ޚަބަރު

އަހަރުގެ ފުރަތަމަ ބޮޑު ޓްރެވަލް ފެއަރ، ފިތޫރުގައި ރާއްޖެއިން ބައިވެރިވެއްޖެ


  • ފެއަރ ކުރިއަށްދަނީ ސްޕެއިންގެ މެޑްރިޑުގައި

  • މިމަހުގެ 24 އިން 28އަށް

  • ރާއްޖޭގެ 22 ފަރާތަކުން ބައިވެރިވެފައިވޭ

ސްޕެއިންގެ މެޑްރިޑުގައި ކުރިއަށްދާ ފިތޫރު ފެއަރގައި ރާއްޖެއިން ބައިވެރިވެއްޖެއެވެ.

މިމަމަހުގެ 24 އިން 28 އަށް ކުރިއަށްދާ ފިތޫރު ފެއަރއަކީ މިއަހަރު ރާއްޖެއިން ބައިވެރިވާ އެންމެ ފުރަތަމަ ބޮޑު ޓްރެވަލް ޓްރޭޑް ފެއަރއެވެ. މި ފެއަރގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީއާއެކު ރާއްޖޭގެ ފަތުރުވެރިކަމުގައި ހަރަކާތްތެރިވާ 22 ފަރާތެއްވަނީ ބައިވެރިވެފައެވެ.

ފިތޫރްއަކީ ޓްރެވަލް އެޖެންސީތަކާއި، ހޯލްސޭލަރުންނާއި، ހޮޓަލްތަކާއި އެކޮމޮޑޭޝަންތަކާއި، އެއަރލައިންތަކާއި، ފަތުރުވެރިކަމުގެ ލެޝާރ އަދި ކަލްޗަރަލް އެކްސްޕީރިއަންސްތައް ފޯރުކޮށްދޭ ފަރާތްތަކާއި، މަންޒިލްތަކާއި، މި ދާއިރާގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރާ ފަރާތްތަކާއި، ސްޕެއިންގެ ރަސްމީ ޖަމިއްޔާތަކާއި، ޓްރެވަލް މީޑިއާތައް ބައިވެރިވާ ފެއަރއެކެވެ.

މިއީ ވިޔަފާރީގެ ރަނގަޅު ފުރުސަތުތަކެއް ފަހިކޮށްދޭ ފެއަރއަކަށްވާއިރު، މި ފެއަރއަށް ފަތުރުވެރިކަމުގެ ހިދުމަތްތައް ގަންނަން ބޭނުން ފަރާތްތަކާއި، އިންފްލުއެންސަރުންނާއި މާކެޓް ޕްރޮފެޝަނަލުން ޒިޔާރަތްކުރެއެވެ.

ފިތޫރުގެ ރާއްޖޭގެ ސްޓޭންޑު ފަރުމާކޮށްފައިވަނީ ރާއްޖޭގެ ގުދުރަތީ ރީތި މަންޒަރުތައް ފެންނަ ގޮތަށެވެ. އަދި ފަތުރުވެރިންނަށް ރާއްޖޭގައި ތަޖުރިބާ ކުރެވޭނެ ކަންތައްތަކުގެ ވީޑިއޯތައް ސްޑޭޓުން ފެނިގެންދާނެ ކަމަށް އެމްއެމްޕީއާރުސީއިން ބުންޏެވެ.

ސްޕެއިން އަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުހިންމު މާކެޓެކެވެ. އެގޮތުން މިދިޔަ އަހަރު ނިމުނު އިރު ސްޕެއިން އަކީ ރާއްޖެއަށް 9ވަނަ އަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ޤައުމެވެ.