ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި އުމުރުން ދުވަސްވީ މީހުން އާއިލާތަކުގެ ބެލުމުގެ ދަށަށް ބަދަލުކުރުމަށް ސަރުކާރުން ދޭންވާ ފުރިހަމަ އެހީތެރިކަން، އާއިލާތަކަށް ދެއްވާނެ ކަމަށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވަޒީރު އާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ.
"އަހާ"ފޯރަމްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ސަރުކާރުން މަސައްކަތްކުރައްވަނީ ކޮންމެ މީހަކަށް އަބުރުވެރި އުފާވެރި ދިރިއުޅުމެއް ހޯދާދިނުމަށްކަމަށެވެ. އޭގެ އެންމެ މުހިންމު އެއް މަސައްކަތަކީ، ދަޢުލަތުގެ ބެލުމުގެދަށުގައި ތިބި މީހުން އާއިލާތަކާއި ގުޅުވައިދިނުންކަމަށެވެ.
ވަޒީރު ވިދާޅުވީ ތަފާތު ސަބަބުތަކާހުރެ ދަޢުލަތުގެ ބެލުމުގެ ދަށަށް ބަދަލުކޮށްފައިވާ މީހުން އެބަތިބިކަމަށެވެ. އޭގެތެރެއިން ގިނަ މީހުންނަކީ، އާއިލާގެތެރޭގައި ބެލޭނެ ފުދުންތެރިކަން ނުވަތަ ބޯހިޔާވަހިކަމުގެ ދަތިކަން ހުރިގޮތުން ދަޢުލަތުން ބަލަހައްޓަމުންދާ މީހުންކަމަށެވެ. މިއީ އާއިލާތަކުންވެސް އެ ހިތްދަތިކަން އުފުލާ ކަމެއްކަމަށް ވަޒީރު ޑރ.އައިޝަތު ޝިހާމް ވިދާޅުވިއެވެ. އެކަމަށް ލުޔެއް ހޯދައިދީ ހިތްހަމަޖެހިގެން ދިރިއުޅޭ މުޖުތަމަޢެއް ބިނާކުރުމާއި، އެމީހުންނާ އާއިލާތަކާއި އޮންނަ ގުޅުން އިތުރުކުރުމުގެ މަސައްކަތްތަކެއް ފައްޓަވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
އެގޮތުން މަރުކަޒަށް ޒިޔާރަތްކޮށް އެމީހުންނާ ބައްދަލުކުރެވޭނެ ފަސޭހަ އިންތިޒާމްތައް ހަމަޖެއްސުމުގެ އިތުރުން، އެފަދަ މީހުން އަނބުރާ އާއިލާއާއި ހަވާލުކުރުމަށް މަސައްކަތްތަކެއް ފައްޓަވާފައިވާކަމަށް ވިދާޅުވިއެވެ. އެގޮތުން އެމީހުންނާ އާއިލާއިން ހަވާލުވާއިރު ބޭނުންވާ ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ސަރުކާރުން ދެއްވުމަށް ނިންމަވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެ ތެރެއިން ބައެއް މީހުން އާއިލާއާ ހަވާލުކުރުމަށް މިހާރުވެސް ތައްޔާރުވެފައިވާކަމަށް ވަޒީރު އާއިޝަތު ޝިހާމް ވިދާޅުވިއެވެ.
"މަރުކަޒުން އާއިލާތަކާއި ގުޅިގެން ކުރެވުނު މަސައްކަތުން ގިނަ ބަޔަކު ވަނީ އަނބުރާ އެމީހުން އާއިލާއަށް ގެންދިއުމަށް ބޭނުންވެފައި. ގެންދަންވާއިރަށް ވާންޖެހޭ ތައްޔާރީތައް ވުމަށް އާއިލާތަކަށް މިދަނީ އެހީތެރިކަން ދެމުން. ބޭނުންވަނީ މަރުކަޒަކީ ވަގުތީ ތަނެއްގެ ގޮތުގައި ބޭނުންކޮށް، އެމީހުންނަށް އާއިލާއާއެކު ދިރިއުޅެވޭނެ މަގު ފަހިކޮށްދިނުން." ވަޒީރު ވިދާޅުވިއެވެ.
ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި ތިބި 16 ފަރާތެއް އާއިލާއާއި ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އިޖްތިމާއީ އަދި އާއިލީ ތަރައްޤީއާބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އެ ވުޒާރާއިން ވިދާޅުވީ އަންނަ މަހުގެ ތެރޭގައި މި މީހުން އާއިލާއާއި ހަވާލުކުރުމަށް ތައްޔާރުވަމުން ދާކަމަށެވެ.
ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގައި މިހާރުވެސް 218 މީހަކު އެބަތިއްބެވެ. އަދި މި މީހުންނަށް ޚިދުމަތް ދިނުމަށްޓަކައި އެތަނުގައި 165 މުވައްޒަފުން އަންނަނީ މަސައްކަތް ކުރަމުންނެވެ. ގުރައިދޫ މަރުކަޒަކީ 1976ގައި ޚިދުމަތްދޭންފެށި ތަނެކެވެ.