ޚަބަރު

ތިނަދޫއިން ފެނުނީ ޤައުމީ އެއްބައިވަންތަކަމުގެ ނަމޫނާއެއް: އާދަމް ނަސީރު


  • ހުރިހާ ތައްޔާރީތަކެއް ކޮށްފައިވަނީ ތިނަދޫގެ ރައްޔިތުން

  • ވަޒީރު ވިދާޅުވީ ފެނިގެން ދިޔައީ އެއްބައިވަންތަކަމުގެ ނަމޫނާއެއްކަމަށް

  • ޅެންވެރިންގެ ދުވަސް ފާހަގަކުރުމަށް ތިނަދޫ ރައްޔިތުން ކުރި މަސައްކަތަށް ތަޢުރީފު ވިދާޅުވި

މިއަހަރުގެ ޅެންވެރިންގެ ދުވަސް ފާހަގަކުރުމަށް ގދ. ތިނަދޫގައި ކުރިއަށްގެންދިޔަ ހަރަކާތްތަކުން ފެނިގެންދިޔައީ ޤައުމީ އެއްބައިވަންތަކަމުގެ ނަމޫނާއެއްކަމަށް ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވެއްޖެއެވެ. މިއަހަރުގެ ޅެންވެރިންގެ ދުވަސް ފާހަގަކުރުމަށް ތިނަދޫގައި ވަނީ ޚާއްސަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައެވެ.

ޅެންވެރިންގެ ދުވަސް ފާހަގަކުރުމަށް ތިނަދޫއަށް ވަޑައިގަތުމަށްފަހު އެނބުރި މާލެ އައިސް އެމަނިކުފާނު ވަނި ތިނަދޫއިން ފެނުނު އެއްބައްވަންތަކަމާއި ޅެންވެރިންގެ ދުވަސް ފާހަގަކުރުމަށް އެރަށު ރައްޔިތުން ކުރި މަސައްކަތްތަކަށް ތަޢުރީފް ކުރައްވާފައެވެ.

ޕީ.އެސް.އެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވީ، ޅެންވެރިންގެ ދުވަސް މިހާ ކުލަގަދަކޮށް ނުބޭއްވި އޮތުމަށްފަހު ތިނަދޫގައި ބޭއްވުމުގެ ފުރުޞަތު ފަހިވީ ރައިސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޅެންވެރިކަމަށް ދެއްވާ ބޮޑު އިސްކަމެއްގެ ސަބަބުންކަމަށެވެ.

އެގޮތުން ރައިސުލްޖުމްހޫރިއްޔާ ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންވެސް ޅެންވެރިންގެ ދުވަސް ފާހަގަކުރުމަށް ވަމުންދިޔަ ތައްޔާރީތައް ބައްލަވާ އެކަމަށް ބަޖެޓް ހަމަޖައްސަވައިދެއްވިކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވަނީ ތިނަދޫއަށް ވަޑައިގަތުމުން ފެނުނީ އެއްބައިވަންތަ ރައްޔިތުންތަކެއް ދިރިއުޅެމުން އަންނަ ރަށެއްކަމަށާއި، ތިނަދޫއިން ފެނުނީ ޤައުމެއް އޮންނަންވާގޮތުގެ ނަމޫނާއެއްކަން ފާހަގަކުރައްވާފައެވެ. އަދި ތިނަދޫގައި ޅެންވެރިންގެ ދުވަސް ފާހަގަކުރުމަށްޓަކައި ކުރި ހުރިހާ މަސައްކަތަކީ އެރަށުގެ ރައްޔިތުން ގުޅިގެން ކޮށްފައިވާ މަސައްކަތެއްކަމުން އެކަމަށް ތަޢުރީފް ކުރެއްވިއެވެ.

އެގޮތުން ކެއުމުގެ ހުރިހާ ކަމަކާ ދުވަސް ފާހަގަކުރުމަށް ހިންގި ހަރާކާތްތައް އިންތިޒާމް ކޮށްފައިވަނީ އެރަށުގެ ރައްޔިތުންކަން ވަޒީރު ފާހަގަކުރެއްވިއެވެ.

"މުޅި ތިނަދޫ އޮތީ އަޅުގަނޑުމެންނަށް ހިނިތުންވެފައި، ފަރިވެ ފޮޅިފައި. އެންމެ ކުޑަކުއްޖާއާ ހިސާބުން ފެށިގެންގޮސް އެންމެ ދޮށީ މީހާއާ ހިސާބަށް. ކެއްކުންތައްވެސް ބޭރު ފަރާތަކާ ހަވާލުނުކޮށް ، އަމިއްލައަށް ހަވާދުތައްވެސް ނަގައިގެން ހުރިހާ ކަމެއް ކޮށްފައި ހުރީ. ދިވެހިންގެ އަމިއްލަ މަސައްކަތްތެރިކަން ކޮށްފައިވަނީ ރަށުގެ ރައްޔިތުން. ހުރިހާ މުއައްސަސާ ގުޅިގެން މިކަން ވަރަށް މަތީ ފެންވަރެއްގައި ކުރިއަށް ގެންގޮސްފައިވަނީ." ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ޤައުމިއްޔަތު އިޔާދަކުރުމުގެ މަސައްކަތުގެ ދަށުން ޅެންވެރިކަން އާލާކުރުމަށާއި ދިވެހި ބަސް އާލާ ކުރުމަށް އެދެވޭ ހައްލެއް އަންނާނެކަމަށެވެ. އަދި ދިރާސާ ކުރުމުގެ މަސައްކަތްތައް ވަރަށް އަވަހަށް ފަށްޓަވާނެކަމަށެވެ.

ޅެންވެރިންގެ ދުވަސް ފާހަގަކުރުމަށް ތިނަދޫގައި ބޭއްވި ޖަލްސާ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ފޯރުކޮށްދިނުމަށްޓަކައިވެސް ތިނަދޫގެ ރައްޔިތުން ވަނީ ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. އާންމު ގޮތެއްގައި މިފަދަ ޖަލްސާއެއް ޓީވީ ނުވަތަ ރޭޑިއޯ މެދުވެރިކޮށް ދުރަށް ފޮނުވާނަމަ އެކަމާ ގުޅުން ހުރި ބަޔަކު ގެނެސްގެން އެ މަސައްކަތް ކުރެއެވެ. އެހެންނަމަވެސް މި ޖަލްސާ ގެނެސްދިނުމުގައި ހަރާކާތްތެރިވެފައިވަނީ ސިދާ ތިނަދޫގެ ޕްރޮޑަކްޝަން ޓީމެކެވެ. އެގޮތުން ޖަލްސާ ކެމެރާކޮށް ޓީވީތައް މެދުވެރިކޮށް ލައިވްކޮށް ދެއްކުމުގެ މަސައްކަތް ކޮށްފައިވަނީ އެކަމުގައި ތަޖުރިބާ ހުރި ތިނަދޫ ރައްޔިތުންނެވެ.

ޅެންވެރިންގެ ދުވަހުގެ ޖަލްސާއަށް ބައިވެރިވުމަށް މާލެއިން ވަޑައިގެންނެވި އިއްޒައްތެރިން ގެނައުމަށްވެސް ތިނަދޫގެ ރައްޔިތުންގެ މުހިއްމު ދައުރެއް އަދާކޮށްފައިވެއެވެ.