ފަލަސްތީނުގެ ޣައްޒާގައި ޔަހޫދީން ހިންގަމުންދާ ޤަތުލުޢާންމާ ދެކޮޅަށް ދެކުނު އެފްރިކާއިން އިންޓަރނޭޝަނަލް ކޯޓު އޮފް ޖަސްޓިސް، އައިސީޖޭއަށް ހުށަހަޅާފައިވާ މައްސަލައިގައި ދިވެހިރާއްޖެއިން ބައިވެރިވުމަށް ސަރުކާރުން ނިންމަވައިފިއެވެ. ދުނިޔޭގެ ކޯޓުގެ ގޮތުގައި ބަލައި އައިސީޖޭއަށް ހުށަހަޅާފައިވާ މައްސަލައިގައި ރާއްޖެއިން ބައިވެރިވުމަށް ނިންމީ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި އެ ކަމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ފަހުއެވެ.
ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ޔަހޫދީން ހިންގާ ޤަތުލުޢާންމު ކުށްވެރިކޮށް ދެކުނު އެފްރިކާއިން އައިސީޖޭއަށް މައްސަލަ ހުށަހެޅީ 1948 ވަނަ އަހަރު އެކުލަވާލާފައިވާ ޤަތުލްޢާންމު މަނާ ކުރުމާއި އެ ކަން ކުށްވެރިކުރުމާ ބެހޭ ބައިނަލްއަގުވާމީ މުޢާހަދާއާ ޔަހޫދީން ޚިލާފުވެފައިވާ ކަމަށް ބުނެއެވެ. އެ މައްސަލަ އެ ޤައުމުން އައިސީޖޭއަށް ހުށަހެޅީ މިދިޔަ ޑިސެމްބަރު 29ގައެވެ.
ވަޒީރުންގެ މަޖިލީހުން ނިންމެވި ނިންމެވުންތަކުގެ މައުލޫމާތު ޙިއްޞާކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ ޢަބްދުﷲ ނާޡިމް ވިދާޅުވީ ދެކުނު އެފްރިކާއިން އައިސީޖޭއަށް ހުށަހަޅާފައިވާ މައްސަލައިގައި ރާއްޖެއިން ބައިވެރިވުމަށް ނިންމާފައިވާކަމަށެވެ. އަދި އެ މައްސަލައިގައި ދިވެހި ސަރުކާރުގެ އޭޖެންޓެއްގެ ގޮތުގައި ބަންޑާރަނައިބު އަޙްމަދު އުޝާމް ކަނޑައަޅުއްވާފައިވާ ކަމަށް ވެސް ނާޡިމް ވިދާޅުވިއެވެ.
ޔަހޫދީންނާއި ދެކޮޅަށް އައިސީޖޭއަށް މައްސަލަ ހުށަހެޅުމާއެކު ވެސް ރާއްޖެއިން ވަނީ އެ ކަމަށް މަރުހަބާ ކިޔާފައެވެ. އެ ގޮތުން ދެކުނު އެފްރިކާގެ ހުށަހެޅުމަށް މަރުހަބާ ވިދާޅުވެ، ސަރުކާރުން ނެރުއްވި ބަޔާނުގައި ވިދާޅުވީ ޔަހޫދީ ފައުޖުން ދެމުންދާ ޙަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ ކުށެއް ނެތް އެތައް ހާސް ރައްޔިތުންނެއް ޝަހީދުވެފައިވާ ކަމަށެވެ. އޭގެ ތެރޭގައި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނެއެވެ. އަދި އެއީ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ބައިނަލްއަގުވާމީ ގާނޫނުތަކަށް ބެލުމެއް ނެތި ޤަތުލްޢާންމު މަނާ ކުރާ މުޢާހަދާއާ ދެކޮޅަށް ހިންގާ ޖަރީމާއެއް ކަމަށް ދިވެހި ސަރުކާރުން ޤަބޫލުކުރައްވާ ކަމަށް އެ ބަޔާނުގައި ވަނީ ވިދާޅުވެފައެވެ.
ދިވެހި ސަރުކާރުން ވަނީ ޔަހޫދީންގެ ހަމަލާތައް ވަޤުތުން ވަޤުތަށް ހުއްޓާލުމަށް ގޮވާލައި ފަލަސްތީނުގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ފުރުޞަތު ހުޅުވާލުމަށް ވެސް ގޮވާލައިފައެވެ. އަދި ދެކުނު އެފްރިކާއިން ހުށަހެޅި މައްސަލަ އަވަސްކޮށް ބައިނަލްއަގުވާމީ މުޢާހަދާތަކާއި އިންސާނީ ޙައްޤުތަކަށް އަރައިގެންފައިވާ ފަރާތްތަކަށް އޭގެ ޙައްޤު އަދަބު ދިނުމަށް ވެސް ރާއްޖޭން ވަނީ އައިސީޖޭއަށް ގޮވާލާފައެވެ. އެ ކަންކަމުގެ އިތުރުން ދިވެހި ސަރުކާރުން ގެންދަވަނީ ބައިނަލްއަޤްވާމީ ހުރިހާ ފޯރަމްތަކެއްގައި ވެސް ފަލަސްތީނުގެ ރައްޔިތުންގެ ޙައްޤުގައި އަޑުއުފުލަމުންކަން ވެސް ފާހަގަކޮށްލެވެއެވެ.
ފަލަސްތީނުގެ ޣައްޒާއަށް ޔަހޫދީ އިސްތިޢުމާރީ ފައުޖުން ހަމަލާ ދޭން ފެށިތާ ތިން މަސް ދުވަސްވެފައިވާއިރު މިހާތަނަށް ފަލަސްތީނުގެ އެތައް ހާސް ރައްޔިތުންނެއް ވަނީ ޝަހީދުކޮށްލާފައެވެ. މި ހަމަލާތައް ވަގުތުން ހުއްޓާލުމަށް ގޮވާލައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުޒާހަރާތައް ވެސް ދަނީ ކުރަމުންނެވެ.