ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ކުރިމަތިލާ މީހުންގެ ކުށާއި، ދަރަނީގެ ރެކޯޑް ސާފުކުރުމުގެ ޚިދުމަތް ހަފްތާ ބަންދުގައިވެސް ލިބޭނެގޮތަށް އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވިދާޅުވެއްޖެއެވެ.
ޖޭއެސްސީން ވިދާޅުވީ މަޖިލިސް އިންތިޚާބަށް ކުރިމަތިލުމުގެ ފުރުޞަތު ޖެނުއަރީ 31އިން ފެށިގެން ފެބްރުއަރީ 14 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމަވާފައިވާކަން ޑިޕާޓްމަންޓަށް އަންގާފައިވާކަމަށެވެ. އެހެންކަމުން ހުރިހާ ދުވަހެއްގައިވެސް ރެކޯޑް ސާފުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން، ހަފްތާ ބަންދުގައިވެސް ޑީޖޭއޭގެ ޑެސްކްތަކުން އެޚިދުމަތް ލިބޭގޮތަށް ހުޅުވާލުމަށް ނިންމަވާފައިވާކަމަށެވެ.
މި މުއްދަތުގައި ހުކުރު ދުވަސްތަކުގައި ޚިދުމަތް ލިބޭނީ ހަވީރު 16:00އިން 19:00އަށެވެ. އަދި ހޮނިހިރު ދުވަސްތަކުގައި ޚިދުމަތް ލިބޭނީ ހެނދުނު 11:00އިން 15:00އަށެވެ.
ރެކޯޑް ސާފުކުރުމުގެ އިންތިޒާމް ޑިޕާޓްމަންޓްގެ ރިސެޕްޝަނުން ހަމަޖެހޭނެކަމަށް ޑީޖޭއޭން ވަނީ ވިދާޅުވެފައެވެ.
ރެކޯޑް ސާފުކުރަން ހުށައަޅާ މީހުން ދުރާލާ ހުށައެޅުމަށް ޑިޖޭއޭން ވަނީ އިލްތިމާސްކުރައްވާފައެވެ. ރެކޯޑް ސާފުކުރުމަށް 5 ދުވަހުގެ މުއްދަތެއް ހިނގާނެތީ އެ މުއްދަތު ލިބޭގޮތަށް، ހުށައެޅުނަށް ސަމާލްކަން ދިނުމަށް ޑީޖޭއޭންވަނީ އެދިވަޑައިގެންފައެވެ.
ރެކޯޑް ސާފުކުރުމަށް އެދި ހުށައަޅަންޖެހޭނީ "ކުށާއި ދަރަނީގެ ރެކޯޑު ސާފުކުރާ ޖަދުވަލު 1" ފޯމު މެދުވެރިކޮށެވެ. ފޯމު ރިސެޕްޝަނުންނާއި، ޑީޖޭއޭގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. ފޯމު ޑީޖޭއޭގެ ރިސެޕްޝަނަށް ނުވަތަ އީމެއިލް މެދުވެރިކޮށްވެސް ހުށައެޅޭނެއެވެ. އީމެއިލް މެދުވެރިކޮށް ހުށައަޅާނީ [email protected] އަށެވެ.
މިއަހަރުގެ މަޖިލިސް އިންތިޚާބު 17 މާޗުގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުންވަނީ ނިންމަވާފައެވެ.
އިންތިޚާބަށް ތައްޔާރުވުމަށް ޕާޓީތަކުން ޕްރައިމަރީ ބޭއްވުމުގެ މަސައްކަތްތައް ދަނީ ކުރަމުންނެވެ.