ޚަބަރު

ވައިޑް ބޮޑީ އެއަރކްރާފްޓު ގެނެސް ސެޕްޓެމްބަރު މަހު ޚިދުމަތް ފަށަން މިދަނީ ތައްޔާރުވަމުން: އަމީން


  • މިކަމަށް ބޭނުންވާ ދިރާސާ މިހާރު ވަނީ ނިމިފައި

  • ދަތުރުކުރާނެ މަންޒިލްތައް ދެނެގަތުން މިހާރު ދަނީ ކުރިއަށް

  • ސެޕްޓެމްބަރ ނުވަތަ އޮކްޓޯބަރ މަހުގެ ތެރޭގައި ލޯންޗްކުރެވޭނެ

ޤައުމީ އެއަރކައިން، މޯލްޑިވިއަންގެ ޚިދުމަތައް ވައިޓް ބޮޑީ އެއަރކްރާފްޓް ގެނެސް ސެޕްޓެމްބަރ މަހުގެ ތެރޭގައި ދަތުރުތައް ފެށުމަށް ތައްޔާރުވަމުންދާކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

ޤައުމީ އެއަރލައިންގެ އޮޕަރޭޝަންސްތަކުގައި ވައިޓް ބޮޑީ އެއަރކްރާފްޓު ބޭނުންކުރުމަށް މަސައްކަތްތައް ފެށުން ސަރުކާރުގެ ހަފްތާ14 މަގުޗާޓުގައި ވަނީ ހިމަނުއްވާފައެވެ. އަދި މިހާރު މި އޮޕަރޭޝަންސް ފެށުމަށް ކުރަންޖެހޭ ދިރާސާތައްކޮށް ވައިޓް ބޮޑީ އެއަރކްރާފްޓް އޮޕަރޭޝަންސްތަކުގެ ތަފްސީލީ ބިޒްނަސް ޕްލޭން ތައްޔާރުކޮށްވެސް ނިމިފައިވާކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، މި ސަރުކާރު އާއިރު ޤައުމީ އެއަރލައިނަށް ވަރަށް ބޮޑެތި މައްސަލަތަކާއި ގޮންޖެހުންތައް ކުރިމަތިވެފައިވާކަމަށެވެ. ޤައުމީ އެއަރލައިންގެ މުޅި އޮޕަރޭޝަންގެ މިންގަނޑު ކުޑަވެ، މުވައްޒަފުން ގިނަވެ ޚަރަދުވެސް އެތައް ގުނައެއް ބޮޑުވެފައިވާކަން ފާހަގަކުރައްވާ ވަޒީރު ވަނީ ކުންފުނީގެ މާލީ ހާލަތު ވަރަށް ދަށައް ގޮސްފައިވާކަމަށް ވިދާޅުވެފައެވެ. ޤައުމީ އެއަރލައިނަކީ ކުރިއަރުވަންޖެހޭ އަދި ކުރިއެރުވުމުގެ ފުރުސަތުތައް އޮތް އެއަރލައިންއެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

އަމީން ވިދާޅުވީ، ޤައުމީ އެއަރލައިން ކޮޅަށް ޖަހަންޖެހޭކަމަށެވެ. އެގޮތުން ޤައުމީ އެއަރލައިންގެ ބައިނަލައަޤްވާމީ އޮޕަރޭޝަންސްތައް ފުޅާކުރުމަށް ނިންމަވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އެކަން ކުރުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުންދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

އަމީން ވިދާޅުވީ، ބައިނަލްއަޤްވާމީ ދަތުރުތައް ފެށުމަށް ބޭނުންވާ ވައިޓް ބޮޑީ އެއަރކްރާފްޓްތައް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ. ސަރުކާރުގެ ޕްލޭނާއި އެއްގޮތައް ވައިޓް ބޮޑީ އެއަރކްރާފްޓްގެ އޮޕަރެޝަންސް ފެށޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"ސަރުކާރުގެ އެދުމާއި އެކީގައި މޯލްޑިވިއަނުން ހަދާފައި އޮތް ޕްލޭނަކީ އިރާދަކުރެއްވިއްޔާ މިއަހަރުގެ ސެޕްޓެމްބަރ ނޫނިއްޔާ އޮކްޓޯބަރ ކުރީކޮޅުގައި މި އޮޕަރޭޝަން ލޯންޗްކުރުމުގެ މަސައްކަތް ފެއްޓުން." ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މޯލްޑިވިއަނުން ދަތުރުކުރާނެ ބައިނައަޤްވާމީ މަންޒިލްތައް ދެނެގަތުމަށްޓަކައި މިހާރުވެސް މޯލްޑިވިއަންގެ ޓީމެއް ރާއްޖެއިން ބޭރުގައި ކަނޑައެޅިފައި ހުރި މަންޒިލްތަކުގައި އެކަންތައްތައް އިންތިޒާޒްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށެވެ. ފުރަތަމަ ހުރިހާ މަންޒިލް ނުފެށުނުނަމަވެސް ބޯޓުތައް ލިބެމުންދާ ވަރަކަށް މަންޒިލްތައް އިތުރުކުރަމުންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"މިހާރު ކުރެވެމުންދާ މަސައްކަތުގައި އަޅުގަނޑަށް ފެންނަން އޮތީ މޯލްޑިވިއަންގެ ބިޒްނަސް މޮޑެލްގެ ތެރޭގައި ޗައިނާގެ ޑެސްޓިނޭޝަންސްތައް އެބަހުރި. ޔޫރަޕްގެ ޑެސްޓިނޭޝަންސްތައް އެބަހުރި. ސައުތު އެފްރިކާގެ ޑެސްޓިނޭޝަންސްތައް އެބަހުރި. މިޑްލް އީސްޓް އެބަހުރި." ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުމަށްޓަކައި، ޤައުމީ އެއަރލައިން، މޯލްޑިވިއަންގެ އުދުހުންތަކުގައި ވައިޑް ބޮޑީ އެއަރކްރާފްޓުތައް ބޭނުންކުރަން ފަށަން ސަރުކާރުން ނިންމަވާފައިވަނީ މިދިޔަ ޑިސެމްބަރ މަހު ބޭއްވި ވަޒީރުންގެ ބައްދަލުވުމެއްގެ ތެރެއިންނެވެ.