ޚަބަރު

ބްރިޖުގެ މަސައްކަތް ބަލާލަން ދިއުމުގައި ސަމާލުވަމާ!


ބްރިޖްގެ މަސައްކަތް ކުރިއަށްދާ ސަރަޙައްދަކީ، ހެވީ ވެހިކަލްތައް އޮޕަރޭޓް ކުރާ ސަރަޙައްދަކަށް ވުމާއެކު، އެ ސަރަޙައްދަށް ގޮސް އުޅުމުގައި، ސަމާލުވުމަށް ހައުސިން މިނިސްޓަރ ޑރ މުޙައްމަދު މުޢިއްޒު އިލްތިމާސް ކުރައްވައިފިއެވެ.

ރާއްޖޭގައި މިވަގުތު ކުރިއަށްދާ ޢުމުރާނީ ތަރައްޤީގެ އެންމެ ބޮޑު މަޝްރޫއަކީ މާލެ އާއި ހުޅުލެއާއި ދެމެދު އަޅުއްވާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތެވެ. މަސައްކަތް ކުރިއަށްދާ 3 ސައިޓްގެ ތެރެއިން މާލޭ ލޮނުޒިޔާރަތްކޮޅު ސައިޓް މިހާރު ފެނިގެންދަނީ ވަރަށް ހަލަބޮލިކޮށެވެ. މަސައްކަތަށް ބޭނުންވާ ބިޔަ އުޅަނދުތަކާއި، ސާމާނުން މުޅި ސަރަޙައްދު ވަނި ފުރާލާފައެވެ.

img:http://s3.psmnews.mv/images/660x400/14607333747352.jpg|ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތް ކުރިއަށްދަނީ- ފޮޓޯ: ހައުސިންގ މިނިސްޓްރީ

ބްރިޖްގެ މަސައްކަތް ކުރިއަށްދާގޮތް ބެލުމަށް އެތައް ބަޔަކު ކޮންމެ ދުވަހަކުވެސް ލޮނުޒިޔާރަތްކޮޅަށް ޖަމާވެއެވެ. މިއާއެކު ހައުސިން މިނިސްޓްރީން އެ ފަރާތްތަކަށް ކޮށްފައިވާ އިލްތިމާސަކީ ރައްކާތެރިކަން ޚިޔާރުކުރުމެވެ. ހައުސިން މިނިސްޓަރ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވީ، ލޮނު ޒިޔާރަތްކޮޅުގައި ޖަހާފައިވާ ފެންސްގެ ތެރެއަށް ވަނުމަކީ މަނާކަމެއް ކަމަށާއި، ވެހިކަލްތައް އޮޕަރޭޓް ކުރަމުންދާ ވަގުތު ސައިޓާއި ކައިރިވުމަކީ ރައްކާތެރި ކަމެއް ނޫން ކަމަށެވެ.

img:http://s2.psmnews.mv/images/660x400/14607334186848.jpg|ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ މަސައްކަތް ކުރިއަށްދާގޮތް ބަލާލުމަށް ބަޔަކު މަޑުކޮށްލައިގެން- ފޮޓޯ: ހައުސިންގ މިނިސްޓްރީ

ބްރިޖްގެ މަސައްކަތް ކުރުމަށްޓަކައި މާލެއާއި ހުޅުލެއާއި ދެމެދު އޮންނަ ކަނޑުއޮޅިން ދަތުރު ކުރުންވެސް ސަރުކާރުން ވަނީ މަނާކޮށްފައެވެ. އަދި އެ ސަރަހައްދަށް ފީނުމާއި، ރާޅާ އެޅުންފަދަ ކަންތައްތައްވެސް ވަނީ މަނާ ކުރައްވާފައެވެ. ބްރިޖްގެ މަސައްކަތް ފެށުމުގެ ކުރިން ލޮނު ޒިޔާރަތްކޮޅު އެންމެ ގިނައިން ބޭނުން ކުރަމުންދިޔައީ ރާޅާ އެޅުންތެރިންނެވެ. އެހެން ނަމަވެސް ސަރުކާރުން ވަނީ އެ ފަރާތްތަކަށް ރާޅާ އެރުމަށް ކ.ތަނބުރުދޫ ދެއްވާފައެވެ.