ޚަބަރު

ޤައުމީ މަޝްރޫޢުގެ ތެރެއިން އަހަރަކު 700 އިމާމުންނަށް ތަމްރީންދެވޭނެ: ޑރ.ޝަހީމް


  • އިމާމުން ތަމްރީންކުރުމަށް ޤައުމީ މަޝްރޫޢެއް ފެށުމަށް ވަނީ ހަމަޖެހިފައި

  • ރާއްޖެއިން ބޭރުންވެސް ތަމްރީންގެ ފުރުސަތު ލިބޭނެ

  • މާސްޓާސް އަދި ޕީއެޗްޑީއަށް ކިޔެވުމަށް ސްކޮލަރޝިޕްވެސް ދެވޭނެ

ޚިދުމަތުގައި ތިއްބެވި އިމާމުން އިތުރަށް ތަމްރީންކުރުމަށް ހިންގާ ޤައުމީ މަޝްރޫޢުގެ ތެރެއިން އަހަރަކު 700 އިމާމުން ތަމްރީންކުރެވޭނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އިމާމުން އިތުރަށް ތަމްރީންކުރުމަށް ސަރުކާރުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ޤައުމީ މަޝްރޫޢު މާދަމާ އިފްތިތާޙްކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢާ ގުޅޭގޮތުން ވާހަކަދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ.މުހައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ ރާއްޖޭގައި އިމާމުން ތަމްރީންކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ތެރެއިން، ރާއްޖޭގެ އިތުރުން އިސްލާމީ އެހެން ޤައުމުތަކުންވެސް ތަމްރީންވުމުގެ ފުރުޞަތު ލިބޭނެކަމަށެވެ. އެގޮތުން ސަޢުދީ ޢަރަބިއްޔާއާއި މިޞްރާއި، މެލޭޝިއާއި ބުރުނާއީގެ އިތުރުން މޮރޮކޯއިންވެސް ތަމްރީން ޕްރޮގްރާމްގެ ފުރުޞަތު ލިބޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ އިމާމުން ތަމްރީންކުރުމަށް ހިންގާ މަޝްރޫޢުގެ ތެރެއިން އިމާމުންނަށް މާސްޓާޒް އަދި ޕީއެޗްޑީއަށް ކިޔެވުމުގެ ސްކޮލަރޝިޕްވެސް ދެވޭނެކަމަށެވެ. އަދި ސަރުކާރުގެ އަމާޒަކީ މި މަޝްރޫޢުގެ ތެރެއިން އަހަރަކު 700 އިމާމުން ތަމްރީންކުރުންކަމަށްވެސް ޑރ.ޝަހީމް ވިދާޅުވިއެވެ.

އިމާމުން ތަމްރީންކުރުމުގެ މަސައްކަތުގެ އިތުރުން، އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ގެންދަވަނީ މި ދާއިރާއިން ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

އިސްލާމް ދީނަށް ލޯބިކުރާ މުޖުތަމަޢެއް އުފެއްދެވުމަށް މަސައްކަތްކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުތަކުގެ ތެރެއިން މުހިއްމު ވައުދެކެވެ. މިވަޢުދު ފުއްދެވުމަށްޓަކައި "ހަފްތާ14"ގެ މަގުޗާޓުގައިވެސް މި ދާއިރާއިން މުހިއްމު ކަންތައްތަކެއް ކުރިއަށްގެންދެވުމަށް ވަނީ ހިމަނުއްވާފައެވެ. އޭގެތެރެއިން ގިނަ މަސައްކަތްތަކެއްގެ އަމަލީ މަސައްކަތްވެސް ސަރުކާރުން ވަނީ ފައްޓަވާފައެވެ.