަށަވަރުވެފައެވެ. އެގޮތުން ވިކްޓަރީއަށް ހަތަރު މެޗުން 12 ޕޮއިންޓް ލިބުނުއިރު، ދެވަނައިގައި އޮތް ލެގޫންސް ސްޕޯޓްސް ކުލަބާއި ތިންވަނައިގައި އޮތް ކުލަބު ޕީކޭއަށް ވަނީ ހަ ޕޮއިންޓް ލިބިފައެވެ. ހަތަރުވަނައިގައި އޮތް ލޮރެންޒޯ ސްޕޯޓްސް ކުލަބަށް ތިން ޕޮއިންޓް ލިބިފައިވާއިރު، ފުލުގައި އޮތް ބިސް ބުރަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

މި ގުރޫޕުގެ ފަހު މެޗުގައި އަންނަ ހޮނިހިރު ދުވަހު ލެގޫންސް ނުކުންނާނީ ލެރޮންޒޯއާ ދެކޮޅަށެވެ.