ޚަބަރު

ކަނޑުގެ މައްސަލައިގައި ގޮތެއް ނިންމާނީ މުނައްވަރުގެ ޤާނޫނީ ލަފަޔާއެކު: އޭޖީ


  • ރާއްޖެއާއި ރާއްޖެއިން ބޭރުގެ ޤާނޫނީ މާހިރުންގެ ލަފާ ދަނީ ހޯއްދަވަމުން

  • ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި މައްސަލަ ކެބިނެޓަށް ހުށަހަޅާ ގޮތެއް ނިންމޭނެ

ރާއްޖޭގެ ކަނޑު ސަރަހައްދުން ގެއްލިފައިވާ ބައި ހޯދުމުގައި ސަރުކާރުން އަމަލުކުރާނެ ގޮތެއް ކަނޑައަޅާނީ ކުރީގެ ބަންޑާރަ ނައިބު ޑރ. މުޙައްމަދު މުނައްވަރާއި ބޭރުގެ ޤާނޫނީ ތަޖުރިބާކާރުންގެ ލަފާފުޅު ހޯއްދެވުމަށްފަހުކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވެއްޖެއެވެ.

ނިމިދިޔަ އެމްޑީޕީގެ ސަރުކާރުން ޢަމަލުކޮށްފައިވާ ގޮތުން ދިވެހިރާއްޖޭގެ ދެކުނު ކަނޑުގެ ޞަރަޙައްދުން ގެއްލިފައިވާ ބައި ހޯދުމަށް ކުރެވެން ހުރި މަސައްކަތް ކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދެކެވެ.

އިޓްލޮސްއިން ނިންމާފައިވާ ނިންމުން ބަދަލުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ބަންޑާރަ ނައިބުގެ އޮފީހާ ހަވާލުކުރެއްވީ މިމައްސަލައާ ގުޅޭގޮތުން ނިމިދިޔަ ސަރުކާރުން ގެންގުޅުއްވާފައިވާ ސިޔާސަތަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި، ޤާނޫނުތަކާއި ފުށުއަރާގޮތަށް އަދި ދިވެހިރާއްޖޭގެ އެންމެމަތީ މަސްލަހަތު ގެއްލޭގޮތަށް ނިންމަވާފައިވާ ނިންމުމެއްކަމަށްވާތީއެވެ.

ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވީ ދިވެހިރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން، އީ.އީ.ޒެޑްގެ ތެރެއިން ދެކުނު ކަނޑުގެ ޞަރަޙައްދުން ބޮޑުބައެއް ގެއްލޭ ގޮތަށް އިންޓަރނޭޝަނަލް ޓްރައިބިއުނަލް ފޮރ ދަ ލޯ އޮފް ދަ ސީ، އިޓްލޮސްއިން ނިންމާފައިވާ ނިންމުން ދިރާސާކޮށް، ގެއްލިފައިވާ ކަނޑުގެ ސަރަޙައްދުން ހޯދުމަށް ކުރެވެން ހުރި މަސައްކަތްތައް ކުރަމުންދާކަމަށެވެ. އެގޮތުން މި މައްސަލައާ ގުޅޭގޮތުން ޤާނޫނީ ލަފާ ހޯއްދެވުމަށް ކަނޑުތަކާބެހޭ ޤާނޫނީ ދާއިރާގެ ޚަބީރެއްގެ ހައިޞިއްޔަތުން ކުރީގެ ބަންޑާރަނައިބު ޑރ މުޙައްމަދު މުނައްވަރާއި، އިނގިރޭސިވިލާތުގެ ކިންގްސް ކައުންސެލްއަކާއި ކަނޑުތަކުގެ ޤާނޫނާބެހޭ މޯލްޓާގެ ކަމާބެހޭ ތަޖުރިބާކާރެއް ޢައްޔަންކޮށް، މަސައްކަތް ފަށާފައިވާކަމަށް ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވެއެވެ.

ޑރ. މުނައްވަރަކީ އިޓްލޮސްގައި ކުރިޔަށްދިޔަ މައްސަލާގައި ކުރީގެ ސަރުކާރުން ގެންގުޅެފައިވާ ސިޔާސަތާބެހޭ ގޮތުންނާއި، އެ މައްސަލާގައި އޭރުގެ ސަރުކާރުން ޢަމަލުކޮށްފައިވަނީ ދިވެހިރާއްޖޭގެ މަސްލަޙަތު ހިމާޔަތްކުރެވޭ ފަދައަކުން ނޫންކަން ދިވެހި ރައްޔިތުންނަށް ހާމަކޮށްދިނުމުގައި އެންމެ މުޙިއްމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.

