ޚަބަރު

ޤަވާއިދާއި ޚިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވާނަން: ސަޢީދު


  • އެފަދަ ވިޔަފާރިތައް ދެނަގަތުމުގެ މަސައްކަތް ފުލުހުން ކުރިއަށްގެންދާނެ

  • ގަވާއިދާއި ހިލާފަށް ހިންގާ ވިޔަފާރިތަކަށް ފިޔަވަޅު އަޅާނެ

ޤަވާއިދާއި ޚިލާފަށް ރާއްޖޭގައި ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށް އިޤްތިސާދީ ތަރައްގީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

"އަހާ" ނަމުގައި ކުރިއަށްގެންދާ ވަޒީރުންގެ ޕަބްލިކް ފޯރަމްގައި އާއްމު ރައްޔިތަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ވަޒީރު ވަނީ ގަވާއިދާ ޚިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް ސަރުކާރުން ކުރަން ރާވާފައިވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ.

ސަޢީދު ވިދާޅުވީ ޤަވާއިދާއި ޚިލާފަށް ބިދޭސީން ވިޔަފާރިތައް ހިންގާ މައްސަލައަކީ ސަރުކާރުންވެސް ކަންބޮޑުވާ މައްސަލައެއް ކަމަށެވެ. އެހެންކަމުން އެ މައްސަލަ ހައްލުކުރުމަށް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން މަސައްކަތްކުރަމުންދާކަމަށާއި، އެކަމުގައި ރައްޔިތުން އަދި ވިޔަފާރިވެރިންގެ އެއްބާރުލުން ބޭނުންވާނެކަމަށް ސައީދު ވިދާޅުވިއެވެ.

ސަޢީދު ވިދާޅުވީ ޤަވާއިދާއި ޚިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް ދަތިތަކެއް ކުރިމަތިވާކަމަށާއި އެގޮތުން، ބައެއް ބިދޭސީން ގަވާއިދާއި ޚިލާފަށް ވިޔަފާރިތައް ހިންގަނީ ދިވެހިންނާ ގުޅިގެންކަމަށެވެ.

"ވަރަށް ގިނަ ފަހަރަށް މިވާގޮތަކީ ދިވެހި ކޮންމެވެސް ބޭފުޅެއްގެ ނަމުގައި ވިޔަފާރި މިއޮންނަނީ ރަޖިސްޓްރީ ކޮށްފައި، އެ ރަޖިސްޓްރީ ކުރާ ފަރާތުން މިހަދާ ގޮތަކީ ބިދޭސީއަކަށް އެތަން ހިންގަން މިދެނީ. ދިނީމަ އާންމު އުސޫލުން އިންސްޕެކްޝަނާ ވަރަށް ގިނަ ހާލަތްތަކުގައި ކޮންމެވެސް ގޮތަކުން ޖަސްޓިފައި އެބަކުރޭ މިއީ ދިވެހި ވިޔަފާރިއެއްކަން. ދިވެހި ވިޔަފާރިއަކުން ވަޒީފާ ދީފައި ހުންނަ މީހެއްކަން. ދެން މިޖެހެނީ އަނެއްކާވެސް އެކަމާ ގުޅޭ އިދާރާއަކުން ނުވަތަ ތަނަކުން އޮޅުންފިލުވަން މިއީ ކިހިނެތްވާ ކަމެއްތޯ،" ސަޢީދު ވިދާޅުވިއެވެ.

ސަޢީދު ވިދާޅުވީ ބިދޭސީން ކުރާ ވިޔަފާރިތައް ބަލައި، އެކަމާއި ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގައި އެދިފައިވާނެ ކަމަށެވެ. އަދި އެ މައުލޫމާތު ފޯރުކޮށްދިނުމުން އެފަދަ ވިޔަފާރިތަކާމެދު ފިޔަވަޅު އަޅުއްވާނެކަމަށް ސަޢީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ރަށްރަށުގައި ގަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ދެނެގަތުމަށް ކޮންމެ ރަށެއްގައި ބިދޭސީންގެ ދަފުތަރެއް އެކުލަވައިލުމަށް، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާ ބެހޭ ވުޒާރާގައި އެދިވަޑައިގެންފައިވާނެ ކަމަށެވެ.