ޚަބަރު

ޤާނޫނާއި ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ކަމަށްބެލެވޭ 2 ބޯޓު ކޯސްޓްގާޑުން ހިފަހައްޓައިފި


  • ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ސްރީލަންކާގެ 2 ބޯޓެއް

  • މި 2 ބޯޓު ހިފެހެއްޓީ ކޯސްޓްގާޑަށް ލިބުނު ރިޕޯޓަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި

  • މީގެ ތެރެއިން އެއް ބޯޓުގައި 7 ފަޅުވެރިން، އަނެއް ބޯޓުގައި 6 ފަޅުވެރިން ތިބި

  • މ ބޯޓުތައް އޮތީ ކޯސްޓްގާޑްގެ ބެލުމުގެދަށުގައި ހއ.ފިއްލަދޫގައި ބަނދަރުކޮށްފައި

ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަހައްދުގައި ޤާނޫނާއި ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަ ކަމަށްބެލެވޭ ބޭރުގެ 2 ބޯޓެއް އެމް.އެން.ޑީ.އެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

ރާއްޖޭގެ ޚާއްޞަ އިޤްތިސާދީ ސަރަޙައްދުގައި ޤާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުންދިޔަކަމަށް ބެލެވޭ ސްރީލަންކާގެ މި 2 މަސްބޯޓު އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބުނު ރިޕޯޯޓަކާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް ކޯސްޓްގާޑް ފަސްޓް ސްކޮޑްރަން އިން ކުރިއަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގައެވެ.

މި ދެ މަސްބޯޓު ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ، ރާއްޖޭގެ އުތުރުން މިމަހުގެ 25 ވަނަ ދުވަހު އެވެ. މި 2 މަސްބޯޓުގެ ތެރެއިން އެއް ބޯޓުގައި 7 ފަޅުވެރިން ތިބިއިރު، އަނެއް ބޯޓުގައި 6 ފަޅުވެރިން ތިބި ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

ސްރީލަންކާގެ މި 2 މަސްބޯޓު މިވަގުތު އޮތީ އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ކޯސްޓްގާޑް ފަސްޓް ސޮކްޑްރަންގެ ކޯސްޓްގާޑް ޝިޕް ނޫރައްދީނުގެ ބެލުމުގެ ދަށުގައި ހއ.ފިއްލަދޫގައި ބަނދަރުކޮށްފައި ކަމަށާއި، އަދި، މި ދެ މަސްބޯޓު މާލެ ގެނެސް މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކުރުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަހައްދުގައި ބޭރުގެ މަސް ބޯޓުތަކުން ޤާނޫނާއި ޚިލާފަށް މަސްވެރިކަން ކުރަމުން އަންނަނިކޮށް އެމްއެންޑީއެފުން ހިފަހައްޓާފައިވެއެވެ. އެގޮތުން މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައިވެސްވަނީ ރާއްޖޭގެ ސަރަހައްދުގައި ޤަވާޢިދާ ޚިލާފަށް ވަދެ މަސްވެރިކަން ކުރަން އުޅުނު ސްރީލަންކާގެ 5 ބޯޓެއް ހިފަހައްޓާފައެވެ. އަދި މިއިން ކޮންމެ ބޯޓެއް އެއްލައްކަ ރުފިޔާއިން ޖޫރިމަނާ ކުރުމަށްފަހު އެޖޫރިމަނާ ދެއްކުމުން އެބޯޓުތައްވަނީ ދޫކޮށްލާފައެވެ.

ދިވެހިރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަޙައްދަށް ވަދެ ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރުމަކީ ޤާނޫނީ ކުށެކެވެ.

މަސްވެރިކަމުގެ ޤާނޫނުގައިވާގޮތުން ޤަވާއިދާ ޚިލާފަށް މަސްވެރިކަން ކުރަނިކޮށް ހިފަހައްޓާ އުޅަނދުތަކުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން ބޮންޑެއް ނުވަތަ ސެކިއުރިޓީއެއް ޑިޕޮޒިޓް ކުރަންދެން އެއުޅަނދު ހިފަހައްޓާފައި ބޭއްވޭނެއެވެ. އަދި ހިފަހައްޓާ އުޅަނދުގައި ހުރީ ހަލާކުވާ ބާވަތުގެ އެއްޗެއްނަމަ އެ ތަކެތި ވިއްކާލެވިދާނެއެވެ.