ބަންޑާރަ ނައިބުގެ އޮފީހުގެ ބަޔާނުގައިވާ ގޮތުން މި ބޭފުޅުންނާ ޙަވާލުކުރެވިފައިވާ މައިގަނޑު މަސައްކަތުގެ ތެރޭގައި އިޓްލޮސްއިން ނިންމާފައިވާ ނިންމުން ދިރާސާކުރުމާއި، އެ މައްސަލަ އިޓްލޮސްގައި ކުރިޔަށްދިޔައިރު ދިވެހިރާއްޖެއިން ހުށަހަޅާފައިވާ ހުށަހެޅުންތަކުގައި ހުރި މައްސަލަތައް ދެނެގަތުން ހިމެނެއެވެ. އަދި މި މައްސަލަ ހިނގަމުންދަނިކޮށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސާލިޙްގެ ފަރާތްޕުޅުން 22 އޮގަސްޓް 2023 ގައި މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީއާ ގުޅިގެންނާއި، އެ ބޭފުޅުންގެ ނަޒަރުގައި މި މައްސަލާގައި ދިވެހިރާއްޖެއިން ނެގެން ހުރި ދިފާޢުތަކަކީ ކޮބައިތޯ އަދި އެ ގޮތަށް ޢަމަލުކުރިނަމަ މައްސަލައިގެ ނިންމުމަށް ބަދަލެއް އައުމުގެ ފުރުޞަތު އޮތްތޯ ބެލުމުގެ މަސައްކަތްވެސް އެ ބޭފުޅުން ކުރައްވާނެއެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވީ މި މައްސަލާގައި ޢައްޔަންކޮށްފައިވާ ދިވެހިރާއްޖެއާއި ރާއްޖެއިން ބޭރުގެ މާހިރުން ދެއްވާ ޤާނޫނީ ލަފާގެ މައްޗަށް ބިނާކޮށް، މި މަސައްކަތްކުރުމަށް ބަންޑާރަނައިބު ޢައްޔަނުކުރައްވާފައިވާ ކޮމިޓީން ރިޕޯޓެއް ތައްޔާރުކޮށް، ކުރިޔަށްއޮތް ފެބްރުވަރީ މަހުގެ ތެރޭގައި ބަންޑާރަނައިބަށް ހުށަހެޅުމަށް ވަނީ ހަމަޖެހިފައިކަމަށެވެ. އަދި އެ ކޮމިޓީން ތައްޔާރުކުރާ ރިޕޯޓުގެ މައްޗަށް ބިނާކޮށް، މި މައްސަލާގައި ކުރިޔަށްދާންވީ ގޮތް ނިންމެވުމަށް މި މައްސަލަ ކެބިނެޓްއަށް ހުށަހަޅުއްވާނެކަމަށާއި އަދި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒުގެ ވަޢުދުފުޅާ އެއްގޮތަށް ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި މި މައްސަލަ ކެބިނެޓަށް ހުށަހަޅާ ގޮތެއް ނިންމޭނެކަމަށްވެސް ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވެއެވެ.

ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެއިން ވަކިކުރުމުގެ މައްސަލައިގައި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލޭގޮތަށް އިޓްލޮސްއިން މައްސަލަ ނިންމީ މިދިޔަ އަހަރުގެ އޭޕްރީލްމަހުގެ 28 ވަނަ ދުވަހުއެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބޮޑު ބައެއް ގެއްލޭގޮތަށް ނިންމި ނިންމުމާއި ދެކޮޅަށް ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރިނަމަވެސް ކުރީ ސަރުކާރުން ބުނަމުން ގޮސްފައިވަނީ އެއީ ދިވެހިންނަށް ފައިދާވާ ގޮތަށް ނިންމި ނިންމުމެއްކަމަށެވެ. ނަމަވެސް ކުރީ ސަރުކާރުގެ އެ ވާހަކަތައް ޤާނޫނީ ތަޖުރިބާކާރުންވެސް ވަނީ ދޮގުކޮށްފައެވެ.