ޚަބަރު

ފަސް ރަށެއްގައި އިޢާދަކުރަނިވި ހަކަތަ އުފެއްދުމުގެ މަޝްރޫޢު


ފަސް ރަށެއްގައި ކުރިއަށްގެންދަވާ އިޢާދަކުރަނިވި ހަކަތަ އުފެއްދުމުގެ މަޝްރޫޢު، ފެއްޓެވުމަށް ބޭނުންވާ ސޯލާ ޕެނަލްތައް ރާއްޖެ ގެންނަވާ އެމަޝްރޫޢު ފެއްޓެވުމުގެ އެންމެ ފަހުގެ ތައްޔާރީތައް ކުރައްވަމުން އެބަގެންދަވައެވެ. އެންވަޔަރަމަންޓް މިނިސްޓްރީން ވިދާޅުވީ، ޕޮއިސްގެ ނަމުގައި ކުރިއަށްގެންދަވާ މި މަޝްރޫޢުގެ ދަށުން އެންމެ ފުރަތަމަ މަސައްކަތް ކުރިއަށްގެންދެވޭނީ އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކުގައި ކަމަށެވެ. މި މަހުގެ ތެރޭގައި އައްޑޫސިޓީގެ ހިތަދުއާ މަރަދޫފޭދުއާ މަރަދޫ އަދި ފޭދޫގައި، 1.6 މެގަވޮޓްގެ ސޯލާ ޕެނަލް ހަރުކުރެއްވުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް އެންވަޔަރމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. ސޯލާ ޕެނަލްތައް ހަރުކުރެއްވުމަށް ހަމަޖެހިފައިވަނީ އިޖުތިމާޢީ އިމާރާތްތަކާއި، ގެތަކުގެ ފުރާޅުތަކުގައެވެ. img:http://s1.psmnews.mv/images/660x400/14608220339015.jpg|ފަސް ރަށެއްގައި ސޯލާ ޕެނަލް ހަރުކުރުމުގެ މަސައްކަތް - ފޮޓޯ: އެންވަޔަރަމަންޓް މިނިސްޓްރީ

ހުޅުމީދޫގައިވެސް ސޯލާ ޕެނަލް ހަރުކުރެއްވުމަށް ހަމަޖެހިފައިވާކަމަށާއި އެކަމާއި ގުޅޭ ދިރާސާތައް މިހާރު ވަނީ ފައްޓަވާފައިވާ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވެއެވެ. މި މަޝްރޫޢުގެ ދަށުން އައްޑޫސިޓީގެ އިތުރުން ބ.ގޮއިދޫގައި 200 ކިލޯވޮޓް، ޅ.ކުރެންދޫގައި 300 ކިލޯވޮޓް، ތ.ބުރުނީގައި 100 ކިލޯވޮޓް އަދި ގއ.ވިލިނގިލީގައި 300 ކިލޯވޮޓްގެ ސޯލާ ޕެނަލް ހަރުުކުރެއްވުމަށް ސަރުކާރުންވަނީ ނިންމަވާފައެވެ. ޕޮއިސް ޕްރޮޖެކްޓަކީ އޭޝިޔަން ޑިވްލޮޕްމަންޓް ބޭންކް، އޭ.ޑީ.ބީ އާއި އެެންވަޔަރަމަންޓް މިނިސްޓްރީ ގުޅިވަޑައިގެން ކުރިއަށްގެންދަވާ މަޝްރޫޢެކެވެ. ސަރުކާރުން ކުރިއަށްގެންދަވާ އިއާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތަކަކީ ކާބަން މަދު ޤައުމަކަށް ރާއްޖެ ހެއްދެވުުމުގެ ސިޔާސަތަށް ވާސިލްވުމަށްޓަކައި ކުރިއަށްގެންދަވާ މަޝްރޫޢުތަކެކެވެ.