ޚަބަރު

ކައުންސިލްތަކަށް ހިއްސާ ލިބޭގޮތަށް ބިން ދޫކޮށްގެން އާމްދަނީ ހޯދަން ފަށާނަން: މާލެ އަތޮޅު ކައުންސިލް


  • މާލެ އަތޮޅުގެ ކައުންސިލްތަކަށް ލިބޭ އާމްދަނީ ކުޑަ

  • މާލެ އަތޮޅުގެ ޚިދުމަތްތަކުގެ ފެންވަރު ދަށްކަމަށް

  • އައު ސަރުކާރުގެ ސިޔާސަތާއެކު އާމްދަނީ އިތުރުވާނެކަމުގެ އުންމީދުގައި

ރަށުގެ އިޚްތިޞާސްގެ ތެރޭގައި ނުހިމެނޭ ފަޅާއި، ފަޅުރަށްތައްވެސް ލިބޭ ގޮތަށް ސަރުކާރުން ހަމަޖެއްސުމުން، ރަށު ކައުންސިލްތަކަށް ހިއްސާ ލިބޭގޮތަށް، ބިން ކުއްޔަށް ދޫކޮށްގެން އާމްދަނީ ހޯދުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެކަމަށް، މާލެ އަތޮޅު ކައުންސިލުން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި މާލެ އަތޮޅު ކައުންސިލްގެ ރައީސް އަޙްމަދު އަނީސް ވިދާޅުވީ މާލެ އަތޮޅުތަކުގެ ރަށްރަށުގައި އާމްދަނީ ހޯދޭނެ ބިންތަކެއް އެބަހުރިކަމަށެވެ. އެހެންކަމުން އެ ބިންތައް ބޭނުންކޮށްގެން ކައުންސިލަށް އާމްދަނީހޯދޭނެ ގޮތްތައް ހޯދަމުން އަންނަކަން ފާހަގަކުރައްވާ އަނީސް ވިދާޅުވީ ބިންތައް ކުއްޔަށް ދޫކުރާނީ ރަށު ކައުންސިލްތަކަށްކަމަށެވެ.

އަނީސް ވިދާޅުވީ މާލެ އަތޮޅަކީ މުޅި ރާއްޖެއަށް ބެލިޔަސް އެންމެ ގިނަ ރިސޯޓުތައް ހިންގާ އަތޮޅަށްވުމާއެކު ލޯކަލް ޓޫރިޒަމް ފުޅާވެ، ސަރުކާރަށް އެންމެ ބޮޑު އާމްދަނީއެއް ލިބޭ އެއް އަތޮޅަކީވެސް މާލެ އަތޮޅުކަމަށެވެ. އެހެންނަމަވެސް، މާލެ އަތޮޅުގެ ކައުންސިލްތަކަށް ލިބޭ އާމްދަނީ ކުޑަކަމުގެ ކަންބޮޑުވުން އަނީސް ފާޅުކުރެއްވިއެވެ. އެގޮތުން އާމްދަނީ ލިބޭނެ ގޮތްތައްވެސް ވަރަށް މަދު ކަމަށް އަނީސް ވިދާޅުވިއެވެ.

އަތޮޅު ކައުންސިލްގެ ރައީސް ވިދާޅުވީ ކައުންސިލްތަކަށް އާމްދަނީ ހޯދުމަށް ފަޅާއި، ބިމާއި، ފަޅުރަށް ދޫކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާއިއެކު، ބިން ކުއްޔަށްދޭ ގޮތަށް އިޢުލާނުކޮށްގެން، ކައުންސިލްތަކަށް އާމްދަނީ ހޯދޭނެ މަސައްކަތްތައް ވަރަށް އަވަހަށް ފައްޓަވާނެކަމަށެވެ.

"އަތޮޅުގެ އެހެން ރަށްރަށުންވެސް (އާމްދަނީ ހޯދޭނެ މަސައްކަތް ކުރުމަށް) އަތޮޅު ކައުންސިލަށް ބިން، ހޯދުމުގެ މަސައްކަތެއް ފަށާނަން ވަރަށް އަވަހަށް. އެ ބިން ހޯދާ ރަށަކަށްވެސް (ލިބޭ އާމްދަނީން) ޕަސެންޓެއް ލިބޭ ގޮތަށް އޮތީ ރާވާފައި." މާލެ އަތޮޅު ކައުންސިލްގެ ރައީސް އަހްމަދު އަނީސް ވިދާޅުވިއެވެ.

އަތޮޅުގެ ތަރައްޤީ އާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އަނީސް ވިދާޅުވީ ރާއްޖޭގެ އެހެން އަތޮޅުތަކާއި އަޅާބަލާއިރު، މާލެ އަތޮޅުގެ ރަށްރަށް ތަރައްޤީވެފައިވާ މިންވަރު ކުޑަ ކަމަށެވެ. އެގޮތުން، ކުރީ ސަރުކާރުތަކުން މާލެ އަތޮޅަށް އަހަމިއްޔަތު ދީފައިވާ މިންވަރު ކުޑަކަމުގެ ކަންބޮޑުވުންވެސް އަނީސް ފާޅުކުރެއްވިއެވެ.

އަނީސް ވިދާޅުވީ ތަޢުލީމީ ދާއިރާ އާއި، ސިއްޙީ ދާއިރާގައި މާލެ އަތޮޅުގެ ރަށްރަށަށް ވަރަށް ބޮޑު ކުރިއެރުމެއް ބޭނުންވާ ކަމަށެވެ. ސިއްޙީ ޚިދުމަތަށް ހަމައެކަނި މާލެއަށް ބަރޯސާވަންޖެހިފައިވާކަން ފާހަގަކުރައްވަމުން އަނީސް ވިދާޅުވީ، މާލެއަށް ބަރޯސާވުމުން ރައްޔިތުން ސިއްޙީ ދާއިރާއަށް ކުރަންޖެހޭ ހޭދަ ވަރަށް ބޮޑުވެފައިވާކަމަށެވެ. ނަމަވެސް އެހެން އަތޮޅުތަކުގައި މާލެއަށް ނުގޮސް ސިއްޙީ ބައެއް ޚިދުމަތްތައް ލިބޭކަން އަނީސް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އަނީސް ވިދާޅުވީ އަތޮޅުގެ ވަރަށް ގިނަ ރަށްރަށުގައި ހިންގަމުންދިޔަ މަޝްރޫޢުތައް ހުއްޓުމަކަށް އައިސްފައިވާ ކަމަށެވެ. އެހެންނަމަވެސް، އަތޮޅު ކައުންސިލުން އަބަދުވެސް އުންމީދުކުރަނީ މާލެ އަތޮޅާއިި އަތޮޅުގެ ރަށްތައްވެސް އިތުރަށް ތަރައްޤީކުރުމަށްކަމަށާއި، އެހެންކަމުން އައު ސަރުކާރަށް އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އަނީސް ދެއްވިއެވެ.

ރަށު ފެންވަރުގައި ރައްޔިތުން ކުރާ މަސައްކަތްތަކާއި ރައްޔިތުންގެ މަންފާއަށް ބޭނުންކުރެވޭ ގޮތަށް ކައުންސިލްތަކަށް ފަޅުރަށްތައް ދޫކުރަން ސަރުކާރުން ދާދި ފަހުން ވަނީ ނިންމާފައެވެ. ފަޅުރަށްތައް ކައުންސިލްތަކަށް ދޫކުރާނީ އެ ކައުންސިލްތަކުން ހުށަހަޅާ ޕްރޮޕޯސަލްތައް ވަޒަންކުރުމަށްފަހުއެވެ.