ދިވެހި ޅެންވެރިކަން ބޭނުންކޮށްގެން ނަފްސާނީ ޙާލަތްތަކަށް ފަރުވާ ދެވޭތޯ ބެލުމުގެ ދިރާސާއެއް ކުރަމުންދާ ކަމަށް ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވަޒީރު ޢާދަމް ނަސީރު އިބްރާޙިމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ މިއަހަރުގެ ޅެންވެރިންގެ ދުވަސް ފާހަގަކުރުމަށް ގދ.ތިނަދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ވަޒީރު އާދަމް ނަސީރު އިބްރާޙިމް ވިދާޅުވީ ޤައުމިއްޔަތު އިއާދަކުރުމުގެ މަސައްކަތުގައި ޅެންވެރިކަމަށް ޚާއްސަ އިސްކަމެއް ދެއްވާނެކަމަށެވެ. ވަޒީރު ވިދާޅުވީ ޅެންވެރިކަމަކީ ހަމައެކަނި މުނިފޫހިފިލުވުމާއި އިޙުސާސުތަކާއި ތޮޅިލުމުގެ ވަސީލަތެއް ނޫންކަމަށާއި، ޒަމާނުގެ ދިރާސާއިން އެނގޭގޮތުގައި ޅެންވެރިކަމަކީ އެއަށްވުރެ މާ ބާރުގަދަ ހަތިޔާރެއްކަމަށެވެ. ޢާދަމް ނަސީރު ވިދާޅުވީ ބޭރުގެ ޤައުމުތަކުގައި ޅެންވެރިކަމަކީ، މީހާގެ ނަފްސާނީ މައްސަލަތަކަށްވެސް ފަރުވާ ދޭ ވަސީލަތަކަށްވެފައި އޮންނަކަމަށާއި ބޭސްވެރިކަމެއްގެ ގޮތުގައިވެސް ޅެން ބޭނުންކުރަމުންދާކަމަށެވެ.
ޅެންވެރިކަން ފުޅާކުރުމަށް ރާއްޖޭގައި ކުރާ މަސައްކަތްތަކުގެ ތެރެއިން، ޅެމުން ނަފްސާނީ ޙާލަތްތަކުގައި ފަރުވާ ދެވޭތޯ ބެލުމަށް ދިރާސާއެއް ކުރެއްވުމަށް ނިންމަވާފައިވާ ކަމަށް ވަޒީރު އާދަމް ނަސީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ޅެމުން ފަރުވާދެވޭކަމަށް ބުނަނީ ޅެމަކީ އޭގެ ސަބަބުން ހިތްވަރު އާލާކުރުމާއި ފިކުރުތަކާއި ދުރުކޮށް ވޭން ކުޑަކުރުމާއި އުފާވެރިކަން ގެނުވާ ކަމަކަށްވާތީކަމަށެވެ.
ވަޒީރު ވިދާޅުވީ މިފަރުވާ ދިނުމުގައި ދިވެހި ޅެންވެރިކަން ބޭނުންކުރެވިދާނެތޯ ބެލުމަށް ދިރާސާއެއް ހެދުމުގެ މަސައްކަތް ކުރައްވަން ނިންމަވާފައިވާކަމަށެވެ.
"މިއީ ޅެންވެރިކަމަށް އެހެން ނަޒަރަކުން ބަލާލުން. ދިވެހި ޅެންވެރިންނާއި، ދިވެހި ޅެން ބޭނުންކޮށް ކުރެވިދާނެ ކަމެއްތޯ މި ދިރާސާކުރަނީ. ފަރުވާ ދެވިދާނެކަން ދިރާސާއިން އެނގިއްޖެނަމަ އެކަން ތަޢާރަފްކުރާނަން. މިކަން ކާމިޔާބުވެއްޖެނަމަ ދިވެހި ޅެން މުޅިން އެހެން ދަރަޖައަކަށް ގެންދެވޭނެ." ވަޒީރު އާދަމް ނަސީރު އިބްރާޙިމް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ދިވެހިބަހުގެ އެކެޑަމީ މަރާމާތުކުރުމުގެ މަސައްކަތް ފެށުމަށްވެސް ތައްޔާރުވެފައިވާކަމަށެވެ. އެގޮތުން އެކެޑަމީގެ މަސައްކަތްތައް އެހެން ތާކަށް ބަދަލުކޮށް، އެކެޑަމީ މަރާތުކޮށް އާބާތުރަފިލުވައިދޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާކަމަށެވެ.
ޅެންވެރިންގެ ދުވަސް ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މިއަހަރުގެ ޅެންވެރިކަމުގެ ދުވަހުގެ ޝަރަފުވެރިޔާ އަބްދުﷲ ޢަފީފްގެ ޅެންފޮތް "އަލިދޯދި"ވަނީ ނެރެފައެވެ. އަދި ޢަފީފުގެ ހަޔާތްޕުޅާއި ޚިދުމަތުގެ މައްޗަށް އެކުލެވޭ ރިޕޯޓެއްވެސްވަނީ ދައްކާފައެވެ.
މީގެއިތުރުންވެސް ޅެންވެރިންގެ ފޮތްތައް ނެރުމާއި، ޅެންވެރިންގެ ވާހަކަތައް ޖަލްސާގައި ވަނީ ގެނެސްދީފައެވެ.