ޚަބަރު

މިލިއަނަކަށްވުރެ ގިނަ ރުފިޔާގެ ތަކެތި ވަގަށް ނެގި މައްސަލައިގައި 2 މީހަކު ހައްޔަރުކޮށްފި


  • ހައްޔަރުކުރީ 30 އަހަރާއި 38 އަހަރުގެ 2 ދިވެހި ފިރިހެނުން

  • 2 މީހުން ވައްކަންކޮށްފައިވަނީ ހެންވޭރު ތިމާވެށިގޭގެ 5 ވަނަ ބުރިން

  • ފުލުހުން ވަނީ ވަގަށް ނަގާފައިވާ ބައެއް ތަކެތި މިހާރު ހޯދާފައި

މިލިއަނަކަށްވުރެ ގިނަ ރުފިޔާގެ ތަކެތި ވަގަށް ނެގިކަމުގެ ތުޙުމަތުގައި 2 މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ ހެންވޭރު ތިމާވެށިގޭގެ 5 ވަނަ ބުރިން، މިލިޔަނަކަށްވުރެ ގިނަ ރުފިޔާގެ ތަކެތި ވަގަށް ނެގި މައްސަލާގައި 30 އަހަރުގެ ދިވެހި ފިރިހެނަކާއި، 38 އަހަރުގެ ދިވެހި ފިރިހެނަކު ކޯޓު އަމުރުގެ ދަށުން ހައްޔަރުކޮށްފައިވާ ކަމަށެވެ. އެގޮތުން، 30 އަހަރުގެ މީހާ ހައްޔަރުކުރީ މިމަހުގެ 26 ގައި ކަމަށާއި، 38 އަހަރުގެ މީހާ ހައްޔަރުކުރީ މިމަހުގެ 27 ގައި ކަމަށެވެ. އަދި މި ދެ މީހުންނަކީވެސް ކުށުގެ ރިކޯޑު އޮތް ދެ މީހުންކަމަށް ފުލުހުން ވިދާޅުވިއެވެ.

ވަގަށްނެގި ބައެއް ތަކެތި ފުލުހުން މިހާރު ވަނީ ހޯދާފައެވެ. އެގޮތުން، ދެ މީހުން ދިރިއުޅު ގެ ބަލާ ފާސްކުރިއިރު، އޭގެ ތެރެއިން އެކެއްގެ ގެއިން އެ މީހުން ވަގަށް ނަގާފައިވާ ބައެއް ތަކެތި ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. މި ތަކެތީގެ ތެރޭގައި އިލެކްޓްރޯނިކްސް ސާމާނާއި، އަތުކުރި ގަޑި ހިމެނޭކަމަށް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 30 އަހަރުގެ މީހާ 30 ދުވަހަށް އަދި 38 އަހަރުގެ މީހާ 15 ދުވަހަށް ބަންދުކުރުމަށް އެ ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިމަހުގެ 25 ގައެވެ. އަދި މި މައްސަލަ، ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން މިހާރު ތަޙުޤީޤު ކުރަމުންދާކަމަށް ފުލުހުން ވިދާޅުވެއެވެ.