ޚަބަރު

ސިޔާސީ ތޫފާނުގެ ތެރެއިން އަންނަ ރޯޅީގައި ބަލިކަށިކޮށެއް ނުލެވޭނެ: ޑރ. ޝަހީމް


  • ރުހުން ނުދިނުމުން ހިތުގައި އެއްވެސް ނުތަނަވަސްކަމެއްނެތް ކަމަށް

  • ފާއިތުވި 20 އަހަރުގެތެރޭވެސް ގޮންޖެހުންތަކާ ކުރިމަތިލާންޖެހުނުކަމަށް

ސިޔާސީ ތޫފާނުގެ ތެރެއިން އަންނަ ރޯޅީގައި ބަލިކަށިކޮށް ނުލެވޭނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ކެބިނެޓަށް ރުހުން ދެއްވުމާއި ގުޅޭގޮތުން އިއްޔެ މަޖިލީހުގައި ނެގި ވޯޓުގައި ވަނީ 3 ވަޒީރަކަށް ރުހުން ދޭން ނުފެންނަކަމަށް ފާސްކޮށްފައެވެ. އެ 3 ވަޒީރުންގެ ތެރޭގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރުވެސް ހިމެނިވަޑައިގަންނަވައެވެ.

ޑރ. ޝަހީމް އަލުން ވަޒީރުކަމަށް އައްޔަންކުރެއްވުމާއި ގުޅިގެން އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ނިންމުންތަކަށް އަބަދުވެސް އިހުތިރާމް ކުރައްވާ ކަމަށެވެ. އަދި މަޖިލީހުން އެމަނިކުފާނަށް ރުހުން ނުދޭން ނިންމި ނިންމުމުގެ ސަބަބުން ހިތުގައި އެއްވެސް ނުތަނަވަސްކަމެއްނެތް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ސިޔާސީގޮތުން ގޮންޖެހުންތަކާ ކުރިމަތިލައްވަން ޖެހިވަޑައިގަތުމަކީ އައު ކަމެއް ނޫންކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ވޭތުވެދިޔަ 20 އަހަރުގެތެރޭވެސް އެކި ކަހަލަ ގޮންޖެހުންތަކާ ކުރިމަތިލައްވަން ޖެހިވަޑައިގެންނެވިކަމަށެވެ. އަދި މިއަދު ވެސް ވަޒީރުކަމުގައި ހުންނެވީ އެ ހުރިހާ ކަމެއް ގިރާކޮށްފައި ކަމަށާއި ދެން ވެސް ކުރިއަށް ވަޑައިގަންނަވަން އޮތީ މާ ފަސޭހަ މަގެއް ނޫންނަމަވެސް އަޒުމާ ހިތްވަރާއެކު ކުރިއަށް ވަޑައިގަންނަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"ރައްޔިތުންގެ މަޖިލީހަކީ ރާއްޖޭގެ ދިމަގްރާތީ ނިޒާމުގެ އެންމެ މަތީ އެއް މުއައްސަސާ. އެ މުއައްސަސާއާ އިސްލާމިކް މިނިސްޓްރީގެ ކަންކަން ހިންގަން ހުންނަ ފަރާތަކާ ދެމެދު ނުތަވަސްކަމެއް އޮވެގެން ނުވާނެ." އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.

ރައްޔިތުންގެ ފަރާތުން ލިބުނު ލޯތްބާއި އިޙްތިރާމްއާއި ސޯޝަލް މީޑިއާގައި ފާޅުކުރަމުންދިޔަ ޝުޢޫރުތަކުގެ ސަބަބުން އިތުރު ހިތްވަރެއް ލިބިވަޑައިގެންނެވިކަން ފާހަގަކުރައްވާ ޑރ. ޝަހީމް ވިދާޅުވީ، އެވުޒާރާގެ މަސައްކަތްތައް ކުރިއަށްގެންދިޔުމުގައި އެއްވެސް ކަހަލަ ތަފާތުކުރުންތަކެއް ނުހުންނާނެކަމަށެވެ. ވަޒީރު ވިދާޅުވީ އެ ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކަކީ އިސްލާމް ދީނާއި ދިވެހި ޤައުމުގެ ޚިދުމަތުގައި ކުރައްވާ މަސައްކަތްތަކެއްކަމަށެވެ. އެހެންކަމުން ސިޔާސީ ތޫފާނުގެ ތެރެއިން އަންނަ ރޯޅީގައި އެ ވުޒާރާ ބަލިކަށިކޮށް ނުލެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރުންނަށް ރުހުން ދިނުމަށް އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގައި ޑރ. ޝަހީމްއަށް ރުހުން ނުދިނުމަށް ނިންމިއެވެ. އެގޮތަށް ނިންމާފައިވަނީ ވޯޓުގައި ބައިވެރިވި މެންބަރުންގެ ތެރެއިން 31 މެންބަރުންގެ ވޯޓުންނެވެ. ނަމަވެސް ރޭ ވަނީ އިއްޔެ ރުހުން ނުލިބުނު 3 ވަޒިރުންނަށް މަޤާމުގެ ހުވާ އަލުންކުރައްވާފައެވެ.